ސްކޮޓްލެންޑްގެ ކޯޗު ގޯޑަން ސްޓްރެޗަންގެ ކުރިމަގާއި އެޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުރާސްފަތި ދުވަހު ގޮތެއް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވެ، މުބާރާތުގެ ފުރުޞަތު ގެއްލުމާއި ގުޅިގެން ސްކޮޓްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ބޯޑު ބައްދަލުވުމެއް ބުރާސްފަތި ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.
ފީފާ ވޯލްޑް ކަޕުން ސްކޮޓްލެންޑަށް ފުރުޞަތު ގެއްލުނުކަން ކަށަވަރުވުމުގެ ކުރިން ތާވަލް ކުރި މިބައްދަލުވުމަށް 60 އަހަރުގެ ސްޓެޗަން ހާޒިރެއް ނުވާނެ އެވެ.
ސްކޮޓްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ސްޓްރެޗަން ހަދާފައިވާ ކޮންޓްރެކްޓް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވާއިރު، އޭނާގެ ކުރިމަގާއިމެދު ގޮތެއް ނިންމަވާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް ސްޓިވާޓް ރޭގަން ވިދާޅުވެފައިވާ ކަމަށް ބީބީސީން ރިޕޯޓް ކުރެއެވެ.
ސްކޮޓްލެންޑްގެ ކުރީގެ ކޯޗު ކްރެއިގް ލެވެއިން އަށްފަހު، 2013 ވަނަ އަހަރު އެމަގާމާއި ހަވާލުވި ސްޓްރެޗަންގެ އިރުޝާދުގެ ދަށުން ސްކޮޓްލެންޑް 40 މެޗު ކުޅުނުއިރު، 19 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަދި 8 މެޗު އެއްވަރުވެފައި ވެއެވެ.
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ސްކޮޓްލެންޑް ހިމެނޭ ގްރޫޕްގެ ކުޅުނު ނިމުނުއިރު، ސްކޮޓްލެންޑަށް ލިބިފައިވަނީ ގްރޫޕްގެ ތިންވަނަ އެވެ.
އާދީއްތަ ދުވަހުގެރޭ ސްލޮވީނިއާ އަތުން މޮޅުވިނަމަ ފީފާ ވޯލްޑް ކަޕްގެ ޕްލޭއޯފްގެ ޖާގަ ލިބެން އޮތް ނަމަވެސް، ސްލޮވީނިއާ އާ ބައްދަލުކުރި ގްރޫޕްގެ ފަހު މެޗު ނިމިފައިވަނީ ދެ ލަނޑު ދެ ލަނޑުން އެއްވަރު ވެގެންނެވެ. މީގެ އިތުރުން މޯލްޓާގެ މައްޗަށް ތިން ލަނޑު ސުން ލަނޑުން ސްލޮވާކިއާ ކުރި ހޯދުމާއެކު، ގްރޫޕް އެފްގެ ދެވަނަ މަގާމް ލިބިގެން ޕްލޭއޯފްގެ ޖާގަ ލިބިފައިވަނީ ސްލޮވާކިއާ އަށެވެ. މިގްރޫޕްގެ އެއްވަނަ މަގާމާއެކު ފީފާ ވޯލްޑް ކަޕްގެ ސީދާ ޖާގަ ކަށަވަރު ކޮށްފައިވަނީ އިނގިރޭސިވިލާތެވެ.
ޔޫރޯ ޒޯންގެ ކޮލިފިކޭޝަން ގްރޫޕް އެފްގެ އެއްވަނަ އިނގިރޭސިވިލާތް ހޯދީ 26 ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ ދެވަނަ ހޯދި ސްލޮވާކިއާ އަދި ތިންވަނަ ހޯދި ސްކޮޓްލެންޑަށް 18 ޕޮއިންޓް ލިބިފައިވާއިރު ސްލޮވާކިއާ އަށް ޕްލޭއޯފްގެ ޖާގަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.