ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 05:10
ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަން ކެރޮލިން ގާސިއާ
ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަން ކެރޮލިން ގާސިއާ
ގެޓީ އިމޭޖަސް
ޗައިނާ އޯޕަން 2017
ޗައިނާ އޯޕަން: އަންހެން ޗެމްޕިއަންކަން ކެރޮލިން ގާސިއާ ހޯދައިފި
ގާސިއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ދުނިޔޭގެ އެއްވަނަ ހަލެޕް ބަލިކޮށްގެން
މިމޮޅާއެކު ދުނިޔޭގެ ގަދަ 10 އަކަށް ގާސިއާ އަރާނެ

ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ފްރާންސްގެ ކެރޮލިން ގާސިއާ ހޯދައިފި އެވެ.

މިމުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން 23 އަހަރުގެ ގާސިއާ ހޯދީ، ފައިނަލް ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ސިމޯނާ ހަލެޕް ބަލި ބަލިކޮށް ގެންނެވެ.

ރޮމޭނިއާގެ ހަލެޕްގެ މައްޗަށް ސީޑުކޮށްފައިނުވާ ގާސިއާ ކުރި ހޯދީ 6-4، 7-6 (7-3) ންނެވެ.

މިއީ ޗައިނާގައި ބޭއްވި ވުހާން އޯޕަން ޓެނިސް މުބާރާތަށްފަހު، ގާސިއާ ޖެހިޖެހިގެން ކާމިޔާބު ކުރި ދެވަނަ މުބާރާތެވެ.

މިމޮޅާއެކު ސީޒަންގެ ފަހު މުބާރާތް ކަމަށްވާ ޑަބްލިޔުޓީއޭ ޓެނިސް މުބާރާތަށް ކޮލިފައިވުމަށް އިނގިރޭސިވިލާތުގެ ޖޮހާނާ ކޮންޓާ ކުރި އުއްމީދަށް ވަނީ ފަނޑުކަމެއް ލިބިފައެވެ.

ދުނިޔޭގެ އެންމެ މޮޅު އަށް ކުޅުންތެރިންގެ މެދުގައި ސިންގަޕޫރުގައި ބާއްވާ ޑަބްލިޔުޓީއޭ ޓެނިސް މުބާރާތުގެ ކޮލިފިކޭޝަންގެ ފަހު ޖާގަ ކަށަވަރު ކުރުމަށްޓަކައި ކޮންޓާ އަށް އޮތީ، ކުރިއަށް އޮތް ކްރެމްލިން ކަޕް ޓެނިސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމެވެ.

ޑަބްލިއުޓީއޭ ޓެނިސް މުބާރާތުން މިހާތަނަށް ޖާގަ ކަށަވަރުވެފައިވާ ކުޅުންތެރިންނަކީ ސިމޯނާ ހަލެޕް، ގާބިން މުގުރުޒާ، ކެރޮލީނާ ޕްލިސްކޯވާ، އެލީނާ ސްވިޓޮލީނާ، ކެރޮލީން ވޮޒްނިއާކީ އަދި ވީނަސް ވިލިއަމްސްގެ އިތުރުން ހެލީނާ އޮސްޓަޕެންކޯ އެވެ.

ޗައިނާ އޯޕަންގެ ތަށްޓާއެކު ހޯމަ ދުވަހު ނެރޭ ދުނިޔޭގެ ރޭންކިންގައި ދުނިޔޭގެ ގަދަ 10 އަކުން ފުރަތަމަ ފަހަރަށް ގާސިއާ އަށް ޖާގަ ލިބޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް