ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 12:05
ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން 2014 ވަނަ އަހަރު ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ނިސްބަތުން އިންޑިއާ އަކީ ޑިޕްރެޝަނާއި އެންޒައިޓީ ކުރިމަތިވެފައިވާ މީހުން އެންމެ ގިނަ އެއް ޤައުމު
ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން 2014 ވަނަ އަހަރު ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ނިސްބަތުން އިންޑިއާ އަކީ ޑިޕްރެޝަނާއި އެންޒައިޓީ ކުރިމަތިވެފައިވާ މީހުން އެންމެ ގިނަ އެއް ޤައުމު
ގޫގުލް
ނަފްސާނީ ދުޅަހެޔޮކަން
އިންޑިއާގެ ކުންފުންޏަކުން މުވައްޒަފުންނަށް ނަފްސާނީ ޗުއްޓީ ދޭން ފަށައިފި
މި ޗުއްޓީ ދޭން ނިންމާފައިވަނީ ހަފްތާ ބަންދުގެ ޗުއްޓީއާއި، ބަލިވެގެން ސަލާމްބުނާ ދުވަސްތަކުގެ އިތުރުން ދޭ ޗުއްޓީއެއްގެ ގޮތުގަ

ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ބައިނަލްއަޤުވާމީ ދުވަހާއި ދިމާކޮށް، އިންޑިއާގެ ކުންފުންޏަކުން، އެ ކުންފުނީގެ މުވައްޒަފުންނަށް "ނަފްސާނީ ޗުއްޓީ" ދޭން ފަށައިފިއެވެ.

ޑޮކްސްއެޕްގެ ނަމުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި އާންމުން ގުޅުވައިދޭ މޯބައިލް އެޕްލިކޭޝަނެއް ހިންގާ ބެންގަލޫރޫގެ ކުންފުނިން ބުނީ، އެ ކުންފުނީގެ މުވައްޒަފުންނަށް "ބޯ ހަމަޖައްސާލުމަށް އޯފް ދުވަހެއް" ދޭން ނިންމީ އެ މުވައްޒަފުން، އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ދޭ ސަމާލުކަން އިތުރުކުރުމުގެ ގޮތުން ކަމަށެވެ.

ޑޮކްސްއެޕް ކުންފުނިން މުވައްޒަފުންނަށް މި ޗުއްޓީ ދޭން ނިންމާފައިވަނީ ހަފްތާ ބަންދުގެ ޗުއްޓީއާއި، ބަލިވެގެން ސަލާމްބުނާ ދުވަސްތަކުގެ އިތުރުން ދޭ ޗުއްޓީއެއްގެ ގޮތުގައެވެ.

"ބަލިވެގެން މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ އޮޓޮމެޓިކުން އަހަރުމެންނަށް މި ވިސްނައިގަނެވެނީ އޭނާއަށް ޖިސްމާނީ ގޮތުން ބައްޔެއް ކުރިމަތިވީއޭ، ނަފްސާނީ ގޮތުން އޭނާ ވަރުބަލިވެ، އޭނައަށް ނަފްސާނީ ބައްޔެއްގެ އުނދަގޫ ކުރިމަތިވަނީއޭ އަހަރުމެންނަށް ނުވިސްނޭ"، ޑޮކްސްއެޕް ކުންފުނީގެ ސީއީއޯ ސަތީޝް ކަންނާން ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

އެ ބަޔާނުގައި ކަންނާން އިތުރަށް ވިދާޅުވީ، ނަފްސާނީ މައްސަލަތަކާއިމެދު ހޭލުންތެރިކަން ކުޑަވުމުން، އެފަދަ މައްސަލަތަކުގައި ޚާއްސަ އެހީ ހޯދުމަށް ގިނަ ފަރާތްތަކުން ފަސްޖެހޭ ކަމަށެވެ. އަދި އެހެންކަމުން، ނަފްސާނީ މައްސަލަތަކާއިމެދު ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމަށް އެ ބަޔާނުގައި ކަންނާން ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން 2014 ވަނަ އަހަރު ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ނިސްބަތުން އިންޑިއާ އަކީ ޑިޕްރެޝަނާއި އެންޒައިޓީ ކުރިމަތިވެފައިވާ މީހުން އެންމެ ގިނަ އެއް ޤައުމެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ބައިނަލްއަޤުވާމީ ދުވަހުގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ފާހަގަކުރާ ދުވަހަކީ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް