އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ފެވަރިޓުންނަކީ ބްރެޒިލްކަމަށް އެ ޓީމުގެ ކޯޗު ޓީޓޭ ބުނެފިއެވެ.
ފީފާ ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ބްރެޒިލްއިން ވަނީ އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ވެސް ކޮލިފައިވެ ހުރިހާ ވޯލްޑް ކަޕެއްގައި މިހާތަނަށް ވާދަކުރަމުން އަންނަ ހަމައެކަނި ޓީމުގެ ރިކޯޑު ދަމަހައްޓާފައެވެ. އެގޮތުން ކޮމްބެލްގެ ވޯލްޑްކަޕް ކޮލިފައިންގައި އެ ޓީމު ކުޅުނު 18 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ބްރެޒިލް ކޮލިފައިން ނިންމާލީ ދެވަނައިގައި އޮތް އުރުގުއޭ އަށްވުރެ 10 ޕޮއިންޓް ކުރީގައި އޮވެގެންނެވެ.
ގެބްރިއެލް ޖީސަސް އާއި ޕައުލީނިއޯގެ ލަނޑުތަކުން އަމިއްލަ ގައުމުގައި ތިން ލަނޑު ސުން ލަނޑު ޗިލީ ބަލިކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓީޓޭ ބުނެފައިވަނީ އޭނާގެ ޓީމަކީ އަންނަ އަހަރު ރަޝިއާގައި އޮންނަ މުބާރާތުގެ އެއް ފެވަރިޓުން ކަމަށާއި އެއީ ކޮލިފައިންގެ ތެރޭގައި އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި ނެރުނު ނަތީޖާތަކުގެ ސަބަބުން ކަމަށެވެ.
ހަމައެހެންމެ ޓީޓޭ ބުނެފައިވަނީ ފްރާންސްގެ އެޓޭކިން ލައިނުގައި ތިބި ކުޅުންތެރިންގެ ސަބަބުން އެ ޓީމަކީވެސް ފެވަރިޓެއްގެ ގޮތުގައި ގުނާލެވޭނެ ޓީމެއް ކަމަށެވެ. އެގޮތުން ކިލިއަން އެމްބާޕޭ އާއި އެންޓޮއިން ގްރީޒްމަން އަދި އެލެކްޒެންޑާ ލަކަޒެޓް ފަދަ ކުޅުންތެރިން ތިބޭ ނަމަ ކޮންމެ ޓީމެއްވެސް ގުނޭނީ ފެވަރިޓެއްގެ ގޮތުގައި ކަމަށް ޓީޓޭ ފާހަގަކުރިއެވެ. ހަމައެހެންމެ ޓީޓޭ ބުނެފައިވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޖަރުމަނު ވެސް ފެވަރިޓުންގެ ތެރޭގައި ގުނަންޖެހޭ ކަމަށެވެ.
ޖެހިޖެހިގެން 12 ވަނަ ވޯލްޑް ކަޕަށް ކޮލިފައިވި އާޖެންޓީނާއަށް ވެސް ވޯލްޑް ކަޕުގެ ޖާގަ އެއް ހައްގު ކަމަށާއި އެ ޓީމަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ ލިއޮނެލް މެސީ އެ ޓީމުގައި ހުރުން ކަމަށާއި އޭނާގެ ހުނަރާއި މެދު އެއްވެސް މީހަކަށް ސުވާލު ކުރެވޭނެ ޖާގައެއް ނެތް ކަމަށް ޓީޓޭ ބުނެފައިވެއެވެ.
ބްރެޒިލްގެ ޑިފެންޑާ ޑެނީ އަލްވޭސް ވަނީ މި މެޗަށްފަހު ކޯޗަށް ތައުރީފްގެ ބަސްތަށް ބަންޑުން ކޮށްލާފައެވެ. ކާލޯސް ޑުންގާއަށް ފަހު ބްރެޒިލްގެ ކޯޗު ކަމާއި ހަވާލުވި ޓީޓޭ އާ ބެހޭގޮތުން އަލްވޭސް ބުނެފައިވަނީ އޭނާއަކީ އެހެން ހުރިހާ ކޯޗުންނަށްވުރެ ތަފާތު ކޯޗެއް ކަމަށާއި އޭނާ ޓީމު ލައްވާ ކުޅުވަން އުޅޭ ފުޓްބޯޅަ ވެސް މާ ތަފާތު ކަމަށެވެ. އަދި އޭނާ އަކީ ހުރިހާ ކުޅުންތެރިންނަށް ވެސް ހަމަހަމަކަމާއެކު ކަންތަށް ކޮށްދޭ ކޯޗެއް ކަމަށާއި އޭނާގެ އިރުޝާދުގެ ދަށުން ކުޅުމަކީ ފަސޭހަ ކަމެއް ކަމަށްވެސް އަލްވޭސް ބުނެފައިވެއެވެ.
2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން، ބްރެޒިލްއަށް ވޯލްޑް ކަޕްގައި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައިވާއިރު އެންމެ ފަހުން 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ޖަރުމަނު އަތުން އެ ޓީމު ބަލިވީ ހަތް ލަނޑު އެއް ލަނޑުގެ ލަދުވެތި ނަތީޖާ އަކުންނެވެ.