ކ. މާލެ
|
14 އޮކްޓޯބަރ 2017 | ހޮނިހިރު 19:28
ލިޔޯންގެ ކެޕްޓަން ނަބީލް ފެކިރް - އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފަ
ލިޔޯންގެ ކެޕްޓަން ނަބީލް ފެކިރް - އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފަ
ޓްވިޓަރ
ފްރެންޗް ލީގު
ލީގް ވަން: ފަހު ވަގުތު ޖެހި ލަނޑުން ލިޔޯން މޮޅުވެއްޖެ
ލިޔޯންއިން މެޗު ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުން
މި މެޗުގައި ލިޔޯންގެ ކެޕްޓަން ނަބީލް ފެކިރް ވަނީ ދެ ލަނޑު ޖަހާފަ
މި މެޗުން މޮޅުވި ނަމަވެސް ލިޔޯން އޮތީ މިވަގުތު ފްރާންސްގެ ލީގު ވަންގައި މޮނާކޯއަށް ވުރެ ފަހަތުގަ

 

ފްރާންސްގެ ލީގު ވަންގައި މޮނާކޯއާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނެޓުގައި ޖެހި ލަނޑުން ލިޔޯން މޮޅުވެއްޖެއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަނުންނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުތް ލިޔޯންއިން މެޗު ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޓީމުގެ ފަރާތުން ވެސް ވަނީ ބަލާހިތްވާ ޒާތުގެ މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައިވެސް ހަތަރު ލަނޑު ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފަވަނީ ލިޔޯން އިންނެވެ.

އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ނަބީލް ފެކިރް ތަނަވަސް ކޮށްދިން ފުރުސަތަކުން މި ލަނޑު ލިޔޯންއަށް ޖަހައދިނީ މި ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމާއި ގުޅުނު ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް މަރިއާނޯ ޑިއާޒްއެވެ. އެހެނަސް އޭގެ ހަ މިނެޓު ފަހުން ބަލްޑޭ ކެއިޓާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ރޯނީ ލޮޕޭޒް ވަނީ ލަނޑެއް ޖަހާ މޮނާކޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.  

ލިޔޯންއިން މެޗުގެ ލީޑު އަލުން އަނބުރާ ނެގީ މެޗުގެ 23 ވަނަ މިނެޓުގައި ފާލަންޑް މެންޑީގެ އެހީތެރި ކަމާއެކު ނަބީލް ފެކިރް ޖަހައިދިން ލަނޑުންނެވެ. އެހެނަސް މެޗުގެ 34 ވަނަ މިނެޓުގައި އާދަމާ ޓްރައޯރޭ ވަނީ ލަނޑެއްޖަހާ އަނެއްކާ ވެސް މޮނާކޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރުވެ އޮވެގެންނެވެ.

ދެ ވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މި ހާފުގައި ވެސް ދެ ޓީމުން ވަނީ  ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ލިޔޯންގެ ކެޕްޓަން ނަބީލް ފެކިރް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނެޓުގައި ހިލޭ ޖެހުމަކުން ލަނޑެއް ޖަހާ މޮނާކޯގެ ކުޅުންތެރިންނާ ސަޕޯޓަރުންގެ ހިތްތައް ފުނޑުފުނޑު ކޮށްލާފައެވެ.

މި މެޗުން މޮޅުވި ނަމަވެސް ލިޔޯން އޮތީ މިވަގުތު ފްރާންސްގެ ލީގު ވަންގައި މޮނާކޯއަށް ވުރެ ފަހަތުގައެވެ. އެގޮތުން 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތްއިރު މޮނާކޯއަށް ދެވަނަ ލިބެނީ ކުޅުނު ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ހަމައެހެންމެ ލިޔޯންއަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމުގެ ފަހަތުގައި އޮތް މާސޭއަށް ވެސް އެއް މެޗު މަދުން ކުޅެގެން 16 ޕޮއިންޓް ލިބިފައިވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް