އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ސްޕެއިން ކުޅުނު ހުރިހާ މެޗެއް އެ ޓީމުން ކާމިޔާބުކުރި އިރު ވޯލްޑްކަޕްގެ ޖާގައެއް ހޯދުމަށް އިޓަލީ ޕްލޭއޮފް ކުޅެން ޖެހިއްޖެއެވެ.
ޔޫރަޕުގެ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ޖީގައި ސްޕެއިން ކުޅުނު ފަހު މެޗުގައި އެ ޓީމުން ވަނީ ގައުމުން ބޭރުގައި 1-0 އިން އިސްރާއިލް ބަލިކޮށްފައެވެ. މުޅި މެޗު ވެސް ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދެއްކި ސްޕެއިންގެ ޓީމަށް ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައި ނުވާއިރު އިސްރާއިލުން ވަނީ ރަނގަޅު ޑިފެންސިވް ގޭމެއް ފުރަތަމަ ހާފުގައި ކުޅެފައެވެ.
އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމިގެން ދިޔައިރު ދެވަނަ ހާފުގައި ވެސް ސްޕެއިން އިން ވަނީ އެ ޓީމުގެ ކުޅުން ދަމަހައްޓާ އިސްރާއިލުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ސްޕެއިންއަށް އިސްރާއިލުގެ ގޯލު ހުޅުވައިދިނީ މެޗުގެ 76 ވަނަ މިނިޓުގައި ރެއާލް ސޮސިއެޑާޑްގެ މިޑްފީލްޑާ އެއިޒާ އިލާރަމެންޑީއެވެ.
މި ލަނޑަށް ފަހު ވެސް ސްޕެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މި ގްރޫޕުގެ ދެވަނައިގައި އޮތް އިޓަލީން ވަނީ ގައުމުން ބޭރުގައި 1-0 އިން އަލްބޭނިއާ ބަލިކޮށްފައެވެ. ވޯލްޑްކަޕްގެ އޮޓަމެޓިކް ކޮލިފިކޭޝަންގެ ޖާގައެއް އިޓަލީއަށް ގެއްލިފައިވީ ނަމަވެސް އެ ޓީމުން ވަނީ އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޔޫރަޕުގެ ވޯލްޑްކަޕް ކޮލިފައިންގެ ޕްލޭއޮފް ޖާގައެއް ކަށަވަރު ކޮށްފައެވެ. މުޅި މެޗު ވެސް ކޮންޓްރޯލްކޮށް ރަނގަޅު ކުޅުމެއް ދެއްކި އިޓަލީގެ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ކަންޑްރޭވާއެވެ.
މި ގްރޫޕުގައި މެސަޑޯނިއާ ވަނީ އަމިއްލަ ގައުމުގައި 4-0 އިން ލީޗްޓެންސްޓައިން ބަލިކޮށްފައެވެ. މި މެޗުގައި މެސަޑޯނިއާ އަށް ލަނޑުތައް ޖަހައިދިނީ ވިސާރް މުސިލޫ، އެލެކްޒެންޑާ ޓްރަޖްކޮވޮސްކީ، އެނިސް ބާދީ އަދި އާޔަން އެޑާމީއެވެ.
މި ގްރޫޕުގެ އެއްވަނަ 28 ޕޮއިންޓާ އެކު ލިބެނީ ސްޕެއިން އަށެވެ. އެ ޓީމު ވަނީ ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށްފައެވެ. ދެވަނައިގައި 23 ޕޮއިންޓާ އެކު އިޓަލީ އޮތް އިރު އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑްކަޕްގެ ޖާގައެއް ހޯދުމަށް އެ ޓީމު ޖެހޭނީ ޕްލޭއޮފް މެޗުތަށް ކުޅޭށެވެ. ތިންވަނައިގައި 13 ޕޮއިންޓާއެކު އަލްބޭނިއާ އޮތްއިރު 12 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ އިސްރާއިލްއަށެވެ. އަދި 11 ޕޮއިންޓާއެކު ފަސް ވަނައިގައި މެސަޑޯނިއާ އޮތްއިރު މި ގްރޫޕުގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ލީޗްޓެންސްޓައިންއެވެ.