ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 16:03
ކެޓަލޯނިއާގެ މިނިވަންކަމަށް އެދި ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ކެޓަލޯނިއާގެ މިނިވަންކަމަށް އެދި ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އިންޑިޕެންޑެންޓް
ކެޓަލޯނިއާ
ކެޓަލޯނިއާގެ މިނިވަންކަމާ ބެހޭ ވޯޓު އޮތް ދުވަހު ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވޭ: ހިއުމަން ރައިޓްސް ވޮޗް
ވޯޓު އޮތް ދުވަހު 900 އެއްހާ މުޒާހިރީން ޒަޚަމްވި

 

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓު އޮތް ދުވަހު ކެޓަލޯނިއާގެ މިނިވަން ކަމަށް އެދި ބާއްވަމުން ދިޔަ މުޒާހަރާތަކުގައި ސްޕެއިންގެ ފުލުހުން ހާލަތާ ނުބައްދަލު ބާރު އާންމުންނާ ދެކޮޅަށް ބޭނުން ކޮށްފައިވާ  ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފިއެވެ.

ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައި ވަނީ ސްޕެއިންގެ ސިޓީތައް ކަމަށްވާ ބާސެލޯނާ އާއި ޖިރޯނާ ގައި ބޭއްވި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ހާލަތާ ނުބައްދަލު ބާުރުގެ ބޭނުން ކޮށްފައިވާ ކަން ޑޮކިއުމަންޓް ކުރެވިފައިވާ ކަމަށެވެ. އަދި މުޒާހިރީންނަށް ނިކަމެތިކޮށް ހިތާފައިވާ ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަަމަށެވެ. 

ބުރާސްފަތި ދުވަހު ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު ރިޕޯޓެއްގައި ބުނީ "ސްޕެނިޝް ސިވިލް ގާޑާއި ނެޝަނަލް ޕޮލިސް ކޯޕްސް" ހިމެނޭ ގޮތުން ސްޕެއިންގެ ސަލާމަތީ ބާރުތަކުން މުޒާހިރީންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ގެއްލުންވެފައިވާ ކަމަށެވެ. ރިޕޯޓުގައި އިތުރަށް ބުނީ 1 އޮކްޓޯބަރުގައި ބޭއްވި ވޯޓުގައި، ތިން ކޭހެއް ތަފްސީލީ ގޮތެއްގައި ތަހުގީގު ކޮށްފައިވާ ކަމަށާއި، ތަހުގީގުން އެނގިގެން ދިޔައީ ސްޕެއިންގެ ފުލުހުންނާއި އަދި "ސިވިލް ގާޑް އޮފިސަރުން" ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަންކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓު އޮތް ދުވަހު 900  އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި 400 ފުލުހުން ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. 

ކެޓަލޯނިއާ ސްޕެއިން އިން މިނިވަންވުމަށް ކުރާ މަސައްކަތާ ގުޅިގެން ގައުމު ހަލަބޮލިވެފައިވާއިރު، ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބެލުމަށް އޮކްޓޯބަރު 1 ގައި ބޭއްވި ވޯޓުގައި، 90 ޕަސެންޓް މީހުން ސްޕެއިން އިން މިިނިވަން ވާން ފެންނަ ކަމަށް އާނ ބަސް ބުނެފައި ވެއެވެ. ކެޓަލޯނިއާގައި ނެގި ވޯޓާ ގުޅިގެން ސްްޕެއިންގެ މައި ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ. ވޯޓު ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްޕެއިންގެ ބޮޑުވަޒީރު މާރިއާނޯ ރަޚޮއި ވިދާޅުވީ ޣައިރު ގާނޫނީ ވޯޓެއްގައި ބައިވެރިކޮށް ކެޓަލޯނިއާގެ ރައްޔިތުން މޮޔަ ހައްދާފައިވާ ކަމަށެވެ. ބޮޑުވަޒީރު ވަނީ އެ ވޯޓަކީ ޑިމޮކްރަސީއަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެފައެވެ.

ވޯޓަށް ފަހު ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކޮށްފިތޯ ބަލަން ސްޕެއިން އިން ވަނީ ކެޓަލޯނިއާގެ ލީޑަރަށް ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ. 

 

 

- ކޮމެންޓް