ކ. މާލެ
|
13 އޮކްޓޯބަރ 2017 | ހުކުރު 01:48
ސީރިއާގެ ވެރިރަށް ދިމިޝްގުގައި ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ކާރުތަކެއް
ސީރިއާގެ ވެރިރަށް ދިމިޝްގުގައި ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ކާރުތަކެއް
ރޮއިޓަރސް
ސީރިއާގެ ހަނގުރާމަ
އައިއެސްގެ ކާރު ބޮމުގެ ހަމަލާއެއްގައި 18 މީހަކު މަރުވެއްޖެ
އަމިއްލަ އަށް މަރުވެގެން ދިން ކާރު ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ރެފިއުޖީން ހިމެނޭ
މިހަމަލާގައި ކުރުދީންގެ ސަލާމަތީ ފައުޖަށް ނިސްބަތްވާ ބަޔަކު ހިމެނޭ

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ދިން ފިދާޢީ ހަމަލާއެއްގައި 18 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ގާއިމްވެފައިވާ ސީރިއާގެ ހަނގުރާމައަށް ފާރަވެރިވާ ޖަމިއްޔާ އެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ، ސީރިއާގެ އިރުއުތުރުގައި އައިއެސްގެ ހަނގުރާމަވެރިޔަކު އަމިއްލަ އަށް މަރުވެގެން ދިން ކާރު ބޮމުގެ ހަމާލައެއްގައި ސީރިއާގެ 18 މީހަކު މަރުވެފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު މިހަމަލާ ދީފައިވަނީ ސީރިއާގެ ޑެއިރް އަޒޫރާއި ހަސާކާ ޕްރޮވިންސް ގުޅޭ ސަރަޙައްދީ އިމުގެ ކައިރީގައިވާ އަބޫ ފަސްގައި ކަމަށާއި، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޑެއިރް އަޒޫރުގައި ހިނގާ ކުރިމަތިލުންތަކުން ސަލާމަތްވުމަށް އެސަރަޙައްދު ދޫކޮށް ހިޖުރަ ކުރުމަށް މަސައްކަތް ކުރި ރެފިއުޖީންގެ ބަޔަކާއި، ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާ ކުރުދީންގެ ސަލާމަތީ ފައުޖެއް ކަމަށްވާ އަސާޔީޝް އަށް ނިސްބަތްވާ މީހުން ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެ އެވެ.

ސީރިއާ އަދި އީރާޤްގައި ވަރުގަދަކޮށް އޮތް އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ބަލިކަށިވަމުންދާއިރު، މިއަހަރުގެ ތެރޭގައި ސީރިއާ އަދި އީރާޤުގައި އެޖަމާއަތުގެ ބާރުގެ ދަށުގައި އޮތް އެތައް ވާދީއަކުން އައިއެސްގެ ހަނގުރާމަވެރިން ވަނީ ފައްސާލާފައެވެ. ސީރިއާގައި މިހާރު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތީ ޑެއިރް އަޒޫރުގެ އިރުދެކުނުން ފުރާތު ކޯރުގެ އައްސޭރީގައިވާ އަވަށްތަކާއި ވާދީތަކެއް އެކަންޏެވެ.

އެމެރިކާ އިން ވާގިވެރިވާ ކުރުދީ އަދި އަރަބި ހަނގުރާމަވެރިންގެ އިއްތިޙާދު، ސީރިއަން ޑިމޮކްރެޓިކް ފޯސަސްގެ ފައުޖުތަކުން ޑެއިރު އަޒޫރުގެ އުތުރުން އައިއެސްގެ ހަނގުރާމަވެރިންނާއި ކުރިމަތިލާއިރު، އީރާނާއި ރަޝިއާ އިން މަދަދުދޭ ސީރިއާގެ އަސްކަރިއްޔާ އިން ދަނީ ހުޅަނގު ފަރާތުން އައިއެސްގެ ހަނގުރާމަވެރިންނާއި ކުރިމަތިލަމުންނެވެ.

މިހަމަލާތަކަށް ރައްދު ދިނުމަށް އައިއެސްގެ ހަނގުރާމަވެރިން ދަނީ ސީރިއާގެ އެކި ކަންކޮޅު ތަކުގައި އަމިއްލަ އަށް މަރުވުމުގެ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ބުދަ ދުވަހު ސީރިއާގެ ވެރިރަށް ދިމިޝްޤުގައި އައިއެސްގެ ހަނގުރާމަވެރިންގެ ތިން ހަމަލާއެއް ދީފައިވާ ކަމަށް އެޖަމާއަތުން ބުނެ އެވެ. ވެރިރަށް ދިމިޝްޤުގެ ފުލުހުންގެ މައި މަރުކަޒުގެ ކައިރީގައި ދިން މިހަމަލާތަކުގައި ދެ މީހުން މަރުވެ، ހަ މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހީދޭ އޭޖެންސީތަކުން ވަނީ، ސީރިއާގެ އިރުމަތީގައި ކުރިއަށްދާ ކުރިމަތިލުންތަކަކީ މިއަހަރުގެ ތެރޭގައި އެޤައުމުގައި ހިނގާ އެންމެ ނުރައްކާތެރި ކުރިމަތިލުންތަކުގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން އެ ކުރިމަތިލުންތަކުގައި ދޭ ވައިގެ ހަމަލާތަކުގައި އާއްމުންގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް އެފަރާތްތަކުން ބުނެ އެވެ.

- ކޮމެންޓް