އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށްފަހު އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރުމަށް އާޖެންޓީނާގެ ޑިފެންޑާ ހަވިޔާ މަޝެރާނޯ ނިންމައިފިއެވެ.
ލިއޮނެލް މެސީގެ ހެޓްރިކާއެކު ތިން ލަނޑު އެއް ލަނޑުން ގައުމުން ބޭރުގައި އިކުއެޑޯ ބަލިކުރުމަށްފަހު އާޖެންޓީނާއިން ވަނީ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މެޗު ނިންމާލުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން 33 އަހަރުގެ މަޝެރާނޯ ބުނެފައިވަނީ ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށާއި އޭނާގެ މި ނިންމުން ބަދަލު ނުކުރާނެ ކަމަށެވެ.
ހަމައެހެންމެ މަޝެރާނޯ ބުނެފައިވަނީ ރަޝިއާގައި އޮންނަ ވޯލްޑްކަޕުގައި ވާދަކުރާ އާޖެންޓީނާގެ ސްކޮޑުން އޭނާއަށް ޖާގަ ދިނުމުގެ ހުރިހާވެސް ބާރެއް އޮތީ ކޯޗު ސަމްޕައޯލީ އަތުގައި ކަމަށާއި ވޯލްޑް ކަޕުގެ ކުރިން މި ލިބޭ ހަތް ވަރަކަށް މަހުގެ ތެރޭގައި އޭނާގެ ފަރާތުން އެންމެ މޮޅު ކުޅުން ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސަމްޕައޯލީ ނިންމާ ގޮތަކަށް އޭނާ ތަބާވާނެ ކަމަށާއި ކޯޗު އޭނާ ނުނަގަން ނިންމި ކަމުގައި ވިޔަސް އެކަމަށް އިހުތިރާމު ކުރާނެ ކަމަށް މަޝެރާނޯ ބުނެފައިވެއެވެ.
ބާސެލޯނާގައި ޑިފެންޑަރެއްގެ ގޮތުގައި ކުޅުނު ނަމަވެސް އާޖެންޓީނާގައި އޭނާ ކުޅެމުން އަންނަނީ ޑިފެންސިވް މިޑްފީލްޑަށެވެ. މަޝެރާނޯ ވަނީ މިހާތަނަށް އާޖެންޓީނާގެ ގައުމީ ޓީމަށް 139 މެޗު ކުޅެދީފައެވެ. މިއީ އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެ ދިން ހަވިޔާ ޒަނޭޓީއަށް ވުރެ ހަތަރު މެޗު މަދު އަދަދެކެވެ. ބެލެވޭ ގޮތުގައި މަޝެރާނޯގެ އިންޓަނޭޝަނަލް ކެރިއަރު ނިންމާލާނީ އާޖެންޓީނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ގޮތުގައެވެ.