ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 12:54
އޭސީ މިލާން ކޮޅަށް ހެޓްރިކް ހެދި އިންޓަރ މިލާންގެ ކެޕްޓަން މައުރޯ އިކާޑީ ލަނޑެއް ޖެހުމަށްފަހު އުފާ ފާޅު ކުރަނީ
އޭސީ މިލާން ކޮޅަށް ހެޓްރިކް ހެދި އިންޓަރ މިލާންގެ ކެޕްޓަން މައުރޯ އިކާޑީ ލަނޑެއް ޖެހުމަށްފަހު އުފާ ފާޅު ކުރަނީ
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އިކާޑީގެ ހެޓްރިކާއެކު އިންޓަރ އިން މިލާން ޑާރބީ ކާމިޔާބުކޮށްފި
މިމޮޅާއެކު އިންޓަރ ވަނީ ތާވަލްގެ ކުރީގައިވާ ނަޕޯލީ އާދެމެދު އޮތް ފަރަގު 2 ޕޮއިންޓަށް ހަނިކޮށްފަ
އޭސީ މިލާން ކޮޅަށް ހެދި ހެޓްރިކާއެކު، މިސީޒަނުގައި ކުޅުނު 8 މެޗުގައި އިކާޑީ ވަނީ 9 ލަނޑު ޖަހާފަ
މިއީ އިޓާލިއަން ލީގުގައި މިސީޒަނުގައި އޭސީ މިލާން ބަލިވި 4 ވަނަ މެޗު

އިންޓަރ މިލާންގެ ކެޕްޓަން މައުރޯ އިކާޑީގެ ހެޓްރިކާއެކު، އިޓަލީގެ މިލާނަށް ނިސްބަތްވާ ދެޓީމް ކަމަށްވާ އިންޓަރ މިލާނާއި އޭސީ މިލާނުގެ ކުރިމަތިލުމުގައި އިންޓަރ ކުރި ހޯދައިފި އެވެ.

މިލާން ޑާރބީގެ ނަމުން މަޝްހޫރުވެފައިވާ މިދެޓީމްގެ ކުރިމަތިލުން އިންޓަރ މިލާން ކާމިޔާބު ކުރީ ތިން ލަނޑު ދެ ލަނޑުންނެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީވެސް އިންޓަރ މިލާނުންނެވެ. މިމެޗުގެ 28 ވަނަ މިނިޓުގައި އިންޓަރ އަށް ކުރި ހޯދައިދިނީ އާޖެންޓީނާ އަށް އުފަން ޒުވާން ފޯވާޑް އިކާޑީ އެވެ.

މިލަނޑާއެކު މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފް ފެށިގެން 11 ވަނަ މިނިޓުގައި އޭސީ މިލާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފެނާންޑޭޒް ސައެންޒް އެވެ.

ސައެޒްގެ ލަނޑާއެކު އޭސީ މިލާނުން ނަތީޖާ ހަމަހަމަ ކުރިތާ 7 މިނިޓުވެސް ނުވަނީސް އިކާޑީ ވަނީ މިލާންގެ ދެވަނަ ލަނޑު ޖަހައި އެޓީމަށް ދެވަނަ ފަހަރަށް ކުރިހޯދައިދީފައެވެ.

އޭސީ މިލާނުގެ ދެވަނަ ލަނޑަކީ މެޗު ނިމެން 9 މިނިޓަށް ވެފައިވަނިކޮށް އިންޓަރ މިލާންގެ ގޯލްކީޕަރު ސެމިރް ހެންޑަނޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް، އިކާޑީގެ ހެޓްރިކް ފުރިހަމަކޮށް އިންޓަރ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗުގެ ފަހު މިނިޓުގައި ލިބުނު ޕެނަލްޓި އަކުންނެވެ. މިއީ އިޓާލިއަން ލީގުގައި މިސީޒަނުގައި ކުޅުނު 8 މެޗުގައި އިކާޑީ ޖެހި 9 ވަނަ ލަނޑެވެ.

މިމޮޅާއެކު އިންޓަރ މިލާން ވަނީ އިޓާލިއަން ލީގު ތާވަލްގެ ކުރީގައިވާ ނަޕޯލީ އާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ހަނިކޮށްފަ އެވެ.

އިޓާލިއަން ލީގުގައި ރޯމާ އާއި ސެމްޕްޑޯރިއާ އަދި ތާވަލްގެ ފުލުގައިވާ ސަސުއޯލޯ އާއި ހޭލާސް ވެރޯނާ ފިޔަވައި ކޮންމެ ޓީމެއް އަށް މެޗު ކުޅެފައިވާއިރު، ތާވަލްގެ ކުރީގައިވާ ނަޕޯލީ އަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. ތާވަލްގެ ދެވަނާގައިވާ އިންޓަރ މިލާނަށް 22 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައިވާ ޔުވެންޓަސް އަދި ހަތަރުވަނާގައިވާ ލާޒިއޯ އަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. އާދީއްތަ ދުވަހުގެ ރޭ އިންޓަރ އަތުން ބަލިވި އޭސީ މިލާން ވަނީ ތާވަލްގެ 10 ވަނަ އަށް ވެއްޓިފައެވެ. މިސީޒަނުގައި އަށް މެޗު ކުޅެގެން އޭސީ މިލާނަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

ރޭގެ މެޗަކީ މިސީޒަނަށް ބޮޑު ޚަރަދެއް ކޮށްގެން ނިކުތް އޭސީ މިލާން، ލީގުގައި ބަލިވި ހަތަރު ވަނަ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް