ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 11:31
ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕުން ޖާގަ ލިބުމާއެކު ޕެނަމާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕުން ޖާގަ ލިބުމާއެކު ޕެނަމާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
އޭއެފްޕީ
ފީފާ ވޯލްޑް ކަޕް 2018
ފީފާ ވޯލްޑް ކަޕުން ފުރަތަމަ ފަހަރަށް ޕެނަމާ ޖާގަ ހޯދައިފި
ޕެނަމާ ވަނީ ކޮންކާކަފް ސަރަޙައްދުގެ ތިންވަނަ ހޯދާފައި
ކޮންކާކަފް އިން ދެން ކޮލިފައިވީ މެކްސިކޯ އަދި ކޮސްޓަރީކާ
ޕްލޭއޯފްގެ ޖާގަ ހޮންޑިއުރާސް އަށް ލިބުނުއިރު، ޕްލޭއޯފްގައި ހޮންޑިއުރާސް ކުޅެން ޖެހޭނީ އޮސްޓްރޭލިއާ އާދެކޮޅަށް

ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުން ފުރަތަމަ ފަހަރަށް ޕެނަމާ ޖާގަ ހޯދައިފި އެވެ.

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޕެނަލާ މާގަ ހޯދީ، އުތުރު އަދި މެދުތެރޭ އެމެރިކާ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ކުޅޭ ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކޮސްޓަރީކާގެ މައްޗަށް ދެ ލަނޑު އެއް ލަނޑުން ކުރި ހޯދައި، ކޮންކާކަފް ކޮލިފިކޭޝަންގެ ތިންވަނަ ހޯދައިގެންނެވެ.

ކޮންކާކަފް ކޮލިފައިންގެ ފަހު ބުރުގައި ރޭ ޕެނަމާ އާ ކޮސްޓަރީކާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޕެނަމާ އިންނެވެ. ފުރަތަމަ ހާފްގެ 36 ވަނަ މިނިޓުގައި ޕެނަމާ އަށް ކުރި ހޯދައިދިނީ ޔޮހާން ވެގޭނަސް އެވެ. މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ޕެނަމާގެ ލަނޑުތައް ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފްގައެވެ.

މެޗުގެ 56 ވަނަ މިނިޓުގައި ޕެނަމާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގެބްރިއަލް ޓޮރޭސް އެވެ. މިމެޗުން ޕެނަމާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީ، ފީފާ ވޯލްޑް ކަޕުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިދިނީ މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ރޮމާން ޓޮރޭސް ޖަހައިދިން ލަނޑުންނެވެ.

މިމޮޅާއެކު ކޮންކާކަފް ސަރަޙައްދުގެ ތާވަލްގެ ތިންވަނަ ޕެނަމާ ހޯދީ ކޮލިފައިންގައި ކުޅުނު 10 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ޕެނަމާގެ އިތުރުން ހޮންޑިއުރާސް އިން ވެސް ވަނީ 10 މެޗުން 13 ޕޮއިންޓް ހަމަކޮށްފައެވެ. އެހެންނަމަވެސް ފައިދާ ލަނޑުގެ ތަފާތުން ހޮންޑިއުރާސް އަށް ލިބިފައިވަނީ ޕްލޭއޯފްގެ ޖާގަ އެވެ. ކޮންކާކަފް ސަރަޙައްދުން ފީފާ ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭ ތިން ޓީމުގެ ތެރޭގައި ހިމެނެނީ މެކްސިކޯ އަދި ކޮސްޓަރީކާ އެވެ. 10 މެޗުން 21 ޕޮއިންޓާއެކު ކޮންކާކަފް ސަރަހައްދުގެ އެއްވަނަ މެކްސިކޯ ހޯދިއިރު، ދެވަނަ މަގާމް ކޮސްޓަރީކާ ކަށަވަރުކުރި 16 ޕޮއިންޓް ހޯދައިގެންނެވެ.

ކޮންކާކަފް ސަރަހައްދުން ޕްލޭއޯފްގެ ޖާގަ ހޯދި ހޮންޑިއުރާސް، ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރުމަށް ކުޅޭ ޕްލޭއޯފްގައި ބައްދަލުކުރަން ޖެހޭނީ އޮސްޓްރޭލިއާ އާއެވެ.

ޕެނަމާގެ އިތުރުން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ، އައިސްލެންޑްގެ ވެސް ފުރަތަމަ ވޯލްޑް ކަޕެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް