އިޤްތިޞާދީ ދާއިރާއިން މިއަހަރުގެ ނޯބެލް އިނާމް އެމެރިކާގެ އިކޮނޮމިސްޓެއް ކަމަށްވާ ރިޗަޑް ތޭލަރ ހޯދައިފި އެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް ޗިކާގޯގެ ޕްރޮފެސަރ ތޭލާ އަށް މި އިނާމް ލިބިފައިވަނީ "ސައިކޮލިޖީ އޮފް އިކޮނޯމިކްސް" މީހުންނަށް ފަހުމް ކޮށްދިނުމަށް ކޮށްފައިވާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ކަމަށް ނޯބެލް ޕްރައިޒް ޕެނަލް އިން ބުނެ އެވެ.
ރޯޔަލް ސްވިޑިޝް އެކަޑަމީ އޮފް ސައިންސަސްގެ ޕަރ ސްރެއޮމްބާގް ވިދާޅުވީ، ތޭލަރގެ މަސައްކަތުން އިޤްތިޞާދީ ނިންމުންތައް ބައްޓަން ކުރުމުގައި އިންސާނުންގެ ނަފްސާނީ ދުހަހެޔޮކަމާއި، އިޖްތިމާއީ، އަދި ޖަޒުބާތީ ދުޅަހެޔޮކަން، އަދި ތޫނުފިލިކަމާއި ހަމަބުއްދީގެ ވިސްނުން އަދާކުރާ ދައުރު ހޯދިފައިވާ ކަމަށެވެ.
އަދި ރިޗަޑް ތޭލަރގެ ހޯދުންތަކުގެ ސަބަބުން، އެހެން މީހުންގެ އިޤްތިޞާދީ ދިރާސާތަކަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށާއި، އިޤްތިޞާދުގެ ތެރެއިން އާ ދާއިރާއެއް ކަމަށްވާ ބިހޭވިއަރަލް އިކޮނޮމިކްސް އަށް މަގު ކޮށައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ނޯބެލް ޕްރައިޒް ލިބުނު ފަރާތްތަކަށް ބަލާއިރު، ނޯބެލް ޞުލްޙައިގެ އިނާމް މިއަހަރު ކާމިޔާބު ކޮށްފައިވަނީ ނިއުކްލިއަރ ހަތިޔާރާއި ދެކޮޅަށް މަސައްކަތް ކުރާ ކެމްޕެއިން އެއް ކަމަށްވާ އިންޓަރނޭޝަނަލް ކެމްޕެއިން ޓު އެބޮލިޝް ނިއުކްލިއަރ ވެޕަންސް (އައިކޭން) އެވެ. އަދަބިއްޔާތުގެ ދާއިރާ އިން ދޭ ދާއިރާއިން ނޯބެލް އިނާމް ލިބިފައި ވަނީ ޖަޕާނުގެ އަދީބެއް ކަމަށްވާ ކަޒުއޯ އިޝިގޫރޯ އެވެ. ބޭސްވެރިކަމުގެ ދާއިރާ އިން މިއަހަރުގެ ނޯބެލް އިނާމް ލިބިފައި ވަނީ އެމެރިކާގެ ތިން ސައިންޓިސްޓުން ކަމަށްވާ ޖެފްރީ ހޯލް، މައިކަލް ރޮސްބަޝް އަދި މައިކަލް ޔަންގެވެ. ކެމިސްޓްރީގެ ދާއިރާ އިން ނޯބެލް އިނާމް ލިބިފައި ވަނީ ޖެކްއެސް ޑުބޯޗޭ، ޔޮއަހިމް ފްރޭންކް، އަދި ރިޗަޑް ހެންޑަސަން އަށެވެ. ފިޒިކްސްގެ ދާއިރާ އިން ނޯބެލް އިނާމް ލިބިފައި ވަނީ ރެއިނާ ވެއިސް، ބެރީ ބެރިޝް އަދި ކިޕްސް ތޯން އަށެވެ.