ކ. މާލެ
|
13 އޮކްޓޯބަރ 2017 | ހުކުރު 11:34
ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި: އެމަނިކުފާނު ދާދިފަހުން ވިދާޅުވީ ސްޕެއިންއަށް މިހާރު ދިމާވެފައިވާ ހާލަތަކީ އެގައުމުގެ 40 އަހަރުގެ ޑިމޮކްރަސީގެ ތާރީޚުގައި ދިމާވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަ
ސްޕެއިންގެ ބޮޑު ވަޒީރު މާރިއާނޯ ރަޚޮއި: އެމަނިކުފާނު ދާދިފަހުން ވިދާޅުވީ ސްޕެއިންއަށް މިހާރު ދިމާވެފައިވާ ހާލަތަކީ އެގައުމުގެ 40 އަހަރުގެ ޑިމޮކްރަސީގެ ތާރީޚުގައި ދިމާވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަ
ބީބީސީ
ކެޓަލޯނިއާ
ސްޕެއިންގެ ގައުމީ ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަަމަނުޖެހުން ހިނގައިފި
ހަމަނުޖެހުމުގައި ފުލުހަކު ޒަޚަމްވި
ސްޕެއިންގެ ގައުމީ ދުވަހަކީ މިދިޔަ ބުރާސްފަތި ދުވަސް

 

ސްޕެއިންގެ އެއްބައިވަންތަކަމަށް ގޮވާލުމަށާއި އަދި އެގައުމުގެ ގައުމީ ދުވަސް ފާހަގަކުރުމަށް  ބާސެލޯނާގައި ބުރާސްފަތި ދުވަހު  ބޭއްވި މުޒާހަރާއެއްގައި ހަމަނުޖެހުން ހިނގައި ފުލުހަކު ޒަޚަމްވެެއްޖެއެވެ.

ކެޓަލޯނިއާގެ ވެރިރަށް ބާސެލޯނާގައި ބޭއްވި މި މުޒާހަރާގައި 65،000 އެއްހާ މީހުން ބައިވެރިވިއިރު މިއީ ގައުމީ ދުވަސް ފާހަނގަކުރުމަށް ބޭއްވި މިފަދަ އެއްވުމެއްގައި، ތިން އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ބައިވެރިވި އެއްވުމެެވެ.

ކެޓަލޯނިއާ، ސްޕެއިން އިން މިނިވަންވުމަށް މަސައްކަތް ކުރަމުން ދާއިރު ގައުމުގެ އެއްބައިވަންތަކަމަށް އެދި ގޮވާލާ ބާސެލޯނާގައި މި ބޭއްވި މި މުޒާހަރާގައި، ހަމަނުޖެހުން ހިނގީ ކުޑަ ދެ ގްރޫޕެއްގެ މެދުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނެއެވެ. ހަމަނުޖެހުމުގެ ތެރޭގައި ދެ ގޮރޫޕުގެ މީހުން ގޮނޑިފަދަ ތަކެތި އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އުކާފައި ވެއެވެ. ދެ ގްރޫޕުގެ ބައެއް މެމްބަރުން ދުުރުކުރަން ފުލުހުން ވެސް މަސައްކަތްކޮށްފައި ވެއެވެ.

ސްޕެއިން އިން ކެޓަލޯނިއާ މިނިވަންވުމަށް ކުރާ މަސައްކަތާ ގުޅިގެން ގައުމު ހަލަބޮލިވެފައިވާއިރު، ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ވޯޓަށް ފަހު ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކޮށްފިތޯ ބަލަން ސްޕެއިން އިން ވަނީ ކެޓަލޯނިއާގެ ލީޑަރަށް ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ. 

 

- ކޮމެންޓް