އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވެ މިދިޔަ އޯގަސްޓް މަހު ވިހެއި 10 އަހަރުގެ އަންހެން ކުއްޖާ ވިހެއި ތުއްތު ކުއްޖާގެ ބައްޕައަކީ ރޭޕް ކުރެވުނު އަންހެން ކުއްޖާގެ ބޮޑުބޭބެއެއް ކަަމަށް ފުލުހުން ބުނެފިއެވެ.
ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ދަނީ ހުށަހަޅަމުންނެވެ. ދެވަނަ ބޮޑުބޭބެގެ މައްޗަށް ވެސް ކުރެވެނީ ރޭޕް ކުރުމުގެ ތުހުމަތެވެ.
މީގެ ކުރިން ވަނީ އަންހެއް ކުއްޖާގެ ފުރަތަމަ ބޮޑުބޭބެގެ މައްޗަށް ވެސް އޭނާ ރޭޕް ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައެވެ. ދެވަނަ މީހެއްްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަންފެށީ ފުރަތަމަ ތުހުމަތު ކުރެވުނު މީހާއާ ތުއްތު ކުއްޖާގެ ޑީއެންއޭ ދިމާ ނުވާ ކަމަށް ފޮރެންސިކް ތަހުލީލުތަކުން ދެއްކުމުންނެވެ.
ޗަންދިގަރްގެ ސީނިއަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނީލަމްބަރީ ވިޖޭ ބީބީސީއަށް ވިދާޅުވީ ފުލުހުން މިހާރު އަވަސްވެގެންފައި ވަނީ ދެވަނަ ބޮޑުބޭގެ މައްޗަށް ދައުވާ ކުރުމަށްް ކަމަށެވެ.
ދެވަނަ ބޮޑުބޭބެއަކީ ފުރަތަމަ ހައްޔަރު ކުރެވުނު ބޮޑު ބޭބެގެ ކޮއްކޮއެވެ.
"އެއީ ތެދެއް ތުއްތު ކުއްޖާގެ ޑީއެންއޭ ސާމްޕަލް ވަނީ ދެވަނަ ބޮޑުބޭބެއާ ދިމާވެފައި،" އެކަަމަނާ ވިދާޅުވިއެވެ.
ފުރަތަމަ ހައްޔަރު ކުރެވުނު ބޮޑު ބޭބެ ވެސް ކުއްޖާއާ ބެހިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އޭނާ ވެސް ބަންދުން ދޫނުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އުމުރުން 10 އަހަރުގެ ކުއްޖާގެ މި މައްސަލަ އިންޑި އާއާއި ދުނިޔޭގެ ސަމަލުކަމަށް އައިސްފައި ވަނީ މީގެ ހަފްތާތަކެއް ކުރިންނެވެ.
އަންެހެން ކުއްޖާ ބަލިވެ އިންކަން އެނގުނީ ޖުލައި މަހުގެ މެދުތެރޭ އޭނާ ބަނޑުގައި ރިއްސާ ކަމަށް ބުނުމުން އޭނާގެ މައިންބަފައިން އޭނާ ހޮސްޕިޓަލަށް ގެންދިއުމުންނެވެ.
އެ ކުއްޖާ ބަލިވެއިންތާ ހަފްތާތަކެއް ވެފައިވާތީ އެބޯޝަން ހެދުމަކީ "މާ ރިސްކުބޮޑު" ކަމެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވާތީ އެކަން ނުކުރުމަށް ޗަންދިގަރްގެ ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުން ވެސް ވަނީ ޑޮކްޓަރުންގެ އެ ލަފަޔަށް ރިއާޔަތް ކުރުމަށް ފަހު ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.