ހާލުގެ ދަރިފަނި މޮޑިފައިކޮށްގެން، ކެންސަރަށް ފަރުވާ ލިބޭފަދަ ބިސް އަޅާ ކުކުޅުތަކެއް އުފައްދަން ޖަޕާނު ސައިންޓިސްޓުން މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރަމުންދަނީ، ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑްވާންސްޑް އިންޑަސްޓްރިއަލް ސައިންސް އެންޑް ޓެކްނޮލޮޖީގެ ސައިންޓިސްޓުންނެވެ. އެ ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ، ޖީނޯމް އެޑިޓިންގ ބޭނުންކޮށްގެން، އިންޓަރފެރޯން ބީޓާ ޕްރޮޓީން އުފައްދާ ޑީއެންއޭގެ ބައިތަކެއް ހާލުގެ ދަރިފަނީގައި ހިމެނުމަށެވެ.
އިންޓަރފެރޯން ބީޓާ އަކީ ގިނަ ބަލިތަކަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ ޕްރޮޓީނެކެވެ. އެގޮތުން ކެންސަރުގެ އިތުރުން މަލްޓިޕަލް ސްކްލެރޯސިސް އާއި ހެޕަޓައިޓިސް ފަދަ ބައެއް ބަލިތަކަށް ފަރުވާ ކުރުމަށް ވެސް މި ޕްރޮޓީން ބޭނުން ކުރެއެވެ.
މި މަޝްރޫޢުގައި އިސްކޮށް އުޅުއްވާ އޮސާކާ ޔުނިވަރސިޓީގެ ޕްރޮފެސަރ ހޮރިނޯބޫ ހޯޖޯ ވިދާޅުވީ، މަޝްރޫޢުގެ މައިގަނޑު އުއްމީދަކީ، އިންޓަރފެރޯން ބީޓާ އަކީ އަގުބޮޑު ޕްރޮޓީނަކަށް ވާއިރު، ބޮޑެތި ބަލިތަކަށް، ޚާއްސަކޮށް ކެންސަރަށް ބޭނުންވާ ބޭސް ހެޔޮ އަގުގައި ލިބޭނެ މަގުފަހި ކުރުން ކަމަށެވެ.
އެގޮތުން ބާޒާރުގައި މިހާރު އިންޓަރފެރޯން ބީޓާ ލިބެން ހުރި އަގަށް ބަލާއިރު، މަދު މައިކްރޯގްރާމް ކޮޅެއްގެ އަގު، 888 ޑޮލަރަށް އެރި ނަމަވެސް ކުރިއަށް އޮތްތާނގައި އެންމެ ކުކުޅު ބިހަކުން 100 މިލިގްރާމްގެ އިންޓަރފެރޯން ބީޓާ ޕްރޮޓީން ލިބޭނެއެވެ.
ހޯޖޯ ވިދާޅުވީ، އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ޔަޤީން ކުރުމަށް ކުރިއަށް އޮތްތާނގައި މި މަޝްރޫޢުގެ ދަށުން އުފެއްދޭ ކުކުޅު ބިހުން ރައްކާތެރި ބޭސް އުފެއްދުމަށްޓަކައި ގިނަ ތަހުލީލުތަކެއް ކުރަން ޖެހޭނެ ކަމަށެވެ.
ހޯޖޯ އާއި އޭނާގެ ޓީމުން މިހާތަނަށް 3 ކުކުޅެއްގެ ޑީއެންއޭ ބަދަލުކޮށްފައިވާއިރު އެ ކުކުޅުތައް ދަނީ ކޮންމެ ދުވަހަކުހެން އިންޓަރފެރޯން ބީޓާ ހިމެނޭ ބިސް އަޅަމުންނެވެ.
މި މަޝްރޫޢު ކާމިޔާބުވެއްޖެ ނަމަ، ބޭސް އުފައްދާ ކުންފުނިތަކަށް އިންޓަރފެރޯން ބީޓާ ހިމެނޭ ބިސް ހެޔޮ އަގުގައި ވިއްކުމަށް ވަނީ ނިންމާފައެވެ. އިންޓަރފެރޯން ބީޓާ ޕްރޮޓީން ގަންނަން ލިބޭ އަގު ހެޔޮވުމާއިއެކު، އަލަށް އުފައްދާ ބޭސް، ކެންސަރު ޕޭޝަންޓުންނަށް މިހާރު ބޭސް ލިބޭ އަގުގެ ދިހަ އިންސައްތަ ހެޔޮ އަގެއްގައި ލިބޭނެއެވެ. މީގެ މާނައަކީ މި މަޝްރޫޢު ކާމިޔާބުވެއްޖެ ނަމަ، މިސާލަކަށް މިހާރު 100 ރުފިޔާއަށް ލިބޭ ބޭސްގުޅަ 10 ރުފިޔާއަށް ލިބޭނެއެވެ.
އުއްމީދީ މި މަޝްރޫޢު ކާމިޔާބުވި ނަމަވެސް، ސިއްޙީ ދާއިރާގެ ރައްކާތެރިކަމުގެ އެކިއެކި ޓެސްޓުތަކަށް ފަހު މި ގޮތަށް އުފައްދާ އިންޓަރފެރޯން ބީޓާ ޕްރޮޓީން ބޭނުންކޮށްގެން އުފައްދާ ބޭސް ބާޒާރަށް ނެރެވޭނީ އަދި އަހަރުތަކެއް ފަހުންނެވެ.