ތުރުކީގެ އަސްކަރީ ފައުޖުތަކުން ސީރިއާ އާއި ތުރުކީ ގުޅޭ ސަރަޙައްދީ އިމުގެ ކައިރީގައި، ސީރިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަޔާތު ތަޙްރީރް އަލް ޝާމްގެ ހަނގުރާމަވެރިންނާއި ކުރިމަތިލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސީރިއާގެ ހަނގުރާމަ އަށް ފާރަވެރިވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން އާދީއްތަ ދުވަހު ބުނީ، ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކާއި ދެކޮޅަށް ހަނގުރާމަ ކުރާ އިދިކޮޅު ހަނގުރާމަވެރިންގެ އިއްތިޙާދާއި ދެމެދު ހަމަލާ ބަދަލު ކޮށްފައިވަނީ، ސީރިއާގެ އިދްލީބް ޕްރޮވިންސްގެ ކަފްރު ލޫސިން އަވަށުގައި ކަމަށެވެ.
ހަޔާތު ތަޙްރީރް އަލް ޝާމް އަކީ ސީރިއާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދެކެވެ. މި އިއްތިޙާދު ލީޑު ކުރަނީ ކުރިން ސީރިއާގެ އަލްޤައިދާ ގޮފީގެ ގޮތުގައި އޮތް ޖަބްހަތުއް ނުސްރާ އިންނެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ވެރިޔާ ރާމީ އަބްދުއްރަޙްމާން އަލްޖަޒީރާ އަށް ބުނީ، ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން ބޯޑަރު ސަރަޙައްދަށް ޖަމާވަމުންދާ ކަމަށާއި، އެހެން ނަމަވެސް ތުރުކީގެ ފައުޖުތައް ސީރިއާގެ ބިމަށް އެތެރެވެފައިނުވާ ކަމަށެވެ. ތަޙްރީރް އަލް ޝާމްގެ ހަނގުރާމަވެރިން ތުރުކީގެ އަސްކަރީ ބޭސް އަކަށް ހަމަލާދީފައިވާއިރު، ހަނގުރާމަވެރިންނަށް ތުރުކީން ހަމަލާ ދެނީ ތުރުކީގެ ބޯޑަރު ހުރަސްކޮށް، ތުރުކީގެ ތެރޭގައި ތިބެގެން ކަމަށް އޭނާ ބުންޏެވެ.
ސީރިއާގެ އިދްލިބް ޕްރޮވިންސްގައި ހުރި ފްރީ ސީރިއަން އާމީގެ 13 ވަނަ ޑިވިޝަންގެ ކޮމާންޑަރު މޫސާ ޚާލިދް ވަނީ ތަޙްރީރް އަލް ޝާމްގެ ހަނގުރާމަވެރިންނާއި ތުރުކީގެ އަސްކަރީ ފައުޖުތަކާއި ދެމެދު ވަރުގަދަ އަށް ހަމަލާ ބަދަލުކުރިކަން ކަށަވަރު ކޮށްދީފަ އެވެ.
އޭނާ ބުނީ، ތުރުކީގެ ސަރަހައްދީ އިމުގެ އޮތް ތުރުކީގެ ބުލްޑޯޒަރަކަށް ހަނގުރާމަވެރިން ހަމަލާ ދީފައިވާ ކަމަށާއި، ތުރުކީ އަސްކަރިއްޔާ އިން ހަމަލާ ބަދަލު ކުރަން ފެށީ އޭގެ ރައްދެއްގެ ގޮތުން ކަމަށެވެ. އަދި މިހާރު ހަމަލާތައް މެދު ކަނޑާލާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެސަރަޙައްދުގެ އާއްމުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، ތަޙްރީރް އަލް ޝާމްގެ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުން، ތުރުކީގެ އަސްކަރީ ވެހިކަލްތައް އިދްލީބަށް ވަންނަނިކޮށް ފެނިފައިވާ ކަމަށާއި، ތުރުކީ އަސްކަރިއްޔާގެ ވެހިކަލްތައް ވަދެފައިވަނީ ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް ކަމަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް އެފަދަ އެއްބަސްވުމެއް އެކުލަވާލިކަން މިހާތަނަށް ކަށަވަރު ވެފައެއް ނުވެއެވެ.
ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އޮރްދޮޣާން މިދިޔަ ހޮނިހިރު ދުވަހު ވަނީ، ތަޙްރީރް އަލް ޝާމްގެ ކޮންޓްރޯލްގެ ދަށުގައިވާ އެ ސަރަޙައްދުގައި ތުރުކީގެ ފައުޖުތަކުން މަދަދުދޭ ސީރިއާގެ ހަނގުރާމަވެރިންގެ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވެފައިވާކަން ހާމަކޮށްފަ އެވެ.