ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 10:36
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އީކުއެޑޯ ބަލިކޮށް، ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރުމަށްފަހު އާޖެންޓީނާގެ ކެޕްޓަން މެސީ އުފާ ފާޅު ކުރަނީ
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އީކުއެޑޯ ބަލިކޮށް، ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރުމަށްފަހު އާޖެންޓީނާގެ ކެޕްޓަން މެސީ އުފާ ފާޅު ކުރަނީ
އޭއެފްޕީ
ފީފާ ވޯލްޑް ކަޕް 2018
މެސީގެ ޖާދުލާއެކު އާޖެންޓީނާ ވޯލްޑް ކަޕަށް
ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް މޮޅުވުން މަޖުބޫރު މިމެޗުގައި މެސީ ވަނީ ހެޓްރިކް ހަދާފަ
ދެކުނު އެމެރިކާ ސަރަޙައްދުން ވޯލްޑް ކަޕްގެ ސީދާ ޖާގަ ހޯދީ ބްރެޒިލް، އުރުގުއާއީ، އާޖެންޓީނާ އަދި ކޮލަމްބިއާ
ފައިދާ ލަނޑުގެ ތަފާތުން ޗިލީ އަށް ވޯލްޑް ކަޕްގެ ފުރުޞަތު ބަންދުވިއިރު، ޕެރޫ ވަނީ ޕްލޭއޯފްގެ ޖާގަ ކަށަވަރުކޮށްފަ

ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީގެ ޖާދުލާއެކު، އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގަ އާޖެންޓީނާ ކަށަވަރުކޮށްފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ޖާގަ އާޖެންޓީނާ ކަށަވަރު ކުރީ، ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި އީކުއޭޑޯގެ މައްޗަށް ތިން ލަނޑު އެއް ލަނޑުން ކުރި ހޯދައިގެންނެވެ.

މިމެޗަށް ނިކުތްއިރު، ފީފާ ވޯލްޑް ކަޕްގެ ފުރުޞަތު ގެއްލިދާނެ ކަމުގެ ބިރު އާޖެންޓީނާ އަށް އޮތެވެ. ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކުރުމަށް މޮޅުވުން ނޫން ގޮތެއް ނެތި މިމެޗަށް އާޖެންޓީނާ ނުކުތްއިރު، އެޓީމަށް އޮތް އެންމެ ބޮޑު ނާއުއްމީދަކީ އީކުއޭޑޯގެ އުސް މާހައުލުގައި ކުޅެން ޖެހުމާއި، މީގެ ކުރިން އެ އުސްމިނުގައި އާޖެންޓީނާ އަށް ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވުމެވެ. އީކުއެޑޯ އާއި ދެކޮޅަށް ރޭ ނުކުތްއިރު، އާޖެންޓީނާ އޮތީ އެސަރަޙައްދުގެ ހަވަނާގައެވެ. ރޭގެ މެޗުން މޮޅުނުވިނަމަ، 1970 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އާޖެންޓީނާ އަށް ވޯލްޑް ކަޕްގެ ފުރުޞަތު ގެއްލުނީހެވެ.

ކަނޑުގެ ލޮނުގަނޑަށް ވުރެ 2782 މީޓަރު އުހުގައި ކުޅުނު މިމެޗު ފެށިގެން 37 ވަނަ ސިކުންތުގައި އީކުއެޑޯގެ ރޮމާރިއޯ އިބާރާ ލަނޑެއް ޖަހައި އާޖެންޓީނާ ސިއްސުވާލިއިރު، އާޖެންޓީނާ އިން ނަތީޖާ ހަމަހަމަ ކުރީ 11 ވަނަ މިނެޓުގައި އެންޚެލް ޑިމަރިއާ ދިން ބޯޅައަކުން، ކެޕްޓަން ލިއޮނެލް މެސީ ޖަހައިދިން ލަނޑުންނެވެ. އޭގެ ހަތް މިނެޓު ފަހުން މެސީ ވަނީ އާޖެންޓީނާގެ ދެވަނަ ލަނޑު ޖަހައިދީ އެޓީމަށް ލީޑު ނަގައިދީފައެވެ. މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، މެޗުގެ 60 ވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، އާޖެންޓީނާ އަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

މިނަތީޖާ އާއެކު ފީފާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކުރުމަށް އާޖެންޓީނާ ދެކެމުން އައި ހަގީގަތަކަށް ހެދީ، ދެކުނު އެމެރިކާ ސަރަޙައްދުގެ ކޮލިފިކޭޝަންގައި ތާވަލްގެ ތިންވަނަ މަގާމް ހޯދައިގެންނެވެ. މިގްރޫޕުން އާޖެންޓީނާގެ އިތުރުން ފީފާ ވޯލްޑް ކަޕްގެ ސީދާ ޖާގަ ހޯދާފައިވަނީ ބްރެޒިލް، އުރުގުއާއީ، އަދި ކޮލަމްބިއާ އެވެ. ދެކުނު އެމެރިކާ ސަރަހައްދުން ޕްލޭއޯފްގެ ޖާގަ ހޯދާފައިވަނީ ޕެރޫ އެވެ.

ދެކުނު އެމެރިކާ ސަރަޙައްދުގެ ކޮލިފިކޭޝަންގެ ފަހު ބުރުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އަމިއްލަ ދަނޑުގައި ޗިލީގެ މައްޗަށް ބްރެޒިލް ކުރި ހޯދީ ތިން ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ބްރެޒިލްގެ ޕައުލީނިއޯ އެޓީމަށް ކުރި ހޯދައިދިންއިރު، ބްރެޒިލްގެ ފަހު ދެލަނޑު ޖަހައިދިނީ ގެބްރިއަލް ޖީސަސް އެވެ.

މިމެޗުގައި ބޮލީވިއާގެ ދެލަނޑަކީ އުރުގުއާއީގެ ގެސްޓަން ސިލްވާ އަދި ޑިއެގޯ ގޮޑިން އަދުން ބައިކޮޅަށް ވަން ދެ ލަނޑެވެ. މިމެޗުގައި އުރުގުއާއީގެ ލުއިސް ސުއަރޭޒް އެޓީމަށް ދެ ލަނޑު ޖަހައިދިންއިރު، އެޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ މާޓީން ސަސެރެސް އަދި އެޑިންސަން ކަވާނީ އެވެ.

މީގެ އިތުރުން ޕެރައުގުއާއީ އާ ދެކޮޅަށް ރަށުން ބޭރުގައި ވެނެޒުއޭލާ ބައްދަލުކުރި ކުރި މެޗު، ވެނެޒުއޭލާ ކާމިޔާބު ކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޔަންގެލް ހެރޭރާ އެވެ. މިމެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ޕެރަގުއާއީގެ ގުސްޓާވޯ ގޯމޭޒް އަދި ވެނެޒުއޭލާގެ ވިލްކަރ އެންޚަލް އަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

ދެކުނު އެމެރިކާ ސަރަޙައްދުގެ ކޮލިފިކޭޝަންގައި ޕެރޫ އަދި ކޮލަމްބިއާ ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި ހަމޭސް ރޮޑްރިގޭޒް ލަނޑެއް ޖަހައި ކޮލަމްބިއާ އަށް ކުރި ހޯދައިދިންއިރު، މިމެޗުން ޕެރޫ ޕޮއިންޓެއް ހޯދައިދީ ޕްލޭއޯފްގެ ޖާގަ ކަށަވަރު ކޮށްދިނީ، 76 ވަނަ މިނެޓުގައި ހޯސޭ ޕައޮލޯ ގުއެރޭރޯ ޖެހި ލަނޑުންނެވެ.

ދެކުނު އެމެރިކާ ސަރަޙައްދުގެ ކޮލިފިކޭޝަންގެ ފަހު މެޗުތަކަށް ރޭ ނުކުތްއިރުވެސް ބްރެޒިލް ވަނީ ފީފާ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށް، ފީފާ ވޯލްޑް ކަޕްގެ ކޮންމެ މުބާރާތެއްގައި ވާދަކުރާ ހަމައެކަނި ގައުމުގެ ޝަރަފު ދަމަހައްޓާފައެވެ.

ފީފާ ވޯލްޑް ކަޕްގެ ދެކުނު އެމެރިކާ ސަރަޙައްދުގެ އެއްވަނަ ހޯދީ، ފީފާ ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ބްރެޒިލް އެވެ. ދެވަނާގައިވާ އުރުގުއާއީ އާދެމެދު 10 ޕޮއިންޓްގެ ފަރަޤަކާއެކު، އެސަރަހައްދުގެ އެއްވަނަ ބްރެޒިލް ހޯދީ 18 މެޗުން 41 ޕޮއިންޓް ހަމަ ކޮށްގެންނެވެ. ދެވަނާގައިވާ އުރުގުއާއީ އަށް 31 ޕޮއިންޓް ލިބިފައިވާއިރު، އާޖެންޓީނާ ތިންވަނަ ހޯދީ 28 ޕޮއިންޓާއެކުގައެވެ. ގަދަ ހަތަރު ޓީމަށް ވޯލްޑް ކަޕްގެ ޖާގަ ލިބޭ މިސަރަހައްދުގެ ހަތަރުވަނަ ކޮލަމްބިއާ ހޯދީ 27 އާއެކުގައެވެ. މިސަރަޙައްދުގެ ޕްލޭއޯފްގެ ޖާގަ ކަށަވަރު ކުރި ޕެރޫ އަށް ލިބިފައިވަނީ 26 ޕޮއިންޓެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގައި އެންމެ ހިތްދަތި ނިމުމެއް ލިބުނީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފާއިތުވި ދެމުބާރާތް ވެސް ކާމިޔާބު ކުރި ޗިލީ އަށެވެ. ފާއިތުވި ދެ ވޯލްޑް ކަޕްގައިވެސް ގަދަ 16 އިން ޖާގަ ހޯދި ޗިލީ، ކޮލިފިކޭޝަންގެ ފަހު މެޗަށް ނިކުތްއިރު އޮތީ ތާވަލްގެ ތިންވަނާގައެވެ. އެހެން ނަމަވެސް ރޭ ބްރެޒިލް އަތުން ބަލިވުމާއި، ޕެރޫ އާއި ކޮލަމްބިއާ ކުޅުނު މެޗުގެ ފަހު ބައިގައި ޕެރޫ އިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާއެކު ޗިލީ އަށް ޕެރޫ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ޗިލީ އަށް ޕްލޭއޯފްގެ ޖާގަ ގެއްލުނީ ފައިދާ ލަނޑުގެ ތަފާތުން ޕެރޫ އަށް ކުރި ލިބުމުންނެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ހަތްވަނާގައި އޮތް ޕެރަގުއާއީ އަށް 24 ޕޮއިންޓް ލިބިފައިވާއިރު، 20 ޕޮއިންޓާއެކު ތާވަލްގެ އަށްވަނާގައި ވަނީ އީކުއެޑޯ އެވެ. ބޮލީވިއާ އަށް 14 ޕޮއިންޓް ލިބުނުއިރު، ތާވަލްގެ ފުލުގައިވާ ވެނެޒުއޭލާ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 އޮކްޓޯބަރ 2017 | ބުދަ 10:54
އަޅި
މެސީ ހަމަ ތަފާތީ