ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 02:05
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ
ގޯލް.ކޮމް
ހޯސޭ މޮރީނިއޯ
ކެރިއަރު ނިންމާލާނީ ޔުނައިޓެޑާއެކު އެއް ނޫން: މޮރީނިއޯ
ކްލަބުގެ މެނޭޖްމަންޓާއި މޮރީނިއޯ އާދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނޭ
އޭނާ ވަނީ ފްރެންޗް ލީގުގެ ކްލަބަކާއި ހަވާލުވެދާނެ ކަމުގެ އިޝާރާތެއް ކޮށްފަ

ކޯޗިންގ ކެރިއަރު ނިންމާލާނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑާއެކުގައި ކަމަށް ނުބެލެވޭ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޔުނައިޓެޑް ދޫކޮށްލަން އުޅޭ ފަދަ މޭރުމަކުން މޮރީނިއޯ ވާހަކަ ދައްކާފައި މިވަނީ ކްލަބުގެ އިސްވެރިންނާއި މޮރީނިއޯ އާދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން މީޑިއާއަށް ތިލަވެފައިވާ ދަނޑިވަޅެއްގައެވެ.

ފްރާންސްގެ ޓީވީ އަކަށް ދިން އިންޓަރވިއުއެއްގައި ޕޯޗުގަލް އަށް އުފަން، 54 އަހަރުގެ ކޯޗު ބުނީ، މިވަގުތަށް ބުނެވެން އޮތް ވާހަކަ އަކީ އޭނާ އަކީ ކަންބޮޑުވުންތަކާއެކު މަސައްކަތްކުރާ، ކުރިމަގަށް އުއްމީދުތަކެއް ހުރި އަދި އައު ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ ކޯޗެއް ކަމަށެވެ.

އަދި އޭނާގެ ކެރިއަރުގައި އިރުޝާދުދޭނެ އެންމެ ފަހު ކްލަބަކީ މެންޗެސްޓަރ ޔުނައިޓެޑް ވެގެންނުދާނެ ކަމަށާއި، އޭނާ އަށް ޔަގީންވާ ކަމަކީ ޔުނައިޓެޑާއެކު ކެރިއަރު ނިންމާނުލާނެ ކަން ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީ، ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އަދި އިޓަލީގެ އިންޓަރ މިލާނާއި ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަށް މީގެ ކުރިން އިރުޝާދު ދިން މޮރީނިއޯގެ ކެރިއަރުގައި އެއްވެސް ކްލަބަކަށް ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއްގައި އިރުޝާދު ދީފައެއްނުވެއެވެ.

ކެރިއަރުގައި މިހާތަނަށް ހަތް ކްލަބަކަށް އިރުޝާދު ދީފައިވާ ކޯޗު ވަނީ، ފްރެންޗް ލީގުގެ ކްލަބަކާއި ހަވާލުވެދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. އެގޮތުން މޮރީނިއޯ ވަނީ، ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އަށް ތައުރީފްކޮށްފައެވެ.

މިއީ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި މޮރީނިއޯގެ ދެވަނަ ސީޒަނެވެ. ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑާއި ހަވާލުވެ، މިދިޔަ ސީޒަނުގައި މޮރީނިއޯ ވަނީ އެކްލަބަށް އިނގިރޭސި ފުޓްބޯޅަ ލީގް ކަޕާއި ޔުއޭފާ ޔޫރޮޕާ ލީގް ކާމިޔާބު ކޮށްދީފައެވެ. އަދި މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް އަންނަނީ މިސީޒަނުގައިވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި މިސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ޔުނައިޓެޑް އޮތީ ލީގު ތާވަލްގެ ދެވަނާގައެވެ.

މިއީ އެކްލަބުގެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން ރިޓަޔަރ ކުރިފަހުން، އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑުން ލީގަށް އެންމެ ބޮޑަށް ވާދަކުރާ ފަހަރެވެ. އެހެންނަމަވެސް ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއަރމަން އެޑްވުޑްވާޑް އާއި މޮރީނިއާ އާދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މޮރީނިއޯ އެކްލަބު ދޫކޮށްލަފާނެ ކަމަށް ވަނީ ބެލެވިފައެވެ.

މޮރީނިއޯ އަކީ ޔޫރަޕްގައި މިވަގުތު ތިބި ކޯޗުންގެ ތެރެއިން އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ އެފްސީ ޕޯޓޯ އަށް ޕޯޗުގަލް ލީގު ދެ ފަހަރު، އަދި ޔުއެފާ ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން ޗެލްސީ އާއެކު އިނގިރޭސި ޕްރިމިއަރ ލީގާއި އިނގިރޭސި ފުޓްބޯޅަ ލީގް ކަޕް ތިން ފަހަރު، އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށް، އިޓަލީގެ އިންޓަރ މިލާނާއެކު އިޓާލިއަން ލީގު ދެފަހަރު، އަދި އިޓާލިއަން ކަޕާއި ޔުއޭފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކޮށްފައެވެ. މެންޗެސްޓަރ ޔުނައިޓެޑާއި ހަވާލު ވުމުގެ ކުރިން މޮރީނިއޯ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގާއި ސްޕެނިޝް ކޮޕަ ޑެލް ރޭ އެއް ފަހަރު ކާމިޔާބު ކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް