ޗައިނާގެ ޓިއަންޖިންގައި ކުރިޔަށްދާ ޓިއަންޖިން އޯޕަންގެ ފައިނަލުން ރަޝިއާގެ މާރިއާ ޝަރަޕޯވާ ޖާގަ ހޯދައިފިއެވެ.
ދުނިޔޭގޭ އެއް ނަމްބަރު ކުޅުންތެރިޔާގެ ގޮތުގައި ކުރިން ރޭންކް ކުރެވިފައި އޮތް ޝަރަޕޯވާ ޓިއަންޖިން އޯޕަންގެ ފައިނަލުން ޖާގަ ހޯދީ މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރި ޗައިނާގެ ޕެންގް ޝުއާއި ސީދާ ދެ ސެޓުން ބަލިކޮށް ގެންނެވެ. މަނާ ބޭސް ބޭނުންކުރުމާ ވިދިގެން 15 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަ ކުރުމަށް ފަހު މިދިޔަ މަހު ކުޅުނު ޔޫއެސް އޯޕަންގެ ގަދަ 16ގައި ވާދަކުރި ޝަރަޕޯވާ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-3 އަދި 6-1 އަކުންނެވެ.
ޑަބްލިއުޓީއޭ ޓެނިސް ރޭންކިންގެ 86 ވަނައިގައި ރޭންކް ކުރެވިފައި އޮތް ޝަރަޕޯވާ ފައިނަލުގައި ވާދަކުރާނީ މިވަގުތު 102 ވަނައިގައި ރޭންކް ކުރެވިފައި އޮތް ބެލާރޫސްގެ 19 އަހަރުގެ ޓެނިސް ކުޅުންތެރިޔާ އަރީނާ ސަބަލެންކާއާއެވެ. އޭނާ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ އިޓަލީގެ ސަރާ އެރާނީ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތަށް އޭނާ ގެންދިޔައީ 6-1 އަދި 6-3 އަކުންނެވެ.
މި މުބާރާތް ވެގެންދާނީ 2015 ވަނަ އަހަރު އިޓާލިއަން އޯޕަން ކާމިޔާބުކުރި ފަހުން ޓެނިސް މުބާރާތެއްގެ ފައިނަލުގައި ޝަރަޕޯވާ ވާދަކުރާ ފުރަތަމަ ފަހަރަށެވެ.