ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 10:45
ހެމިލްޓަން ރޭސް ކާމިޔާބު ކުރުމަށްފަހު
ހެމިލްޓަން ރޭސް ކާމިޔާބު ކުރުމަށްފަހު
އިންޑިޕެންޑެންޓް
ފޯމިއުލާ ވަން
ފޯމިއުލާ ވަން: ޖަޕާން ޖީޕީ ކާމިޔާބުކޮށް ޗެމްޕިއަން ކަމާއި ގާތަށް ހެމިލްޓަން ޖެހިލައިފި
53 ލެޕްގެ މި ރޭސް ހެމިލްޓަން ނިންމާފައިވަނީ އެއް ގަޑިއިރާ 27 މިނިޓުން
ހެމިލްޓަންއަށް 306 ޕޮއިންޓާއެކު އެއްވަނަ ލިބޭ
ޓީމުތަކުގެ ރޭންކިންގެ އެއްވަނައިގައި 540 ޕޮއިންޓާއެކު އޮތީ މާސިޑީސް

ފޯމިއުލާ ވަން ސީޒަނުގެ ޖަޕާން ގްރޭންޑް ޕްރީ ކާމިޔާބުކޮށް ޗެމްޕިއަން ކަމާއި ގާތަށް އިގިރޭސި ވިލާތުގެ ލުއިސް ހެމިލްޓަން ޖެހިލައިފިއެވެ.

ޖަޕާންގެ "ސުޒުކާ ސާކިޓް"ގައި ކުރިޔަށް ދިޔަ މި ރޭސް ހެމިލްޓަން ކާމިޔާބު ކުރީ ރެޑްބުލް ރޭސިންގެ ދެ ޑްރައިވަރުން ކަމަށްވާ މެކްސް ވާސްޓެޕަން އާއި ޑެނިއެލް ރިކާޑޯ ފަހަތަށް ޖައްސާލުމަށް ފަހުއެވެ. މި ރޭސް ހެމިލްޓަން ކާމިޔާބުކުރުމާއެކު އޭނާ ވަނީ މި ސީޒަނުގައި ފޯމިއުލާ ވަންގެ އަށް ރޭސް ކާމިޔާބު ކޮށްފައެވެ. މިއީ އޭނާއާއި އެންމެ ކައިރިން ވާދަކުރާ ފެރާރީގެ ސެބެސްޓިއަން ވެޓެލް ކާމިޔާބުކުރި ރޭސްތަކަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

53 ލެޕްގެ މި ރޭސް ހެމިލްޓަން ނިންމާފައިވަނީ އެއް ގަޑިއިރާ 27 މިނިޓުންނެވެ. އޭނާގެ ފަހަތުން ދެވަނައަށް ނިންމި ރެޑްބުލް ރޭސިންގެ މެކްސް ވާސްޓެޕަންއަށް ރޭސް ނިންމާލެވުނީ ހެމިލްޓަން އަށްވުރެ 1.2 ސިކުންތު ލަހުންނެވެ. އަދި ތިން ވަނައަށް ރޭސް ނިންމި ޑެނިއެލް ރިކާޑޯއަށް ރޭސް ނިންމާލެވުނީ ހެމިލްޓަންއަށް ވުރެ 9.67 ސިކުންތު ލަހުންނެވެ. ފޯމިއުލާ ވަން ވޯލްޑް ޗެމްޕިއަންޝިޕުގައި ހެމިލްޓަންއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ފެރާރީގެ ސެބެސްޓިއަން ވެޓެލްގެ ކާރަށް ދިމާވި މައްސަލައަކާ ގުޅިގެން އޭނާއަށް ރޭސް ނިންމާލެވިފައެއް ނުވެއެވެ.

ރޭސް ނިންމާލުމަށްފަހު ވާހަކަ ދައްކަމުން ހެމިލްޓަން ބުނެފައި ވަނީ ވެޓެލްއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ބޮޑު ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާ ފެރާރީގެ ފަރާތުން މުޅި ސީޒަނުގައި ވެސް ވަރަށް ބޮޑު ވާދަވެރި ކަމެއް ފެނިގެން ގޮސްފި ކަމަށެވެ. އަދި އޭނާގެ ކާމިޔާބުގެ ހުރިހާ ވެސް ސިއްރަކީ އޭނާގެ ޓީމުގެ ފަރާތުން ކުރަމުންދާ ބުރަ މަސައްކަތް ކަމަށްވެސް ހެމިލްޓަން ބުނެފައިވެއެވެ.

މި މޮޅާއެކު ހެމިލްޓަންއަށް ފޯމިއުލާ ވަން ވޯލްޑް ޗެމްޕިއަންޝިޕްގެ އެއްވަނައިގައި ލިބިފައި އޮތް ލީޑު އޭނާ ވަނީ 58 ޕޮއިންޓަށް ފުޅާކޮށްފައެވެ. ހެމިލްޓަންއަށް 306 ޕޮއިންޓާއެކު އެއްވަނަ ލިބޭއިރު ފެރާރީގެ ޑްރައިވަރު ވެޓެލް އޮތީ 247 ޕޮއިންޓާއެކު ދެވަނައިގައެވެ. އަދި 234 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ މާސިޑީސްގެ ވަލްޓޭރީ ބޯޓާސްއެވެ.

ޓީމުތަކުގެ ރޭންކިންގެ އެއްވަނައިގައި 540 ޕޮއިންޓާއެކު މާސިޑީސް އޮތްއިރު 395 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ފެރާރީއެވެ. އަދި ފެރާރީގެ ފަހަތުން 303 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ރެޑްބުލް ރޭސިންއެވެ.

ފޯމިއުލާ ވަންގެ ސީޒަނުގައި ބާކީ ހަތަރު ރޭސް އޮތްއިރު ދެން ރޭހެއް ދެން އޮންނާނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެމެރިކާގެ "ސާކިޓް އޮފް ދަ އެމެރިކާސް" ގައެވެ. މި ރޭސް ހެމިލްޓަން ކާމިޔާބު ކޮށްފިނަމަ އޭނާއަށް ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ލިބޭނެއެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް