ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 09:18
ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ އަދި ދަރިފުޅު
ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ އަދި ދަރިފުޅު
ގޫގުލް
ކުޅިވަރު
ރިޕޯޓް: ފަގީރު އާއިލާއަކުން އުފަންވި ހުނަރުވެރި ކުޅުންތެރިއެއް!
ރޮނާލްޑޯ އަށް ލިބިފައިވާ މުއްސަނދިކަމާއެކުވެސް އޭނާއަކީ ގިނަ ބަޔަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކުޅުންތެރިއެއް

ޕޯޗުގަލްގެ މެޑެއިރާއަށް އުފަން އުމުރުން 32 އަހަރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އޭނާގެ މަންމަ އާއި ބައްޕައަށް ލިބުނު އެންމެ ހަގު ދަރިފުޅެވެ. ރޮނާލްޑޯގެ ޢާއިލާއިގައި އޭނާއާއި އެކު ޖުމްލަ ހަތަރު ކުދިން ތިބެއެވެ. އެއީ ބޭބެއަކާއި ދެ ދައްތައެވެ.

ކްރިސްޓިއާނޯގެ ފަހަތަށް “ރޮނާލްޑޯ” މި ނަން އިތުރުކުރީ ރޮނާލްޑޯގެ ބައްޕަގެ ފޭވަރިޓް އެކްޓަރުގެ ނަމާއި އެއްގޮތް ކުރުމުގެ ގޮތުންނެވެ. ރޮނާލްޑޯގެ ބައްޕަގެ ފޭވަރިޓް އެކްޓަރަކީ އެމެރިކާގެ ރައީސްކަންވެސް ކުރިން ކޮށްފައިވާ ރޮނާލްޑް ރޭގަންއެވެ.

 ރޮނާލްޑޯގެ ޢާއިލާއަކީ ބަނޑުހައި ހޫނުކަމުގައި އުޅުނު ފަޤީރު ޢާއިލާއެކެވެ. ރޮނާލްޑޯ ބޮޑުވަމުން އައީ އޭނާގެ ބޭބެ އާއި ދެ ދައްތައާއެކު އެއް ކޮޓަރިއެއްގައެވެ. ސްކޫލްގައި ކިޔަވަމުން ދިޔައިރު ރޮނާލްޑޯއަކީ އެހެންކުދިންގެ މެދުގައި މަޤްބޫލު ކުއްޖެކެވެ. ނަމަވެސް ޓީޗަރެއްގެ ގަޔަށް ގޮނޑިއެއް އެއްލާލި މައްސަލައިގައި ރޮނާލްޑޯ ސްކޫލުން ވަކިކުރިއެވެ. ރޮނާލްޑޯ ބުނިގޮތުގައި އެކަން ކުރީ ޓީޗަރު އޭނާއަށް އިހްތިރާމް އަދާނުކުރީމައެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެންފެށީ އުމުރުން 8 އަހަރުގައެވެ. ޕޯޗުގަލްގެ އާދައިގެ ޓީމެއްގައި ކުޅުނުއިރު ރޮނާލްޑޯގެ ބައްޕަ އަކީ އެޓީމްގެ “ކިޓް މެން” އެވެ. އެއަށްފަހު އޭނާ ފުރަތަމަ ފަހަރަށް ޓީމަކަށް ކުޅެން ސޮއި ކުރީ 1995 ވަނަ އަހަރުއެވެ. އެއީ ޕޯޗުގަލްގެ ނޭޝިއަނަލް އަށެވެ. އެއަށްފަހު ދެން އޭނާ ބަދަލުވީ ޕޯޗުގަލްގެ ސްޕޯޓިން ކްލަބަށެވެ. ސްޕޯޓިން ކްލަބްގައި އުޅުނުއިރު އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލަށް ޖެހިދާނެފަދަ ޞިއްޙި މައްސަލައެއް ކުރިމަތިވިއެވެ. ހިތުގެ ތެޅުން މާ އަވަސްވުމުން ކުރިމަތިވި އުނދަގޫތަކާއިހެދި ދުވަސްކޮޅަކަށް ފުޓްބޯޅަ ކުޅުމާ ރޮނާލްޑޯ ދުރުވިއެވެ. އަދި މަންމަގެ އެހީތެރިކަމާއިއެކު ސާޖަރީ ހަދައި ރަނގަޅުވުމުން އަލުން ފުޓްބޯޅަ ކުޅެންފެށިއެވެ.

