އޭޝިއަން ކަޕް ކޮލިފައިންގައި އޮމާން އަތުން ބަލިވެ، ކޮލިފައިވުމަށް ރާއްޖެއަށް އަމިއްލަ ބާރު ކެނޑިއްޖެއެވެ.
އަންގާރަ ދުވަހު ރޭ ކުޅުނު މެޗު ރާއްޖެއާ ވާދަކޮށް އޮމާން މެޗު ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރާއްޖެއިން ވަނީ ރަނގަޅަށް ކުޅެފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހަމަލާ ވެސް އުފެއްދީ ރާއްޖެއިންނެވެ. ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި މި ބޯޅަ އޮމާންގެ ކީޕަރު ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
މި ހަމަލާއަށް ފަހުވެސް ރާއްޖެއަށް ވަނީ ލަނޑު ޖެހުމަށް އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް އޮމާން އިން ވަނީ އެޓީމުން މެޗުގައި އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހާލިދް އަލްހާޖީއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޮލުން ފޮނުވާލައިގެންނެވެ.
މި ލަނޑަށްފަހު ވެސް އޮމާން އިން ދިޔައީ ރާއްޖޭގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން 22 ވަނަ މިނެޓުގައި ރާއްޖޭގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި ޖަމީލް އަލް ޔަހްމަދީ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.
އެހެން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ރާއްޖެއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ ސެންޓޭއެވެ. އޮމާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ސެންޓޭ ކުރިޔަށް ފޮނުވާލި ބޯޅަ ވަނީ ސީދާ ގޯލުގެ އަރިމަތީ ކަނަށެވެ.
މި ލަނޑުތަކަށް ފަހު ދެޓީމުންވެސް ދިޔައީ ވާދަވެރި ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ދެޓީމަށް ވެސް ވަނީ ލިބިފައެވެ. ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ރާއްޖޭގެ މައްޗަށް އޮމާން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި އޮމާން އިން ވަނީ ބަދަލުތަކެއް ގެނެސް އެޓޭކިން ފުޓުބޯޅައެއް ކުޅެން މަސައްކަތް ކޮށްފައެވެ. އެގޮތުން އެޓީމަށް ލިބުނު ކޯނަރަކުން 57 ވަނަ މިނެޓުގައި އަހުމަދު އަލް މަހާޖިރީ ވަނީ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ފަހުކޮޅު ރާއްޖޭގެ ފަރާތުން ވަރުބަލި ކުޅުމެއް ފެނިފައިވާއިރު، އޮމާން ހިފެހެއްޓުމަށް ރާއްޖެއިން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެއިތުރުން ރާއްޖެއަށް ވަނީ ލަނޑު ޖެހުމަށް ދެވަނަ ހާފްގައިވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު އޮމާން ވަނީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދާ ގްރޫޕްގެ ދެވަނައިގައި ހަމަޖެހިލާފައެވެ. މެޗުން ބަލިވި ރާއްޖެ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.
މި ގްރޫޕްގައި ހިމެނޭ ފަލަސްތީން އަދި ބޫޓާން ބައްދަލުކުރި މެޗު 0-10 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ފަލަސްތީންއެވެ. މި ނަތީޖާއާއެކު ފަލަސްތީން އޮތީ 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ބޫޓާން އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ޕޮއިންޓް ތާވަލުގެ ފުލުގައެވެ.