ކެލިފޯނިއާގެ އުތުރުގެ ޖަންގަލީގައި ވައިން އުފައްދާ ސަރަހައްދުގައި އަލިފާން ރޯވި ހާދިސާއަށް ފަހު 150 މީހުން ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އާދީއްތަ ދުވަހު ރޯވި އަލިފާންގަޑުގެ ސަބަބުން މަދުވެގެން 15 މީހުން މަރުވެ 1،500 އަށްވުރެ ގިނަ ގެ ވަނީ އަނދައިގެން ގޮސްފައެވެ.
ނުވަ މީހަކު މަރުވެފައިވަނީ ސޮނޯމާ ކައުންޓީއިންނެވެ.
އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މުޅި އަވަށްތައް އެކީ އަނދައިގެން ދިޔަ ސަންޓަ ރޯޒާ ޓައުނަށެވެ.
ސޮނޯމާ ކައުންޓީގެ ޝެރިފް އޮފީހުން ބުނީ 155 މީހަކު ނުފެނިވާ ކަމަށާއި އެއީ ރައްކާތެރި ސަރަހައްދުތަކަށް މީހުން ގެންދިއުމުގެ ތެރޭ އޮތް ދަތި ހާލަތުގެ ސަބަބުން ކަމަށްވެސް ވެދާނެ ކަމަށެވެ.
އެ ކައުންޓީއާ އިންވެގެން އޮންނަ ނަޕާ ކައުންޓީން މަރުވި މީހުންގެ ތެރޭގައި އުމުރުން 100 އަހަރުގެ ޗާލްސް ރިއްޕޭ އާއި އޭނާގެ އަންހެނުން އުމުރުން 98 އަހަރުގެ ސޭރާ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ކެލިފޯނިއާގެ ޖަންގަލިތަކުގައި ރޯވުމަކީ އާއްމު ކަމެއް ނަމަވެސް މިއީ ކެލިފޯނިއާގެ ތާރީޚުގައި ޖަންގަލީގައި ރޯވެ އެންމެ ގެއްލުން ބޮޑުވި އެއްފަހަރެވެ.
އަލިފާނުގެ ދުންގަޑު 60 މޭލު ދުރުން ސެން ފްރެންސިސްކޯގެ ދެކުނާ ހަމައަށް ފޯރާފައިވެއެވެ.
ކެލިފޯނިއާގެ އަލިފާނުގެ ކަންކަމާ ބެހޭ ވެރިޔާ ކެން ޕިމްލޮޓް އަންގާރަ ދުވަހު ބީބީސީއަށް ވިދާޅުވީ 17 ތަނެއްގައި ރޯވި އަލިފާނުގެ ސަބަބުން 24 ގަޑިއިރުގެ ތެރޭގައި 115،000 އޭކަރު(26،000 ހެކްޓަރު) އަނދާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަމަށާއި ނަމަވެސް މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
ހަނަފަސްވުމާ ވައި ގަދަ ވުމުގެ ސަބަބުން އަލިފާން ގަނޑު ފެތުރުން އަވަސްވި އިރު މިހާރު އޮތް ހެޔޮ ޚަބަރަކީ ވައި މަޑުވެ އަލިފާން ނިއްވާ ފަރާތްތަކަށް އަލިފާން ނިއްވުމަށް ފަސޭހަވެގެން ދިއުމެވެ.
ސަންޓަ ރޯޒާގައި ހިލްޓަން ހޮޓެލްއާ މޮބައިލް ހޯމް ޕާކް ވަނީ ހަލާކުވެގެން ގޮސްފައެވެ. ސޮނޯމާ ކައުންޓީގެ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ގޮސްފައެވެ. 91،000 އަށް ވުރެ ގިނަ ގެއާއި ވިޔަފާރިތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
ކެލިފޯނިއާގެ ގަވަރނަރ ޖެރީ ބްރައުން ވަނީ ފަސް ކައުންޓީއެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ ކާރިސާގެ ހާލަތު އިއުލާނުކުރުމުގެ ހުއްދަ ދެއްވާ ފެޑެރަލް އޭޖެންސީތަކުން އެހީގެ ކަންކަން ކުރިޔަށް ގެންދިއުމަށް ހުއްދަ ދެއްވާފައެވެ.