ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 17:47
އޮސްޓްރޭލިއާގެ ޓިމް ކޭހިލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އޮސްޓްރޭލިއާގެ ޓިމް ކޭހިލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ވޯލްޑްކަޕް ކޮލިފައިން
ވޯލްޑްކަޕަށް ސީރިއާ ކުރަމުންދިޔަ އުންމީދުތައް ކޭހިލް ފުނޑުފުނޑުކޮށްލައިފި
ވޯލްޑްކަޕުން ޖާގައެއް ހޯދުމަށް އޮސްޓްރޭލިއާ ނިކުންނާނީ އެމެރިކާ، ޕަނާމާ ނުވަތަ ހޮންޑިއުރަސްއާ ދެކޮޅަށް

ވޯލްޑްކަޕަށް ސީރިއާ ކުރަމުންދިޔަ އުންމީދުތައް ޓީމް ކޭހިލް ފުނޑުފުނޑުކޮށްލައިފިއެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މި މެޗު ސީރިއާއާ ވާދަކޮށް އޮސްޓްރޭލިއާ ކާމިޔާބުކުރީ އިތުރު ވަގުތު ކުޅެގެން 1-2 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެގޮތުން އޮސްޓްރޭލިއާ ދެން އޮތް ބުރަށް ދަތުރުކުރީ 2-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އޮސްޓްރޭލިއާ ދަނޑުގައި ކުޅުނު މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ސީރިއާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ހަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮމަރް އަލް ސޮމާއެވެ.

އެހެންނަމަވެސް އޮސްޓްރޭލިއާ އިން ވަނީ މެޗުގެ ތެރެއަށް ރަނގަޅަށް ވަދެ 13 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމް ކޭހިލްއެވެ.

މި ލަނޑަށް ފަހު ވެސް ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސީރިއާ އިން އެޓީމުގެ ޑިފެންސް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އޮސްޓްރޭލިއާއިން ވަނީ ތަނަވަސްކޮށްފައެވެ.

އެހެން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ވެސް ދެ ލެގަށް ބަލާއިރު ދެޓީމު 2-2 ގެ ނަތީޖާއިން އެއްވަރުވުމާއެކު ދެން ކުޅުނީ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފެވެ.

ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، ދެވަނަ ހާފް ނިމެނިކޮށް ޓީމް ކޭހިލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ސީރިއާގެ ހިތްތައް ފުނޑުފުނޑުކޮށްލާފައެވެ. މި ލަނޑާއެކު އޭނާ ވެގެންގޮސްފައި ވަނީ ތާރީހުގައި ވެސް ގައުމީ ޓީމަށް 50 ލަނޑު ކާމިޔާބުކޮށްދިން 59 ވަނަ ކުޅުންތެރިޔާއަށެވެ.

މި ނަތީޖާއާއެކު އޮސްޓްރޭލިއާ ވޯލްޑްކަޕުން ޖާގައެއް ހޯދުމަށް ކުޅޭ ފަހު މެޗުގައި ނިކުންނާނީ އެމެރިކާ، ޕަނާމާ ނުވަތަ ހޮންޑިއުރަސްއާ ދެކޮޅަށެވެ.

 

- ކޮމެންޓް