ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 12:06
ޓްރިނިޑާޑް އަތުން ބަލިވެ، ވޯލްޑް ކަޕްގެ ފުރުޞަތު ގެއްލުމާއެކު އެމެރިކާގެ ކުޅުންތެރިން މާޔޫސްވެފައި
ޓްރިނިޑާޑް އަތުން ބަލިވެ، ވޯލްޑް ކަޕްގެ ފުރުޞަތު ގެއްލުމާއެކު އެމެރިކާގެ ކުޅުންތެރިން މާޔޫސްވެފައި
އޭއެފްޕީ
ފީފާ ވޯލްޑް ކަޕް 2018
ފީފާ ވޯލްޑް ކަޕުން އެމެރިކާ އަށް ފުރުޞަތު ގެއްލިއްޖެ
އެމެރިކާ އަށް ވޯލްޑް ކަޕްގެ ފުރުޞަތު ގެއްލުނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަތުން ބަލިވެގެން
އެމެރިކާ އެންމެ ފަހުން ވޯލްޑް ކަޕަށް ކޮލިފައިނުވެ ކަޓާފައިވަނީ 1986 ވަނަ އަހަރު
އަންނަ އަހަރުގެ ވޯލްޑް ކަޕަކީ 1990 ވަަނަ އަހަރުގެ ފަހުން އެމެރިކާ ވާދަނުކުރާ ފުރަތަމަ މުބާރާތް

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވެ، އެމެރިކާ އަށް މުބާރާތުގެ ފުރުޞަތު ގެއްލިއްޖެ އެވެ.

އެމެރިކާ އަށް ވޯލްޑް ކަޕްގެ ފުރުޞަތު ގެއްލުނީ، އުތުރު އަދި މެދުތެރޭ އެމެރިކާގެ ކޮލިފިކޭޝަންގެ ފަހު ބުރުގައި އަންގާރަ ދުވަހުގެރޭ ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަތުން ބަލިވެގެންނެވެ.

ރޭ ރަށުން ބޭރުގައި ޓްރިނިޑާޑް އަތުން އެމެރިކާ ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ.

މިމެޗުގައި ޓްރިނިޑާޑް އިން ލީޑު ނެގީ 17 ވަނަ މިނިޓުގައި އެމެރިކާގެ އޮމަރު ގޮންޒާލޭޒް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޓްރިނިޑާޑް އިން ލީޑު ފުޅާ ކުރީ 37 ވަނަ މިނިޓުގައި އަލްވިން ޖޯންސް ޖަހައިދިން ލަނޑުންނެވެ. 47 ވަނަ މިނިޓުގައި އެމެރިކާ އަށް ސުން ކަނޑުވާލައިދިނީ ކްރިސްޓިއަން ޕުލިސިޗެވެ.

ރޭގެ މެޗަށް ނިކުތްއިރު އެމެރިކާ އޮތީ ކޮންކާކަފް ސަރަޙައްދުގެ ތިންވަނާގަ އެވެ. އެހެންނަމަވެސް، ޓްރިނިޑާޑް އަތުން ބަލިވުމާއެކު ފީފާ ވޯލްޑް ކަޕް ކޮލިފައިންގ އެމެރިކާ ނިންމާލީ ސަރަޙައްދުގެ ފަސް ވަނާގައި އޮވެގެންނެވެ. ކޮންކާކަފް ސަރަހައްދުން ވޯލްޑް ކަޕްގެ ސީދާ ޖާގަ ގަދަ ތިން ޓީމަށް ލިބޭއިރު، ހަތަރުވަނަ ޓީމަށް ޕްލޭއޯފްގެ ޖާގަ ލިބެއެވެ.

ކޮންކާކަފް ސަރަޙައްދުން ވޯލްޑް ކަޕްގެ ސީދާ ޖާގަ ހޯދީ، މެކްސިކޯ، ކޮސްޓަރީކާ އަދި ޕެނަމާ އެވެ. މިއީ ޕެނަމާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ކޮންކާކަފް ސަރަޙައްދުން ޕްލޭއޯފްގެ ޖާގަ ހޯދީ ހޮންޑިއުރަސް އެވެ. ޕްލޭއޯފްގައި ހޮންޑިއުރަސް ކުޅެން ޖެހޭނީ އޮސްޓްރޭލިއާ އާދެކޮޅަށެވެ.

ފީފާ ވޯލްޑް ކަޕްގެ ފުރުޞަތު އެމެރިކާ އަށް ގެއްލުމާއެކު، އަންނަ އަހަރުގެ މުބާރަތް ވެގެންދާނީ 1990 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު އެމެރިކާ ވާދަނުކުރާ ފުރަތަމަ މުބާރާތަށެވެ.

- ކޮމެންޓް