ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 22:10
މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ
މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ
ގެޓީ އިމޭޖަސް
ސާޖިއޯ އަގުއޭރޯ
އަނިޔާ އަށް ފަހު އަގުއޭރޯ ފަރިތަކުރުންތަކަށް ނިކުމެއްޖެ
އަގުއޭރޯ ވަނީ އަންގާރަ ދުވަހު ބޭއްވި ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ
އަގުއޭރޯ ބައިވެރިވީ ޓީމާ ވަކިން، ލުއި ފަރިތަކުރުންތަކުގައި

ނެދަލެންޑްސްގެ އެމްސްޓަޑަމްގައި ހިނގި ކާރު އެކްސިޑެންޓެއްގައި އަނިޔާވި މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ، 11 ދުވަހަށް ފަހު ތަމްރީންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އާޖެންޓީނާގެ 29 އަހަރުގެ ފޯވާޑްގެ މޭ ކަށިގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބެލެވުނު ނަމަވެސް، އަގުއޭރޯ ވަނީ އަންގާރަ ދުވަހު ބޭއްވި ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އެހެންނަމަވެސް އަގުއޭރޯ ބައިވެރިވެފައި ވަނީ ޓީމާ ވަކިން، ލުއި ފަރިތަކުރުންތަކުގައެވެ.

މެންޗެސްޓަރ ސިޓީން ބުނީ، އަގުއޭރޯ މިހާރު ކުރަނީ ފިޓްނަސް ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށާއި، އެނބުރި ދަނޑަށް ނުކުތުމަށް އަދި ދުވަސް ކޮޅެއް ނަގާނެ ކަމަށެވެ.

އަނިޔާގެ ކުރިން އަގުއޭރޯ އައީ ސިޓީގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު ހަ މެޗުގައި ހަ ލަނޑު ޖަހައިގެން އަގުއޭރޯ އޮތީ ޕްރިމިއަރ ލީގުގެ ލަނޑު ލިސްޓުގެ ދެވަނާގައެވެ.

ސިޓީގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އެރިކް ބްރޫކްގެ 177 ލަނޑުގެ ރެކޯޑާއި އަރާ ހަމަކުރަން އަގުއޭރޯ އަށް ބޭނުން ވަނީ އެންމެ ލަނޑެކެވެ.

މެންޗެސްޓަރ ސިޓީ މިވަގުތު އޮތީ ލަނޑުގެ ތަފާތުން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ކުރީގައެވެ. ލީގުގެ ދެވަނާގައިވާ މެންޗެސްޓަރ ޔުނައިޓެޑް އަދި ސިޓީ އަށް ވެސް ލިބިފައި ވަނީ 19 ޕޮއިންޓެވެ. ޔުނައިޓެޑަށް ފައިދާ 19 ލަނޑު އޮތްއިރު، ސިޓީ އަށް ފައިދާ 20 ލަނޑު އެބައޮތެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ސިޓީ ނުކުންނާނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް