ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ދިން ކާރުބޮމުގެ ހަމަލާއެއްގައި މަދުވެގެން 20 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
ސަރުކާރުގެ އޮފީސްތަކާއި ރެސްޓޯރެންޓް އަދި ހޮޓާތައް ހިމެނޭ އެރަށުގެ ސެންޓްރަލް 5 ކޭ ޖަންކްޝަންގައި ހޮނިހިރު ދުވަހު ދިން މި ހަމަލާގައި ގިނަ އިމާރާތްތަކަކާއި ގިނައަދަދެއްގެ ވެހިކަލްތަކަކަށް ވަނީ ގެއްލުން ލިބިފައެވެ.
"މަދުވެގެން އާއްމު ރައްޔިތުންގެ 20 މީހުން ވަނީ މަރުވެފައި. ގިނަ ބަޔަކު ވަނީ ޒަޚަމްވެފައި" އެސަރަހައްދުގެ ޕޮލިސް އޮފިސަރެއް ކަމުގައިވާ އަބްދުﷲ ނޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު މިއަށްވުރެވެސް އިތުރުވާނެ ކަމަށާއި މީހުންގެ ހަށިތައް އުފުލުމުގައި މިވަގުތު ވަރަށް ބިޒީކޮށް މަސައްކަތް ކުރަމުންދާކަމަށެވެ.
މިހަމަލާ ދީފައި މިވަނީ ހަތިޔާރު އެޅި ބަޔަކާއި ސިފައިންނާ ދެމެދު މަޝްހޫރު ހޮޓަލެއްގެ ބޭރާއި އެތެރޭގައި ހަމަލާތަކެއް ބަދަލު ކޮށްފައިވަނިކޮށެވެ.
"ފުރަތަމަ އެމީހުން ބޮމުގެ ހަމަލާއެއް ދިނީ ހޮޓެލްގެ މައި ގޭޓް ކައިރީގައި. ދެން ހަތަިޔާރު އެޅި ހަތަރު މީހުން ހިނގާފައި ހޮޓާ ތެރެއަށް ވަދެގަތީ. ދެން ހަމަލާދޭން ފެށީ. ދެން ހޮޓެލްގެ ސެކިއުރިޓީ މުވައްޒަފުންނާ ފުލުހުން ގުޅިގެން ހަތިޔާރު އެޅި މީހުންނަށް ރައްދުގައި ހަމަލާދޭންފެށި"އަލްޖަޒީރާގެ މުހައްމަދު އަދޯވް ދޯހާގައި ހުރެގެން ރިޕޯޓް ކުރިއެވެ.
ސެކިއުރިޓީ އޮފިޝަލް މުހައްމަދު އާދަން އޭއެފްޕީއަށް ވިދާޅުވީ ގޮއްވާލާފައިވަނީ ބޮޑު ޓްރަކަކަށް ގޮވާތަކެތި އަޅަިގެން ކަމަށެވެ.
މަންޒަރު ދުށް މީހަކު ބުނީ ވައިގެ ތެރެއަށް ވަރަށް ބައިވަރު ކަޅު ދުންތަކެއް އަރައިގެން ދިޔަ ކަމަށާއި އެއަށްފަހު މުޅި މަގުގެ ޓްރެފިކް ބާރުބޮޑުވެގެން ދިއަކަމަށެވެ. އެބޮން ގޮވީ ބާރުބޮޑު މަގެއްގައި ޢާއްމުންގެ ތެރޭގައި ކަމަށާއި ވަރަށްގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާކަމަށާއި އެމީހުންގެ އަދަދުވެސް ބުނަން ނޭނގޭ ކަމަށެވެ.