ކ. މާލެ
|
15 އޮކްޓޯބަރ 2017 | އާދީއްތަ 04:05
ލީރޯއި ސާނޭ -  އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ
ލީރޯއި ސާނޭ - އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ
ޓްވިޓަރ
އިނގިރޭސި ޕްރިމިއާ ލީގު
ތަފާތު ބޮޑު ނަތީޖާއަކުން ސިޓީ މޮޅުވިއިރު ޗެލްސީ ބަލިވެއްޖެ
ސިޓީ ވަނީ 7-2 އަކުން ސްޓޯކް ސިޓީ ބަލިކޮށްފަ
ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ ބަލިވީ 2-1 އަކުން
ސިޓީ ވަނީ މި މޮޅާއެކު ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފަ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން އެ ޓީމު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު ޗެލްސީ ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ސޮޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. މުޅި މެޗުވެސް ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ސިޓީއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. ކައިލް ވޯކާ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ސިޓީއަށް ލީޑު ނަގައިދިނީ ގެބްރިއެލް ޖީސަސްއެވެ. އޭގެ ދެ މިނެޓު ފަހުން ސާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ސްޓާލިން ވަނީ ލަނޑެއް ޖަހައި ސިޓީގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

ސިޓީއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ޑޭވިޑް ސިލްވާއެވެ. އެހެނަސް ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސްޓޯކްގެ މަމޭ ބިރާމް ޑިއުފް ވަނީ ލަނޑެއް ކާމިޔާބުކޮށް ސްޓޯކަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ތިން ލަނޑު އެއް ލަނޑުން ސްޓޯކުގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ދެ މިނެޓު ނުވަނީސް ކައިލް ވޯކާ އަތުން ބައިކޮޅަށް ވަތް ލަނޑުން މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައެވެ. އެހެނަސް މި ލަނޑު ވަނުމާއެކު ސިޓީއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން ފަށާފައެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ކެވިން ޑެބްރައިނާ ނެގި ހިތްގައިމު ހުރަހަކުން ޖީސަސް ވަނީ ނަތިޖާގެ ފަރަގު ސިޓީއަށް ބޮޑު ކޮށްދީފައެވެ.

އޭގެ ފަސް މިނެޓު ފަހުން ފަނާންޑީނިއޯ ވަނީ އޭރިއާ ބޭރުން ހިތްގައިމު ލަނޑެއްޖަހާ ސިޓީއަށް މެޗުން ތިން ޕޮއިންޓް ގެރަންޓީ ކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން ސާނޭ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. ސިޓީގެ ހަތްވަނަ ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމާއި އަލަށް ގުޅުނު ޕޯޗުގަލްގެ މިޑްފީލްޑާ ބަނާޑޯ ސިލްވާއެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޗެލްސީ ވަނީ ތާވަލުގެ އެންމެ ފުލުގައި އޮތް ކްރިސްޓަލް ޕެލަސް އަތުން ދެ ލަނޑު އެއް ލަނޑުން ބަލިވެފައެވެ. ޕެލަސްއިން މި މެޗުގެ ލީޑު ނެގީ 11 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޗެލްސީގެ ޑިފެންޑާ ސީޒާ އަޒްޕްލިކުއެޓާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެ ހަތް މިނެޓު ފަހުން ޗެލްސީ އާއި އަލަށް ގުޅުނު މިޑްފީލްޑާ ޓިމޯ ބަކަޔޯކޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ޕެލަސްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިލްފްރީޑް ޒަހާއެވެ.     

ސިޓީ ވަނީ މި މޮޅާއެކު ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ކުޅުނު އަށް މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތްއިރު ދެވަނައިގައި 20 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ޗެލްސީ މި މެޗުން ބަލިވުމާއެކު އެ ޓީމު އޮތީ ކުޅުނު އަށް މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. ކްރިސްޓަލް ޕެލަސް މޮޅުވި ނަމަވެސް އެ ޓީމު އޮތީ ތާވަލުގެ ފުލުގައެވެ.      

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް