ކ. މާލެ
|
15 އޮކްޓޯބަރ 2017 | އާދީއްތަ 18:26
ބާސާ އިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ބާސާ އިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ފަހުވަގުތު ރެއާލް މޮޅުވިއިރު، ބާސާ އެއްވަރުވެއްޖެ
ރެއާލް އޮތީ ކުޅުނު 8 މެޗުން ލިބުނު 17 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި
ބާސާ އޮތީ ކުޅުނު 8 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި

ސްޕެނިޝް ލަލީގާގައި ފަހުވަގުތު ރެއާލް މެޑްރިޑް ކުޅުނު މެޗުން އެޓީމު މޮޅުވިއިރު، ބާސާ އަދި އެޓްލެޓިކޯ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ އެއްވަރުވީ އެޓްލެޓިކޯއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

އެޓްލެޓިކޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ބާސާއެވެ. އެހެންނަމަވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓްލެޓިކޯ އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައުލްއެވެ.

މި ލަނޑާއެކު ބާސާ އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ބާސާގެ މައްޗަށް އެޓްލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައިވެސް ބާސާ އިން ފުލުފުލުގައި އެޓްލެޓިކޯގެ ހާފަށް ބާރުބޮޑުކޮށްފައިވާއިރު، އެޓީމުން ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ހޯދާފައެވެ.

ދެވަނަ ހާފްގައި އެޓްލެޓިކޯއިން ވެސް ވަނީ ބާސާގެ ހާފަށް ބާރުބޮޑުކޮށް، ލަނޑު ޖެހުމަށް ފުރުސަތުތައް ހޯދާފައެވެ. އެހެންނަމަވެސް 82 ވަނަ މިނެޓުގައި ބާސާގެ ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 8 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އެޓްލެޓިކޯ ވަނީ 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ގެޓާފޭއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ގެޓާފޭ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މި ލަނޑު 39 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ. މި ލަނޑަށްފަހުވެސް ރެއާލް އިން ދިޔައީ ގެޓާފޭގެ ގޯލަށް ނުރައްކާކުރަމުންނެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ގެޓާފޭ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ގެޓާފޭ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން 56 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖް މޮލީނާއެވެ.

މި ލަނޑަށްފަހުވެސް ގެޓާފޭ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗު ނިމެމުންދަނިކޮށް ރެއާލް އަށް އަނބުރާ ލީޑު ނަގައިދިނީ 85 ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 8 މެޗުން ލިބުނު 17 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ގެޓާފޭ އޮތީ ކުޅުނު 8 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.

- ކޮމެންޓް