ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 10:27
ބެލްޖިއަމްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ބެލްޖިއަމްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޓްވިޓަރ
ވޯލްޑްކަޕް ކޮލިފައިން
އެއްވެސް މެޗަކުން ބަލިނުވެ ބެލްޖިއަމް ކޮލިފައިން ނިންމާލިއިރު، ގްރީސް ޕްލޭއޮފްއަށް
ބެލްޖިއަމް އިން ސައިޕްރަސް ބަލިކުރީ 4-0 އަކުން
ގްރީސް ވަނީ 4-0 އަކުން ޖިބްރަލްޓާ ބަލިކޮށްފަ
ބޮސްނިއާ ހަޒަގޮވީނިއާ އާއި އެސްޓޯނިއާ ވާދަކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ބޮސްނިއާ ހަޒަގޮވީނިއާ

އެއްވެސް މެޗަކުން ބަލިނުވެ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ބެލްޖިއަމް ކަށަވަރު ކުރިއިރު ކޮލިފައިވުމަށް ޕްލޭއޮފް ކުޅެން ގްރީސް ޖެހިއްޖެއެވެ.

ޔޫރަޕުގެ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް އެޗްގައި ބެލްޖިއަމް ކުޅުނު ފަހު މެޗު ސައިޕްރަސް އާއި ވާދަކޮށް އެ ޓީމު ކާމިޔާބު ކުރީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މުޅި މެޗު ވެސް ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދެއްކި ބެލްޖިއަމްގެ ޓީމުން ވަނީ މުޅި މެޗުގައި ވެސް ސައިޕްރަސްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ސައިޕްރަސްގެ ގޯލު ބެލްޖިއަމްއަށް އެންމެ ފުރަތަމަ ހުޅުވާލަދިނީ މެޗުގެ 12 ވަނަ މިނެޓުގައި ޗެލްސީގެ ވިންގަރ އެޑެން ހަޒާޑެވެ. މި ލަނޑަށް ފަހު ވެސް ބެލްޖިއަމްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފު ނިމިފައި ވަނީ އެއް ލަނޑު ސުން ލަނޑުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ވެސް ބެލްޖިއަމް ނުކުތީ ފުރަތަމަ ހާފެކޭ އެއްގޮތަށް އެޓޭކިން ފުޓްބޯޅައެއް ކުޅުމަށެވެ. ބެލްޖިއަމްއަށް އެ ޓީމުގެ ލީޑު މެޗުގެ 52 ވަނަ މިނެޓުގައި ފުޅާކޮށްދިނީ އެޑެން ހަޒާޑުގެ ކޮއްކޮ ތޯގަން ހަޒާޑެވެ. އޭގެ 11 މިނެޓު ފަހުން އެޑެން ހަޒާޑު ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށް ބެލްޖިއަމްގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. މި މެޗުން ބެލްޖިއަމްއަށް ތިން ޕޮއިންޓް ކަށަވަރުވެގެން ދިޔައީ 78 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރޮމެލޫ ލުކާކޫ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ގްރޫޕުގެ ދެވަނަ ހޯދައި ވޯލްޑް ކަޕް ޕްލޭއޮފްގެ ޖާގައެއް ގްރީސްއިން ކަށަވަރު ކުރީ އަމިއްލަ ގައުމުގައި ހަތަރު ލަނޑު ސުން ލަނޑުން ޖިބްރަލްޓާ ބަލިކޮށްގެންނެވެ. ފުރަތަމަ ހާފުގައި ގްރީސްއަށް ލީޑު ނަގައިދިނީ 32 ވަނަ މިނެޓުގައި ވަސިލިއޯސް ޓޮރޮސޯޑިސްއެވެ. ދެވަނަ ހާފުގައި ގްރީސްއިން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން ކޮންސްޓަންޓީނޯސް މިޓްރޮގުލޫ ދެ ލަނޑު ޖެހިއިރު ޖިއަނިސް ޖިއަނިއޯޓާސް ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.

ބޮސްނިއާ ހަޒަގޮވީނިއާ އާއި އެސްޓޯނިއާ ވާދަކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކުރީ ބޮސްނިއާ ހަޒަގޮވީނިއާއެވެ. ފަހު ހާފުގައި ހުރިހާ ލަނޑުތަކެއް ވެސް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޮސްނިއާ ހަޒަގޮވީނިއާ އިންނެވެ. މެޗުގެ 48 ވަނަ މިނެޓުގައި އިޒެތް ހަޖްރޮވިޗް ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދިން އިރު އިލްޖާ އެންޓަނޯވް ވަނީ 75 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އެސްޓޯނިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން ބޮސްނިއާ މޮޅުވި ލަނޑު ވެސް މެޗުގެ 84 ވަނަ މިނިޓުގައި އެ ޓީމަށް ޖަހައިދިނީ ހަޖްރޮވިޗްއެވެ.

މި މެޗުތަކާއެކު ގްރޫޕް އެޗްގެ ކުޅުން ނިމުނުއިރު ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް 28 ޕޮއިންޓް ހޯދައިގެން ގްރޫޕުގެ އެއްވަނައިގައި އޮތީ ބެލްޖިއަމްއެވެ. ގްރޫޕުގެ ދެވަނަ 19 ޕޮއިންޓާއެކު ގްރީސްއަށް ލިބޭއިރު 17 ޕޮއިންޓާއެކު ތިންވަނަ ލިބެނީ ބޮސްނިއާ ހަޒަގޮވީނިއާ އަށެވެ. އަދި 11 ޕޮއިންޓާއެކު އެސްޓޯނިއާ ހަތަރު ވަނައިގައި އޮތްއިރު ސައިޕްރަސް ފަސް ވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ޖިބްރަލްޓާއެވެ.

- ކޮމެންޓް