ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 07:13
ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން އަދި ކެޕްޓަން ގެރެތު ބޭލް
ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން އަދި ކެޕްޓަން ގެރެތު ބޭލް
ސްކައި ނިއުސް
ވޭލްސް
ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް
ވޭލްސްގެ ކޯޗުގެ މަގާމާއި ކޯލްމަން ހަވާލުވެފައިވަނީ 2012 ވަނަ އަހަރު
އޭނާގެ އިރުޝާދުގެ ދަށުން ވޭލްސް ވަނީ ޔޫރޯ 2016ގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ
ކޯލްމަން ޓީމާއެކު މަޑުކުރަން އެދޭ ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ގެރެތު ބޭލް ހިމެނޭ

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ފުރުޞަތު ގެއްލުނު ނަމަވެސް، ވޭލްސްގެ ކޯޗުގެ މަގާމުގައި ކްރިސް ކޯލްމަން ދެމިހުރުމަށް ވޭލްސްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ސީނިއަރ ކުޅުންތެރިން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ވޭލްސް ކުރި އުއްމީދު ނިމުމަކަށް އައި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ހޯމަ ދުވަހު ރިޕަބްލިކް އޮފް އަޔަރލެންޑް އަތުން އެއް ލަނޑު ސުން ލަނޑުން ބަލިވުމާއި ގުޅިގެންނެވެ.

ވޭލްސްގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ކްރިސް ކޯލްމަން ހަދާފައިވާ ކޮންޓްރެކްޓް އަންނަ ހޫނު މޫސުމުގެ ނިޔަލަށް ހަމަވާއިރު، ވޯލްޑް ކަޕް ކޮލިފައިންގގައި ރިޕަބްލިކް އޮފް އަޔަރލެންޑް އަތުން ބަލިވި މެޗަށްފަހު ކޯލްމަން ވަނީ އޭނާގެ ކުރިމަގާއިމެދު ނުވިސްނާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ކޯލްމަން މީގެ ކުރިން ވަނީ، މިއީ އޭނާގެ އިރުޝާދުގެ ދަށުން ވޭލްސް ވާދަކުރާނެ އެންމެ ފަހު މުބާރާތް ކަމަށް ބުނެފައެވެ.

2012 ވަނަ އަހަރުގެ ފަހުން ވޭލްސްގެ ޤައުމީ ކޯޗަކީ ކޯލްމަން އެވެ.

ކޯލްމަންގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ވޭލްސް ޖާގަ ހޯދި ނަމަވެސް، 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

ވޭލްސްގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ކޯލްމަން ހަދާފައިވާ ކޮންޓްރެކްޓް އައުކޮށް، 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި އެޓީމަށް އިރުޝާދު ދިނުމަށް ކޯލްމަން މަޑުކުރުމަށް އެފްއޭގެ ޗީފް އެގްޒެކެޓިވް ޖޮނަތަން ފޯޑްވެސް ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެހެން ނަމަވެސް ކޯލްމަން މިކަމާއި ގުޅޭ ގޮތުން ސީދާ ޖަވާބެއް ދީފައެއްނުވެއެވެ. އޭނާ ބުނެފައިވަނީ ޓީމާއެކު މަޑުކުރުން ނުވަތަ ޓީމު ދޫކޮށްލުމުގެ ފުރުޞަތު ވެސް އެބައޮތް ކަމަށާއި، މިވަގުތު ސީދާ ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށެވެ.

ޤައުމީ ޓީމާއެކު ކޯލްމަން މަޑު ކުރުމަށް އެދޭ ސީނިއަރ ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ގެރެތު ބޭލް އަދި ޑިފެންޑަރ ކްރިސް ގުންޓަރ ހިމެނެ އެވެ.

ކޯލްމަން އާ ބެހޭ ގޮތުން ޑިފެންޑަރ ކްރިސް ގުންޓަރ ބުނީ، ވޭލްސްގެ ކުޅުންތެރިން އަދި ސަޕޯޓުންނާއި، ވޭލްސްގެ ހުރިހާ އެންމެން ކޯލްމަން ގައުމީ ޓީމާއެކު މަޑުކުރުމަށް އެދޭ ކަމަށާއި، އެކަން ސަތޭކަ އިންސައްތަ ޔަގީންވާ ކަމަށެވެ. އަދި ކޯލްމަން އަކީ ވޭލްސްގެ ކާމިޔާބީގައި މުހިންމު ފަރާތެއް ކަމަށާއި، ވޭލްސްގެ ކުރިމަގަށް އޮތް އުއްމީދަކީ ވެސް ކޯލްމަން ކަމަށް އޭނާ ބުންޏެވެ. އަދި ރަނގަޅު ކޮންޓްރެކްޓެއް ދީގެން އޭނާ ޓީމާއެކު މަޑުކުރުވައިފިނަމަ، ވޭލްސްގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ރަނގަޅު ކޯޗަކަށް ކޯލްމަން ވެގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށް ގުންޓަރ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް