ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 00:50
ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ އަދި އަނބިކަނބަލުން ގްރޭސް މުގާބޭ
ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ އަދި އަނބިކަނބަލުން ގްރޭސް މުގާބޭ
ރޮއިޓަރސް
ޒިމްބާބްވޭ
ޒިމްބާބްވޭގެ ޖަސްޓިސް މިނިސްޓަރު ކަމުން ނައިބު ރައީސް ވަކިކުރައްވައިފި
ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވަނީ މުގާބޭ އަށްފަހު ވެރިކަމަށް އަންނާނެ ބޭފުޅަކާއިމެދު ޚިޔާލުތަފާތުވެފައިވާ ދަނޑިވަޅެއްގައި
މުގާބޭ އަށް ފަހު ވެރިކަމަށް އައުމަށް ނައިބު ރައީސް ނަންގަގްވާ އަދި އަނބިކަނބަލުން ގްރޭސް މުގާބޭ ވަނީ ފައި ނަންގަވާފަ
ކެބިނެޓަށް އައްޔަން ކޮށްފައިވަނީ އަނބިކަނބަލުން ގްރޭސް މުގާބޭގެ ފެކްޝަނަށް ނިސްބަތްވާ ފަރާތްތައް

ޒިމްބާބްވޭގެ ޖަސްޓިސް މިނިސްޓަރުގެ މަޤާމުން މުގާބޭގެ އެއް ނައިބު ރައީސް އެމަރސަން ނަންގަގްވާ ވަކި ކުރައްވައިފި އެވެ.

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ އާ ޚިޔާލުތަފާތުވެފައިވާ ނަންގަގްވާ އެޤައުމުގެ ޖަސްޓިސް މިނިސްޓަރުގެ މަޤާމުން ވަކި ކުރައްވާފައިވަނީ އެޤައުމުގެ ކެބިނެޓަށް ހޯމަ ދުވަހު ގެންނެވި ބަދަލުތަކުގެ ތެރޭގައެވެ.

ޒިމްބާބްވާގެ ވެރިކަމުގައި 37 ވަނަ އަހަރު ހޭދަކުރައްވަމުން ގެންދަވާ މުގާބޭ އަށްފަހު އެޤައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނެ ބޭފުޅެއްގެ މައްސަލާގައި ނަންގަގްވާ އާއި ގްރޭސް މުގާބޭ އާ ދެމެދު ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. މުގާބޭ އަށްފަހު އެޤައުމުގެ ވެރިކަމަށް ވަޑައިގެންނެވުމަށް ގްރޭސް ފައިނަންގަވާފައިވާއިރު، ނަންގަގްވާ ވެސް ދަނީ އެކަމަށް މަސައްކަތް ކުރައްވަމުންނެވެ.

އެމައްސަލާގައި ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، ކެބިނެޓަށް މުގާބޭ ގެންނެވި ބަދަލުތަކަކީ ކެބިނެޓުގައި ނައިބު ރައީސް ނަންގަގްވާގެ ނުފޫޒު ކުޑަ ކުރެއްވުމަށް ނެންގެވި ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓަރ ކަމުގެ މަގާމުން ނަންގަގްވާ ވަކި ކުރެއްވި ނަމަވެސް، ނައިބު ރައީސްގެ މަގާމުން އޭނާ ވަކިކޮށްފައެއް ނުވެ އެވެ. ނަންގަގްވާގެ ބަދަލުގައި އެޤައުމުގެ ޖަސްޓިސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހެޕީޓަން ބޮންޔޮންގްވޭ އެވެ. އެޤައުމުގެ އަސްކަރިއްޔާގެ ކުރީގެ މޭޖަރ ޖެނެރަލެއް ކަމަށްވާ ބޮންޔޮންގްވޭ ހުންނެވީ އެގައުމުގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

މީގެ އިތުރުން ނަންގަގްވާގެ ވަފާތެރިޔެއް ކަމަށްވާ ޕެޓްރިކް ޗިނަމާސާ ވަނީ އެޤައުމުގެ މާލީ ވަޒީރުގެ މަގާމުން ވަކި ކުރައްވާފައެވެ. އޭނާގެ ބަދަލުގައި އެމަގާމަށް އައްޔަން ކުރެއްވީ ކުރިން ދާޚިލީ ވަޒީރުގެ މަގާމުގައި ހުންނެވި އިގްނާޓިއަސް ޗޮމްބޯ އެވެ.

މީގެ އިތުރުން ޔޫތު މިނިސްޓަރުގެ މަގާމަށް ޗިރަޓީޒޯ މަބޫވާ ހަމަޖައްސާފައިވާއިރު، އެންވަޔަރަމަން، ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ވުޒާރާ ހަވާލުކޮށްފައިވަނީ އެޑްގަ އެމްބުވެމްބްވޭ އަށެވެ.

މީގެ އިތުރުން މުގާބޭ ވަނީ ސައިބަރ ސެކިއުރިޓީ އާ ބެހޭ ވުޒާރާއެއް އުފައްދަވާފައެވެ.

ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި 10 ބަޒީރެއްގެ މަގާމު ބަދަލުކޮށްފައިވާއިރު، ދެ ވަޒީރަކު ވަނީ ކެބިނެޓުން ބޭރު ކުރައްވާފައެވެ.

މުގާބޭގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާއިރު، ކެބިނެޓްގެ މަގާމްތަކަށް ކިބައިން އައްޔަން ކުރައްވާފައިވަނީ އަނބިކަނބަލުން ގްރޭސް މުގާބޭގެ ފެކްޝަނަށް ތާޢީދު ކުރައްވާ ބޭފުޅުންނެވެ.

ޒިމްބާބްވޭގެ ރިޔާސީ އިންތިޚާބު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބާއްވަން ޖެހޭއިރު، ވެރިކަން ކުރާ ޒަނޫ ޕީއެފް ޕާޓީގެ ރަސްމީ ކެންޑިޑޭޓަކީ 93 އަހަރުގެ މުގާބޭ އެވެ. އެހެންނަމަވެސް އުމުރުން ދުވަސްވުމާއި، އާލާސްކަންފުޅާއި ގުޅިގެން އޭނާ އަށް ފަހު ވެރިކަން ކުރައްވާނެ ބޭފުޅަކާއި މެދު ޚިޔާލުތަފާތުވެފައިވާއިރު، މުގާބޭގެ އަނބިކަނބަލުން ގްރޭސް ވަނީ މުގާބޭ އަށް ފަހު ވެރިކަން ކުރައްވާނެ ބޭފުޅެއްގެ ނަން އާއްމު ކުރުމަށް ބާރުއަޅުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް