ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 02:06
ދިވެހި ޕްރިމއިަރ ލީގުގައި މިލަންދޫ ކޮޅަށް ހެޓްރިކް ހެދި ސެންޓޭ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ހަވާލުވަނީ
ދިވެހި ޕްރިމއިަރ ލީގުގައި މިލަންދޫ ކޮޅަށް ހެޓްރިކް ހެދި ސެންޓޭ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ހަވާލުވަނީ
ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް
ދިވެހި ޕްރިމިއާ ލީގު
ސެންޓޭގެ ހެޓްރިކާއެކު، ތާވަލްގެ ކުރިއަށް ނިއު ރޭޑިއަންޓް ޖެހިލައިފި
ހެޓްރިކާއެކު މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ސެންޓޭ
ގަލާޑޯ އަދި ދަގަނޑޭ ވަނީ ކޮންމެ ކުޅުންތެރިޔަކު 2 ލަނޑު ޖަހައިދީފަ
ތާވަލްގެ ކުރިއަށް ނިއު ޖެހިލީ 8 މެޗުން 21 ޕޮއިންޓް ހަމަކޮށްގެން

ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާއެކު މިލަންދޫ ބަލިކޮށް، ތާވަލްގެ ކުރިއަށް އަނެއްކާވެސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ޖެހިލައިފި އެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި އާދީއްތަ ދުވަހު ހަވީރު މިލަންދޫގެ މައްޗަށް ނިއު ރޭޑިއަންޓް ކުރި ހޯދީ ހަތް ލަނޑު އެއް ލަނޑުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގެ 27 ވަނަ މިނިޓުގައި ނިއު ރޭޑިއަންޓަށް ކުރި ހޯދައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ފުރަތަމަ ހާފްގެ 37 ވަނަ މިނިޓުގައި ނިއުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މިލަންދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާދަމް އިމްރާން އެވެ.

ފުރަތަމަ ހާފް ނިމެން 3 މިނިޓަށް ވެފައިވަނިކޮށް ނިއު އަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީވެސް ސެންޓޭ އެވެ.

މިމެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނިއު އިން ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރި ޤައުމީ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) ކުޅެން ނެރެފައެވެ.

ދަގަނޑޭ އާއެކު ދެވަނަ ހާފްގައި ނިއުގެ އެޓޭކް ވަރުގަދަ ކުރިއިރު، 58 ވަނަ މިނިޓުގައި ދަގަނޑޭ ދިން ބޯޅަ އަކުން ނިއުއަށް ލީޑު ފުޅާ ކޮށްދިނީ ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ.

އޭގެ ތިން މިނިޓު ފަހުން ނިއުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ދަގަނޑޭ އެވެ.

މެޗުގެ 73 ވަނަ މިނިޓުގައި ނިއުގެ ފަސްވަނަ ލަނޑު ގަލާޑޯ ޖަހައިދިން އިރު، ނިއުގެ ހަވަނަ ލަނޑު 77 ވަނަ މިނިޓުގައި ޖަހައިދިނީ ދަގަނޑޭ އެވެ.

މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ނިއުގެ ފަހު ލަނޑު ޖަހާ، ސެންޓޭ ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ސެންޓޭ އެވެ.

މިމޮޅާއެކު ނިއު އިން ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ ކުރިއަށް ޖެހިލީ 8 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި ކޮންމެ ޓީމަކުންވެސް 8 މެޗު ކުޅެފައިވާއިރު ތާވަލްގެ ދެވަނާގައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ތިންވަނާގައިވާ ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. މާޒިޔާ އަށް ތާވަލްގެ ދެވަނަ މަގާމް ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. 12 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނާގައި ވަނީ ގްރީން ސްޓްރީޓެވެ.

ދިވެހި ޕްރިމިއަރ ލީގުގައި އަންނަ ހުކުރު ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ މިލަންދޫ އާއި މާޅޮސް އެވެ. ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ތިނަދޫ އާއި ކުޑަހުވަދޫ އެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް