ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 14:17
އޭޝިއަން ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު މަހު އޮމާން އާއި ދެކޮޅަށް ދިވެހިރާއްޖެ ކުޅުނު މެޗުގައިި ޤައުމީ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) އޮމާންގެ ދެ ކުޅުންތެރިޔެއް ކައިރިން ނައްޓާލަނީ
އޭޝިއަން ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު މަހު އޮމާން އާއި ދެކޮޅަށް ދިވެހިރާއްޖެ ކުޅުނު މެޗުގައިި ޤައުމީ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) އޮމާންގެ ދެ ކުޅުންތެރިޔެއް ކައިރިން ނައްޓާލަނީ
އަލީ އަޝްފާގު (ދަގަނޑޭ)
އަނިޔާގެ ސަބަބުން އޮމާން މެޗުގައި ދަގަނޑޭ ނުކުޅޭނެ
ދަގަނޑޭގެ ހެމްސްޓްރިންގ އަށް ވަނީ އަނިޔާވެފަ
އަނިޔާ އާއި ގުޅިގެން ހަ ހަފްތާ އަރާމް ކުރުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ

ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އާ ގުޅިގެން އޮމާން މެޗުގައި ޤައުމީ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) ނުކުޅޭނެ ކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓިވާޓް ބުނެފި އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ޑީގައި އޮމާން އާއި ދެކޮޅަށް އަންގާރަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޤައުމީ ކޯޗު ބުނީ ދަގަނޑޭގެ ހެމްސްޓްރިންގ ލިބިފައިވާ އަނިޔާ އިން ސަލާމަތް ވުމަށް ހަ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ދަގަނޑޭ ވަނީ އޭޝިއަން ކަޕްގައި މިދިޔަ ސެޕްޓެމްބަރު މަހު ރަށުން ބޭރުގައި އޮމާން އަތުން ބަލިވި މެޗުގައި ކުޅެފައެވެ. އޭގެ ފަހުން އުރީދޫ ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ނިއުރޭޑިއަންޓަށް ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ޤައުމީ ކޯޗު ބުނީ ދަގަނޑޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އާއި ގުޅިގެން އެމްއާރުއައި ހެދުމަށް ފަހު، ހެމްސްޓްރިންގައި ލޭ ކޮޅެއް ގަނޑުވެފައިވާ ކަމަށް އެމްއާރުއައި ރިޕޯޓާއި ހަވާލާދީ ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އަރާމު ކުރުމަށް ދަގަނޑޭ އަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް ކޯޗު ބުންޏެވެ.

ކޯޗު ބުނީ، އަނިޔާ އާ އެކުވެސް އޮމާން މެޗު ކުޅެން ދަގަނޑޭ ބޭނުންވި ކަމަށާއި، އެހެން ނަމަވެސް ޑޮކްޓަރުންގެ ދީފައިވާ ލަފަޔާއި، އޭނާގެ އަނިޔާ އިތުރަށް ގޯސް ވުމުގެ ފުރުޞަތު އޮތުމާއެކު، އޭނާގެ ކެރިއަރާއި ގުޅުން ހުރި މައްސަލައެއްގައި ރިސްކް ނަގަން ބޭނުން ނުވާ ކަމަށެވެ.

ދަގަނޑޭގެ ބަދަލުގައި މާދަމާ ރޭ އޮމާން އާ ދެކޮޅަށް ކުޅޭ މެޗުގައި ޤައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅާނީ ވައިސް ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް