އަނިޔާގެ ސަބަބުން ލިވަޕޫލްގެ ވިންގަރ ސަޑިއޯ މާނޭ އަށް، އިނގިރޭސި ޕްރިމިއަރ ލީގުގައި އާދީއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް އެކްލަބުން ބުނެފި އެވެ.
ސެނެގާލްގެ ވިންގަރ މާނޭގެ ފަލަމަސްގަނޑަށް އަނިޔާވީ، އިންޓަރނޭޝަނަލް ބްރޭކްގައި ސެނެގާލްގެ ގައުމީ ޓީމަށް ކުޅެނިކޮށެވެ. އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކޭޕް ވާޑޭ އާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗުގައި އަނިޔާވެގެން މަނޭ ވަނީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބަދަލުކޮށްފައެވެ. އެމެޗު ސެނެގާލް ކާމިޔާބު ކުރީ ދެ ލަނޑު ސުން ލަނޑުންނެވެ.
އޭނާގެ އަނިޔާއާ ގުޅޭ ގޮތުން ލިވަޕޫލް އިން އަންގާރަ ދުވަހު ބުނީ، އަނިޔާގެ ސަބަބުން މާނޭ މަހަކަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.
މާނޭ ހަ ހަފްތާ އެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭއިރު،އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ނުކުޅޭނެ އެވެ. މީގެ އިތުރުން ޕްރިމިއަރ ލީގާއި ޔުއޭފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ކުޅެން ޖެހޭ ގިނަ މެޗުތަކެއް އޭނާ އަށް ގެއްލޭނެ އެވެ.
މީގެ އިތުރުން ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާއި 14 ވަނަ ދުވަހު، ދެކުނު އެފްރިކާ އާ ދެކޮޅަށް ސެނެގާލް ކުޅޭ މުހިންމު ދެމެޗު އޭނާ އަށް ގެއްލޭނެ އެވެ.
ކަކުލަށް ލިބުނު އަނިޔާ އަށް ފަހު މިސީޒަނުގައި ލިވަޕޫލަށް ނުވަ މެޗު ކުޅެފައިވާ މަނޭ ވެފައި ވަނީ ކޯޗު ޔާގެން ކްލޮޕްގެ އެޓޭކިންގ ލައިންގައި ހިމެނޭ މުހިންމު ކުޅުންތެރިޔަކަށެވެ. މިސީޒަނުގައި ޕްރިމިއަރ ލީގުގައި ކުޅުނު ހަތަރު މެޗުގައި މާނޭ ވަނީ އެކްލަބަށް ތިން ލަނޑު ޖަހައިދީފައެވެ.
މިދިޔަ މަހު މެންޗެސްޓަރ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑަށް ފަހު، ސަސްޕެންޝަނާއި ގުޅިގެން ވެސް މާނޭ އަށް ތިން މެޗު ގެއްލިފައި ވެއެވެ.
މިދިޔަ ސީޒަނުގައި މާނޭ ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލަށް 13 ލަނޑު ޖަހައިދީފައެވެ. އެހެންނަމަވެސް، ޖެނުއަރީ މަހު ބޭއްވި އެފްރިކަން ނޭޝަންސް ކަޕާއި ގުޅިގެން ޖެނުއަރީ މަހު ލިވަޕޫލް ކުޅުނު މެޗުތަކާއި، ކަކުލަށް ލިބުނު އަނިޔާ އާ ގުޅިގެން ލީގުގެ ފަހު ހަ ހަފްތާ މާނޭ އަށް ގެއްލުނެވެ.