އޭޝިއަން ކަޕް ލެވެލްއަށް ބަލާއިރު، އޮމާން މެޗަށް ރާއްޖޭގެ ޓީމު އެހާ ރަނގަޅަށް ތައްޔާރުވެވިފައިނުވާ ކަމަށާއި، އެހެން ނަމަވެސް މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު އޮމާންއާ ދެކޮޅަށް ނިކުތުމުގެ ކުރިން ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޓެވާޓް ބުނީ މިއީ ރާއްޖެއިން އޭޝިއަން ކަޕް ކޮލިފައިންގައި އެންމެ ދުރަށް އާދެވުނު ފަހަރު ކަމަށާއި، ޓީމުގެ ތައްޔާރީތަކަށް އަދި ޕާފޯމެންސްއަށް ފާޑުކިޔުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
އެހެން ނަމަވެސް ކޯޗު ބުނީ މިހާރު ދިމާވާ މައްސަލަތައް ދެން އަންނަ ކޮލިފައިން ޖެހޭއިރު ވެސް ރަނގަޅު ނުކުރެވިއްޖެނަމަ އެއީ މައްސަލައެއް ކަމަށާއި، ފުރަތަމަ ފަހަރު ވީމަ މައްސަލަތަކެއް ދިމާވެދާނެ ކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ކޯޗު ބުނީ ކޯޗެއް ގޮތުގައި އޭނާ ހަދާ ގޯސްތައް މާގިނަ ކަމަށާއި، އެންމެ ފުރަތަމަ މުވައްޒަފަކަށް ފިޔަވަޅު އަޅާނަމަ އަޅާނީވެސް އޭނާ އަށް ކަމަށެވެ.
"މިއީ އޭޝިއަންކަޕްގައި ރާއްޖެ ވާދަކުރާ ފުރަތަމަ ފަހަރު. ރަނގަޅަށް ތައްޔާރުނުވުމުން އަދި ޕާފޯމް ނުކުރުވެމުން ފާޑުކިޔަން މާއަވަސް. ފުރަތަމަ ފަހަރުވީމަ ގޯސްތަކެއް ހެދޭނެ. ކޯޗެއް ގޮތުން އަހަރެންނަށްވެސް ގޯސްތައް ހެދޭ. އެކަން ތަކުރާރު ނުކުރެވޭތޯ މަސައްކަތްކުރަންޖެހެނީ" ގައުމީ ކޯޗު ސްޓެވާޓް ބުނިއެވެ.
އޮމާން މެޗުގެ ކުރިން ތަމްރީން ކޭމްޕެއް އަދި ރަހްމަތްތެރިކަމުގެ މެޗެއް ކުޅެން ނުލިބުމުން ކުޅުންތެރިންނަށް އެންމެ ފުރަތަމަ ވެސް ވިސްނައި ދިނީ މެޗަށް ރަނގަޅަށް ތައްޔާރުވާން ތަމްރީން ހެދުން ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.
ކޯޗު ބުނީ ހުއްޓުމެއް ނެތި 12 ދުވަހު ކުޅުންތެރިން ވަރަށް ބުރަކޮށް މެޗަށް ތައްޔާރުވާން ތަމްރީން ހަދާފައިވާ ކަމަށާއި، އެ ކުޅުންތެރިންނަށް މެޗުގައި ހިތްވަރު ދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަކީ މުހިންމު ކަމެއް ކަމަށެވެ.
މީގެއިތުރުން ކޯޗު ބުނީ އޮމާން އާއި ރާއްޖެއާ އަޅުވާކިޔާއިރު، އެޓީމު ހުރިހާ ގޮތަކުން ވެސް ރާއްޖެއަށްވުރެ ތަނަވަސްކަމަށެވެ. އެހެންނަމަވެސް ކޯޗު ބުނީ އޮމާން އަކީ ރާއްޖެއަށް ބަލިނުކުރެވޭވަރުގެ ޓީމެއް ނޫން ކަމަށާއި، އަންގާރަ ދުވަހުގެ ރޭ ހުރިހާ ކުޅުންތެރިންވެސް ޓީމެއް ގޮތުގައި މަސައްކަތްކޮށްފިނަމަ އެޓީމު ބަލިކުރެވޭނެކަމަށެވެ.