ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) ގެ ޗެއަރމަން ނާސިރު އަލް ޚެލައިފީގެ މައްޗަށް ސްވިޓްޒަލެންޑްގެ ޕްރޮސެކިއުޓަރުން ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފި އެވެ.
ޤަތަރަށް އުފަން ނާސިރުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަނީ، ފީފާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޖެރޮމީ ވަލްކޭއާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލައެއްގައެވެ.
އެގޮތުން ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް ބެއިން ސްޕޯޓްސް އަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ސްވިޓްޒަލެންޑްގެ ޕްރޮސެކިއުޓަރުން ތުހުމަތު ކުރާއިރު، ނާސިރަކީ ބެއިން ސްޕޯޓްސްގެ ޗީފް އެގްޒެކެޓިވް އެވެ.
ސްވިޓްޒަލެންޑްގެ އެޓަރނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރު ވަނީ، ވަލްކޭއާ ގުޅުން ހުރި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ހިންގެވުމުގައި އިހުމާލުވުމުގެ ޖިނާއީ އެތައް މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފަ އެވެ.
ސްވިޓްޒަލެންޑްގެ އެޓަރނީ ޖެނެރަލްގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ވަލްކޭއާ ގުޅުން ހުރި މައްސަލަތަކުގެ ތަހުގީގުން ފާހަގަވެފައިވާ ކަންކަމާ ގުޅިގެން ނާސިރާ ގުޅުން ހުރި މައްސަލައެއްގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
އެބަޔާނުގައި ވަނީ، 2018 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށް ބާއްވާ ހަތަރު ވޯލްޑް ކަޕެއްގެ މީޑީއާ ރައިޓްސް ބައެއް ގައުމުތަކަށް ދިނުމުގައި ސްޕޯޓްސް ރައިޓްސްއާ ގުޅުންހުރި ބައެއް ވިޔަފާރިވެރިން އަތުން ނާޖާއިޒު ފައިދާ ނަންގަވާފައިވާ ކަމަށާއި، 2026 އަދި 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ރައިޓްސް ބައެއް ގައުމުތަކަށް ދިނުމުގައި ނާސިރު ނާޖާއިޒު މުޢާލަމާތް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
ނާސިރާ ގުޅުން ހުރި މައްސަލަތަކުގެ ތަހުގީގު ހިންގަކީ ފްރާންސާއި، ގްރީސް އަދި އިޓަލީގެ އިތުރުން ސްޕެއިންގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކަމަށާއި، ތަހުގީގު ފަށާފައިވަނީ މިއަހަރުގެ މާޗް މަހު ކަމަށް ސްވިޓްޒަލެންޑްގެ އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.
މިމައްސަލާގައި ވަލްކޭއާ ބުރާސްފަތި ދުވަހު ސުވާލުކޮށްފައިވާ ކަމަށް އެއިދާރާ އިން ބުނެ އެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ވަލްކޭ ވަނީ ފުޓްބޯޅައިގެ ހަރަކާތްތަކުން 10 އަހަރަށް ސަސްޕެންޑް ކޮށްފައެވެ. އެހެންނަމަވެސް ވަލްކޭ ވަނީ އެމައްސަލަ އިސްތިއުނާފު ކޮށްފައެވެ.
ފީފާ އިން ނެރުނު ބަޔާނެއްގައި ވަނީ، ސްވިޓްޒަލެންޑްގެ އެޓަރނީ ޖެނެރަލްގެ އޮފީހާއި ކަމާ ގުޅޭ އެހެން އިދާރަތައް ގުޅިގެން ހިންގާ ތަހުގީގަށް ފީފާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ބުނެފައެވެ.
މިމައްސަލާގައި ޤަތަރުގެ މަހުޖަނު ނާސިރުގެ ބެއިން މީޑިއާ ގްރޫޕުން ވަނީ، ސްވިޓްޒަލެންޑްގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެދުމަކަށް ފްރާންސްގެ ވެރިރަށް ޕެރިހުގެ އިރުމަތީ ރަށްބޭރުގައި ބޮއުލޯން ބިއްލަންކޯޓުގައި ހުންނަ ބެއިން ސްޕޯޓްސްގެ އޮފީސް ފާސްކޮށްފައިވާ ކަން ހާމަކޮށްފައެވެ. އަދި ސްވިޓްޒަލެންޑްގެ އެޓަރނީ ޖެނެރަލްގެ އޮފީހުން ބެއިން މީޑިއާ ގްރޫޕާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށާއި، އެ ތަހުގީގަށް ބެއިން މީޑީއާ ގްރޫޕުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.