އަންނަ ޖެނުއަރީ މަހު އަނެއްކާ ވެސް ލިވަޕޫލްގެ މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ ހޯދަން މަސައްކަތް ކުރާނެ ކަމަށް ބާސެލޯނާގެ ސީއީއޯ ބުނެފިއެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް ބާސާއިން ވަނީ ކުޓީނިއޯ ގެންނަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމުގެ މިޑްފީލްޑަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ބާސާއިން ވަނީ ހަތަރު ފަހަރެއްގެ މަތިން ކުޓީނިއޯ ހޯދުމަށް ބިޑް ކޮށްފައެވެ. އެހެނަސް ލިވަޕޫލްއިން ވަނީ ބާސާއިން ކުޓީނިއޯ ގަތުމަށް 125 މިލިއަން ޕައުންޑް ހުށަހެޅުމުން ވެސް ބާސާގެ ބިޑު އަނބުރާ ފޮނުވާލާފައެވެ.
އެހެނަސް ބާސާގެ ސީއީއީ އޮސްކާ ގްރާއު ބުނެފައިވަނީ އަންނަ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އަނެއްކާ ވެސް ކުޓީނިއޯ ގަތުމަށް ބާސާއިން ބިޑު ކުރާނެ ކަމަށެވެ. އޭނާ ބުނެފައި ވަނީ ކްލަބުގެ ޓެކްނިކަލް ސްޓާފުން ކުޓީނިއޯ ވިޔަސް ނުވަތަ އެހެން ކުޅުންތެރިޔަކު ގަންނަން އެދުނު ކަމުގައި ވިޔަސް އެކަމަށް ތައްޔާރަށް ތިބި ކަމަށާއި އެހެން ނަމަވެސް ޓްރާންސްފާ މާކެޓުގެ ހުރިހާ ކަމެއް ވެސް ހިނގަމުންދާނީ ވަރަށް ވިސްނުންތެރި ކަމާއި ރޭވުންތެރި ކަމާއެކު ކަމަށެވެ. އަދި ނޭމާ ޕީއެސްޖީ އަށް ބަދަލުވި ޓްރާންސްފާގެ މަތިން ހަދާން ނައްތާލަން ޖެހޭނެ ކަމަށާއި އަބަދުވެސް ބާސާގެ ވިސްނުން ހުންނަނީ ސީޒަނުގައި ކުރިޔަށް ހުރި ދުވަސްތަކަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ހަމައެހެންމް ބާސާއިން ވަނީ 897 މިލިއަން ޔޫރޯގެ ބަޖެޓަކާއެކު މި ސީޒަނަށް އެ ކްލަބުގެ ރެކޯޑު ބަޖެޓެއް ފާސް ކޮށްފައެވެ. އަދި މިދިޔަ ސީޒަނުގައި ބާސާއިން ވަނީ 708 މިލިއަން ޔޫރޯއާއެކު ރެކޯޑު އަދަދެއްގެ ފައިދާ ހޯދާފައެވެ.
ބާސާގެ ޑިރެކްޓާ އަލްބާޓޯ ސޯލާ މީގެ ކުރިން ބުނެފައިވަނީ ކުޓީނިއޯގެ އަގެއްގެ ގޮތުން 200 މިލިއަން ޔޫރޯ ހުށަހެޅުމަށް ލިވަޕޫލްއިން އެދުނު ކަމަށާއި އެހެނަސް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެހާ ބޮޑު އަދަދެއް ހުށަހަޅަން ބޭނުންނުވީ ކަމަށެވެ.
އެހެނަސް އޮސްކާ ގްރާއުގެ މި ވާހަކަތަކާއެކު ބޮޑަށް ބެލެވެނީ ފިނި މޫސުމުގެ ޓްރާންސްފާގައި ބާސާއިން އަލުން އެނބުރި ކުޓީނިއޯ ހޯދުމަށް ބިޑު ކުރަން ތައްޔާރު ވަމުންދާ ކަމެވެ. ބާސާއިން ކުޓީނިއޯ ގަންނަން އަނެއްކާވެސް ބިޑް ކުރަން ނިންމާފައިވާ އިރު އޭނާ ވަނީ 2022 ވަނަ އަހަރާ ހަމަޔަށް ލިވަޕޫލްއާއެކު ކޮންޓްރެކްޓް ހަދާފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ލިވަޕޫލް ހަތް މެޗު ކުޅެފައިވާ އިރު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ އެންމެ ކުރީގައި އޮތް މެންޗެސްޓާގެ ދެ ޓީމަށްވުރެ ހަތް ޕޮއިންޓް ފަހަތުގައެވެ. ކުޓީނިއޯއަށް ސީޒަނުގެ ކުރީކޮޅުގައި ފުރުސަތު ނުދިން ނަމަވެސް އޭނާ ވަނީ އެނބުރި އައިސް ކުޅުނު ތިން މެޗުގައި ލިވަޕޫލްއަށް ދެ ލަނޑު ޖަހައިދީފައެވެ.