ު

ރޮނާލްޑޯ މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ ސްޕޯޓިންގައި ކުޅެމުންދަނިކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން 18 އަހަރުގައި އޭނާ ގެންދިޔަ ހިސާބުންނެވެ. 2003 ވަނަ އަހަރު މެންޗެސްޓަރ އަށް ބަދަލުވުމުގެ ކުރިން ރޮނާލްޑޯއަށް ވަނީ އާސެނަލްގައި ފަރިތަކުރުމުގެ ފުރުޞަތު އެ ކްލަބުން ދީފައެވެ. ނަމަވެސް ރޮނާލްޑޯގެ ހުނަރު އޭރު އެ ކްލަބަށް ފާހަގައެއް ނުކުރެވުނެވެ. ފުޓްބޯޅައިގައި ރޯނާލްޑޯއަށް ލިބިފައިވާ ހުނަރާއެކު އެންމެ އުހަށް އޭނާ އެރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެއަށްފަހު 2009 ވަނަ އަހަރު ރޮނާލްޑޯ ރިއަލް މެޑްރިޑަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.

ރޮނާލްޑޯ އަށް ލިބިފައިވާ މުއްސަނދިކަމާއި އެކުވެސް އޭނާއަކީ ގިނަ ބަޔަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކުޅުންތެރިއެކެވެ. މިގޮތުން 2011 ވަނަ އަހަރު ޔޫރަޕުން އެންމެ ގިނައިން ގޯލްޖަހައިގެން ލިބުނު ރަންބޫޓް 1.5 މިލިއަން ޔޫރޯއަށް ވިއްކާލުމަށްފަހު ލިބުނު ފައިސާ އޭނާ ވަނީ ފަލަސްތީނުގެ ގައްޒާގައި އުޅޭ ސްކޫލް ކުދިންނަށް ހަދިޔާކޮށްފައެވެ. މީގެ އިތުރުން ކެންސަރާއި ހަނގުރާމަކުރި ރޮނާލްޑޯގް މަންމަ ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވި މެޑެއިރާގެ ހޮސްޕިޓަލަށް އޭނާ ވަނީ 2009 ވަނަ އަހަރު އެއްލައްކަ ޕައުންޑް ހަދިޔާކޮށްފައެވެ. މި ފައިސާ ރޮނާލްޑޯ ހަދިޔާ ކުރީ އޭނާގެ އުފަން ރަށުގައި ކެންސަރ ސެންޓަރެއް ޤާއިމްކުރުމަށެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގައި ގެއްލުންވި އިންޑޮނީޝިޔާއަށް ޒިޔާރަތް ކުރުމަށްފަހު އޭނާ ވަނީ އެތަން އާރާސްތުކުރުމަގައިވެސް އެހީތެރިވެދީފައެވެ. އިންޑޮނީޝިޔާއަށް ޒިޔާރަތް ކުރުމަށް ރޮނާލްޑޯ ޝައުގުވެރިވީ އެޤައުމަށް ސުނާމީ އެރިއިރު ޕޯޗުގަލްގެ 7 ނަންބަރ ޖޯޒީއެއް ލައިގެން ހުރި ކުއްޖެއްގެ ވީޑިއޯއެއް ފެނިގެންނެވެ. އެ ވީޑިއޯގައި ފެންނަ ކުއްޖާގެ މުޅި ޢާއިލާ ވަނީ ސުނާމީގައި ދުނިޔެ ދޫކޮށް ގޮސްފައެވެ.

