ޝަންގްހާއީ މާސްޓާސްގެ ސެމީ ފައިނަލުން ރޯޖާ ފެޑެރާ އާއި ރަފައޭލް ނަދާލްވެސް ޖާގަ ހޯދައިފިއެވެ.
ޗައިނާގެ ޝަންގްހާއީގައި ކުރިޔަށްދާ ޝަންގްހާއީ މާސްޓާސްގެ ސެމީ ފައިނަލުން ދުނިޔޭގެ ދެވަނަގައި ރޭންކް ކުރެވިފައިވާ ރޯޖާ ފެޑެރާ ޖާގަހޯދީ ކުއާޓާ ފައިނަލްގައި ފްރާންސްގެ ރިޗާޑް ގެސްކުއެޓް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މި މެޗުގެ ސެޓުތައް ފެޑެރާ ގެންދިޔައީ 7-5 އަދި 6-4 އަކުންނެވެ.
ސެމީ ފައިނަލުގައި ފެޑެރާ ވާދަކުރަން ޖެހޭނީ މިދިޔަ މަހު ކުޅުނު ޔޫއެސް އޯޕަންގެ ކުއާޓާއިން އޭނާ ކަޓުވާލި އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯއާއެވެ. އަނިޔާގެ ސަބަބުން 11 މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު މިދިޔަ މަހު ކުޅުނު ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި ވާދަކުރި ޑެލް ޕޮޓްރޯ މި މުބާރާތުގެ ސެމީއިން ޖާގަ ހޯދީ ކުއާޓާގައި ސާބިއާގެ ވިކްޓާ ޓްރިއޯކީ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އަކުން ޓްރިއޯކީ ގެންދިޔަ ނަމަވެސް ޑެލް ޕޮޓްރޯ ވަނީ ފަހުން ކުޅުނު ދެ ސެޓު 6-1 އަދި 6-4 އަކުން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ.
ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ރޭންކް ކުރެވިފައިވާ ނަޑާލް މި މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ބެލްޖިއަމްގެ ގްރިގޯ ޑިމިޓްރޯވް ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 ނަޑާލް ގެންދިޔަ ނަމަވެސް ޑިމިޓްރޯވް ވަނީ 7-6 ކުން ދެވަނަ ސެޓު ގެންގޮސްފައެވެ. ނަޑާލް ސެމީގެ ޖާގައެއް ކަށަވަރު ކުރީ 6-4 އަކުން ފަހު ސެޓު ކާމިޔާބު ކޮށްގެންނެވެ.
ނަޑާލް މީގެކުރިން ދުވަހަކު ވެސް މި މުބާރާތް ކާމިޔާބު ކޮށްފައި ނުވާއިރު ފައިނަލްގެ ޖާގައެއް ހޯދުމަށް ސެމީގައި އޭނާ ނުކުންނާނީ ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ މަރިން ސިލިޗްއާ ދެކޮޅަށެވެ. ސިލިޗް ސެމީގެ ޖާގައެއް ކަށަވަރު ކުރީ ކުއާޓާގައި ސްޕެއިންގެ އެލްބާޓް ރާމޯސް ވިނޯލާސް 6-3 އަދި 6-4 އަކުން ބަލިކޮށްގެންނެވެ.
ނަޑާލް ވަނީ މިދިޔަ ހަފްތާގައި ކުޅުނު ޗައިނާ އޯޕަންގެ ސެމީގައިވެސް ޑިމިޓްރޯވް ބަލިކޮށްފައެވެ. ނަޑާލް ޝެންގްހާއި މާސްޓާސް ކާމިޔާބު ކޮށްފިނަމަ މި މުބާރާތް ވެގެންދާނީ އޭނާ މި ސީޒަނުގައި ކާމިޔާބު ކުރާ ހަތް ވަނަ މުބާރާތަށެވެ.