ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 07:52
ސްލޮވާކިއާގެ ޤައުމީ ޓީމް
ސްލޮވާކިއާގެ ޤައުމީ ޓީމް
އޭއެފްޕީ
ފީފާ ވޯލްޑް ކަޕް 2018
ރަޝިއާ 2018: ފައިދާ ލަނޑުގެ ތަފާތުން ސްލޮވާކިއާ ޕްލޭއޯފް އަށް
ގްރޫޕް އެފްގެ އެއްވަނަ ހޯދީ އިނގިރޭސިވިލާތް
ސްލޮވާކިއާ އަދި ސްކޮޓްލެންޑަށް ވެސް ލިބުނީ 18 ޕޮއިންޓް

އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ގްރޫޕްގެ ދެވަނަ މަގާމް ހޯދައިގެން، ޔުއެފާގެ ޕްލޭއޯފްގެ ޖާގަ ސްލޮވާކިއާ ހޯދައިފި އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ޔުއެފާގެ ގްރޫޕް އެފްގެ ދެވަނަ މަގާމް ސްލޮވާކިއާ ހޯދީ، ގްރޫޕް އެފްގައި އާދީއްތަ ދުވަހުގެރޭ މޯލްޓާގެ މައްޗަށް ތިން ލަނޑު ސުން ލަނޑުން ކުރި ހޯދައިގެންނެވެ.

މިގްރޫޕްގައި ސްކޮޓްލެންޑާއި ސްލޮވީނިއާ ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރު ވެގެންނެވެ. މިމެޗުން މޮޅުވެގެން ސްކޮޓްލެންޑަށް ޕްލޭ އޯފްގެ ޖާގަ ލިބުނީހެވެ.

ކޮލިފައިންގައި ބާކީ އެއް މެޗު އޮތްވާ މިގްރޫޕްގެ އެއްވަނަ ކަށަވަރުކޮށް، ވޯލްޑް ކަޕްގެ ޖާގަ ކަށަވަރު ކޮށްފައިވާ އިނގިރޭސިވިލާތް ރޭ ލިތުއޭނިއާ އަތުން މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިމޮޅާއެކު ކޮލިފިކޭޝަން ބުރު އިނގިރޭސިވިލާތް ނިންމާލީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

މިމެޗުތަކާއެކު މިގްރޫޕްގެ ކުޅުން ނިމިފައިވާއިރު، ތާވަލްގެ އެއްވަނާގައިވާ އިނގިރޭސިވިލާތަށް ވަނީ 10 މެޗުން 26 ޕޮއިންޓް ލިބިފައެވެ. ކޮލިފައިންގައި އިނގިރޭސިވިލާތް ކުޅުނު 10 މެޗުން އަށް މެޗު ކާމިޔާބު ކުރިއިރު، 2 މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ.

މިގްރޫޕްގެ ދެވަނާގައިވާ ސްލޮވާކިއާ އާއި ތިންވަނާގައިވާ ސްކޮޓްލެންޑަށްވެސް ލިބިފައިވަނީ 18 ޕޮއިންޓެވެ. ސްލޮވާކިއާ އަށް ފައިދާ 10 ލަނޑު އޮތްއިރު، ސްކޮޓްލެންޑަށް ލިބިފައިވަނީ ފައިދާ 5 ލަނޑެވެ. ސްލޮވާކިއާ އަށް ޕްލޭއޯފްގެ ޖާގަ ކަށަވަރުވީ ފައިދާ ލަނޑުގެ ތަފާތުންނެވެ.

މިގްރޫޕްގެ ތިންވަނާގައިވާ ސްލޮވީނިއާ އަށް 15 ޕޮއިންޓް ލިބިފައިވާއިރު، 6 ޕޮއިންޓާއެކު ލިތުއޭނިއޯ އޮތީ ގްރޫޕްގެ ފަސް ވަނާގައެވެ. ގްރޫޕްގެ ފުލުގައިވާ މޯލްޓާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް