ކ. މާލެ
|
13 އޮކްޓޯބަރ 2017 | ހުކުރު 07:27
ހަތިޔާރު އުފެއްދުމުގައި އިސް ފަންތީގައި ގިނައީ އެމެރިކާގެ ކުންފުނިތައް
ހަތިޔާރު އުފެއްދުމުގައި އިސް ފަންތީގައި ގިނައީ އެމެރިކާގެ ކުންފުނިތައް
އޭޕީ
ހަތިޔާރުގެ ވިޔަފާރި
ހަތިޔާރުގެ އުފެއްދުމުގައި އެންމެ އުހުގައި އުޅެނީ މި ފަސް ކުންފުނި
އެމެރިކާއިންވަނީ ސައުދީއަށް މިސައިލުން ދިފާއުވާ ނިޒާމެއް ގާއިމް ކޮށްދިނުމަށް ނިންމާފައި
ހަތިޔާރު އުފެއްދުމުގައި އިސް ފަންތީގައި ގިނައީ އެމެރިކާގެ ކުންފުނިތައް

އެމެރިކާއިންވަނީ ސައުދީ އަރަބިއްޔާއަށް 15 ބިލިއަން ޑޮލަރުގެ ތާޑް މިސައިލް ސިސްޓަމް ވިއްކުމަށް ހުއްދަދީފައެވެ. މިއީ ދުނިޔޭގައި މިބާވަތުގެ އެންމެ ކާމިޔާބު އެއް ސިސްޓަމެވެ.

ކޮންގްރެސްއިން 30 ދުވަހުގެ ތެރޭގައި މިކަމަށް ދެކޮޅު ނަހަދައިފި ނަމަ މިކަން ވެގެންދާނީ ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އުފައްދާ ލޮކްހީޑް މާޓިންއަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަކަށެވެ.

މި ކުންފުންޏާއި މިނޫން ވެސް މިފަދަ ކުންފުނިތަކުން އެ ކުންފުނިތައް ހިމެނޭ ގައުމުތަކުގެ ސަރުކާރުތަކަށާއި އެހެން ގައުމުތަކަށް ހަތިޔާރު ވިއްކައިގެން އެތައް ބިލިއަން ޑޮލަރެއްގެ ފައިދާ ހޯދައެވެ.

މި ލިސްޓްގައި ހިމެނޭ ހަތިޔާރު އުފައްދާ ބޮޑެތި ބައެއް ކުންފުނިތަކަކީ ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރިސަރޗް އިންސްޓިޓިއުޓްއިން ހޯދާފައިވާ ތަފާސް ހިސާބެވެ. މި ލިސްޓް ޝާއިއުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.

1- ލޮކްހީޑް މާޓިން

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މޭރީ ލޭންޑްގައި ގާއިމްވެފައިވާ މި ކުންފުނިން، މަތިންދާބޯޓާއި، ރާޑަރު ސިސްޓަމާއި، ޑްރޯން އަދި ހަމަ އެއާއެކު ޖައްވީ އުޅަނދުތަކަށް ބޭނުންވާ ބައެއް ސާމާނު ވެސް އެމެރިކާ އާއި އެހެން ގައުމުތަކަށް އުފައްދައިދެއެވެ.

އެ ކުންފުނީގެ އެންމެ މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި އެފް-16 ހަނަގުރާމަ މަތީ މަތިންދާ ބޯޓާއި މީހުން އުފުލުމަށް ބޭނުންކުރާ ހާކިއުލެސް މަތިންދާ ބޯޓް ހިމެނެއެވެ.

ލޮކްހީޑް މާޓިންއިން ވަނީ 2015 ވަނަ އަހަރު 36 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކައި، އެ އަހަރު 3.6 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ. އަދި 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހާހަމައަށް ނިއުޔޯކްގެ ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ މާކެޓް ވެލިއުއަކީ 91 ބިލިއަން ޑޮލަރެވެ.

2- ބޯއިންގ

ބޮޑަށް އެނގިގެން ގޮސްފައިވަނީ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓް އުފުލާ ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް ހަތިޔާރު އުފެއްދުމުގައި ވެސް ބޯއިންއަކީ އެންމެ ބިޔަ އެއް ކުންފުންޏެވެ. ބޯއިންގް އިން ވަނީ 2015 ވަނަ އަހަރު 28 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ވިޔަފާރިކޮށް 5.2 ބިލިއަން ޑޮލަރުގެ ފައިދާ ހޯދާފައެވެ

އެ ކުންފުނީގެ މުޅި ވިޔަފާރީގެ 28 އިންސައްތައަކީ ހަތިޔާރު ވިއްކުން ކަމަށްވާއިރު އެ ފައިދާގެ ތެރޭގައި އެފް 15، އެފް 18 އަދި އެފް 22 ފަދަ ބޯޓް ވިއްކައިގެން ލިބިފައިވާ ފައިދާ ހިމެނެއެވެ.

3- ބީއޭއީ

އިނގިރޭސި ވިލާތުގެ ބީއޭއީއަކީ އެ ގައުމުގައި ހަތިޔާ އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާއިރު، އެ ކުނންފުނިން 2015 ވަނަ އަހަރު ވަނީ 26 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކާފައެވެ. އެ ކުންފުނީގެ ޖުމްލަ ވިޔަފާރީގެ 93 ޕަސެންޓް ވަނީ ފައިދާގެ ގޮތުގައި ލިބިފައެވެ.

ބީއޭއީގައި 82،000 މުވައްޒަފުން މަސައްކަތްކުރަމުންދެއެވެ. އެ ކުންފުނިން ދަނީ އިނގިރޭސި ވިލާތާއި އެހެން ގައުމުތަކަށް  ޓޯނެޑޯ ވޯ ޕްލޭން، ޗެލެންޖަރ ޓޭންކް އަދި ޑްރޯން އުފައްދައިދެމުންނެވެ.

4- ރޭތިއޯންސް

މި ކުންފުނީގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވަނީ މިސައިލް އުފެއްދުމާއި މަތިންދާ ބޯޓާއި އަސްކަރީ މަނަވަރުތަކަށް ބޭނުންވާ ހަތިޔާރު ސިސްޓަމްތައް އުފެއްދުމެވެ. އެގޮތުން 2015 ވަނަ އަހަރު އެ ކުންފުނިން ހަތިޔާރު ވިއްކައިގެން 22 ބިލިއަން ޑޮލަރުގެ ޓާން އޯވަރ ހަދާފައިވާއިރު ފައިދާގެ ގޮތުގައި ހޯދިފައި ދެ ބިލިއަން ޑޮލަރު ހޯދާފައި ވެއެވެ.

5- ނޯތުރޮޕް ގްރަމަން

އެމެރިކާގެ ވާޖީނިއާގައި ގާއިމްވެފައިވާ މި ކުންފުނިން ޑްރޯންއާ، ހަނގުރާމަމަތީ މަތިންދާބޯޓާއި އަދި މަތިންދާ ބޯޓަށް ބޭނުންވާ ސާމާނާއި ރާޑަރު ސިސްޓަމް ވެސް ވިއްކައެވެ. އެ ކުންފުނިން 2015 ވަނަ އަހަރު ވަނީ 20 ބިލިއަން ޑޮލަރުގެ ވިޔަފާރި ހިންގައި ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރު ފައިދާގެ ގޮތުގައި ހޯދާފައެވެ.

 

- ކޮމެންޓް