 

ޒިންމާދާރު ބައްޕައެއްގެ މަޤާމް އަދާކުރަމުންދާ ރޮނާލްޑޯއަށް ކުއްޖަކު ލިބުނީ 2010 ވަނަ އަހަރުގެ ޖުލައިމަހުގެ ތިންވަނަ ދުވަހުއެވެ. ނަމަވެސް ކުއްޖާގެ މަންމަގެ ނަން ރޮނާލްޑޯވަނީ ސިއްރުކޮށްފައެވެ. ދަރިފުޅު ބެލުމާއި ހަވާލުވެގެން ތިބެނީ ރޮނާލްޑޯގެ ޢާއިލާއިންނެވެ. ރޮނާލްޑޯގެ ކުރީގެ ލޯބިވެރިޔާ  ރަޝިޔާގެ މޮޑެލްއެއް ކަމުގައި އިރީނާ ޝައިކް ދޫކޮށްލުމަށްފަހު އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސްޕެއިންގެ މޮޑެލްއެއް ކަމުގައިވާ ޖޯޖީނާ ރޮޑްރިގޭޒްއާއެވެ. މިހާރު ރޮނާލްޑޯ ޖޯޖީނާއާ ކައިވެނިކުރުމަށްވެސް ޑޭޓެއް ކަނޑައަޅާފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. މި ރިޕޯޓް ބުނާގޮތުން ރޮނާލްޑޯ ޖޯޖީނާއާ ކައިވެނި ކުރާނީ އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑްކަޕަށްފަހު ގައެވެ. ބައެއް ރިޕޯޓްތަށް ބުނާގޮތުން އެ ކައިވެނި ބިނާވެގެން ވަނީ ޕޯޗުގަލްއަށް ވޯލްޑްކަޕުގައި ލިބޭ ކާމިޔާބީއެއްގެ މައްޗަށެވެ.

ރޮނާލްޑޯ އަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި އެއްދުވަހަކީ އޭނާގެ ބައްޕަ ނިޔާވި ދުވަހެވެ. އުމުރުން 52 އަހަރުގައި ރޮނާލްޑޯ ލޯބިވާ ބައްޕަ ދުނިޔެ ދޫކޮށް ދިޔައީ 2005 ވަނަ އަހަރުއެވެ. އެއަށްފަހު ރޮނާލްޑޯއަށް ލިބޭ ކާމިޔާބީތަކުގައި މަންމަ މާރިއާ ޑޮލޮރެސް އަކީ މުހިއްމު ރޯލެއް އަދާކުރާ ފަރާތެކެވެ.

މަޝްހޫރުކަމާއި އެއްވަރަށް އޭނާއަކީ ސަޕޯޓަރުންނާއި ގާތް ގުޅުމެއްވެސް ބާއްވާ ކުޅުންތެރިއެކެވެ. ސޯޝަލް ނެޓްވޯކްތައް މެދުވެރިކޮށް ސަޕޯޓަރުންނަށް އޭނާއާއި ވާހަކަ ދެއްކުމުގެ ފުރުޞަތު ތަނަވަސްކޮށްދެއެވެ. 2012 ވަނަ އަހަރު ފޭސްބުކުން ރޮނާލްޑޯ ފޮލޯ ކުރާމީހުންގެ އަދަދު 50 މިލިއަންއަށް އެރިއެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ފަހުކޮޅު އޭނާވަނީ އޭނާގެ އުފަން ރަށުގައި ރޮނާލްޑޯގެ ނަމުގައި މިއުޒިއަމެއްވެސް ހުޅުވާފައެވެ. އަދި އެންމެ ފަހުން ހުޅުވި ރޮނާލްޑޯގެ ޚާއްޞަ ވެބްސައިޓް “ވިވާ ރޮނާލްޑޯ” އާއި އެކު އޭނާގެ ސަޕޯޓަރުންނަށް ވަނީ ހިނިތުންވުން ގެނެސްދީފައެވެ.

ފަޤީރު ޢާއިލާއަކަށް އުފަންވި ނަމަވެސް މިހާރު އޭނާއަށް ލިބިފައިވާ މުއްސަނދި ކަމާއި މަޝްހޫރުކަމަކީ ފުޓްބޯޅަ ކެރިއާގައި އޭނާ ކުރި ބުރަ މަސައްކަތުގެ ނަތިޖާ އެވެ.  އެގޮތުން ރޮނާލްޑޯއަކީ ޔޫރަޕްގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއާއެވެ. އެންމެ ފަހުން ޔޫއެފާއިން ދިން މޮޅުކުޅުންތެރިއާގެ އެވޯޑްވެސް ލިބިފއިވަނީ ރޮނާލްޑޯއަށެވެ. ރޮނާލްޑޯވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް 4 ފަހަރު ހޯދާފައެވެ.

 

- ކޮމެންޓް