ޒިމްބާބްވޭގެ ރައީސް މުގާބޭގެ ކެބިނެޓަށް އަންނަ ހަފްތާގެ ތެރޭގައި ބަދަލުތަކެއް ގެންނަވާނެ ކަމަށް މުގާބޭ ވިދާޅުވެއްޖެ އެވެ.
ކެބިނެޓަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން މުގާބޭ އިޢުލާން ކުރައްވާފައި މިވަނީ، މުގާބޭ އަށް ފަހު އެޤައުމުގެ ވެރިކަމަށް އަންނާނެ ފަރާތަކާއިމެދު ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ވެރިރަށް ހަރާރޭގައި ހޮނިހިރު ދުވަހު ބޭއްވި ވެރިކަން ކުރާ ޕާޓީގެ ޒުވާނުންގެ ގޮފީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުގާބޭ ވިދާޅުވީ، މިއީ ވަޒީރުންގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރަންވީ ވަގުތު ކަމަށެވެ.
މުގާބޭ ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ސަރުކާރުގެ ތެރެއިން ބައެއް ބަދަލުތައް ފެނިގެންދާނެ ކަމަށާއި، މުގާބޭގެ މިހާރުގެ ޓީމާއެކު ކުރިއަށް ދާނީތޯ ނުވަތަ ބައެއް ފަރާތްތައް ވަކިކޮށް، ޓީމަށް ބަދަލު ގެންނަވާނީތޯ ނިންމަވާނެ ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމަށާއި، އެބަދަލު އަންނަ ހަފްތާގެ ކުރީކޮޅު ފެނިގެންދާނެ ކަމަށް މުގާބޭ ވިދާޅުވި އެވެ.
މުގާބޭ އަށް ފަހު ޒިމްބާބްވޭގެ ވެރިކަމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ އެޤައުމުގެ ނައިބު ރައީސް އެމަސަން ނަންގަގްވާ އެވެ. މީގެ އިތުރުން މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވެސް ވަނީ މުގާބޭ އަށް ފަހު އެޤައުމުގެ ވެރިކަމަށް ފައި ނަންގަވާފައެވެ.
މުގާބޭގެ ނައިބާއި އަނބިކަނބަލުންނާއި ދެމެދު ވެރިކަމުގެ މައްސަލާގައި އުފެދިފައިވާ ވާދަވެރިކަމާއި ގުޅިގެން ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު، ނައިބު ރައީސް އެމަސަން ނަންގަގްވާ ވަނީ، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އޭނާ އަށް ވިހައެއް ދީފައިވާ ކަމަށް ވިދާޅުވެ، ގްރޭސް މުގާބޭގެ މައްޗަށް އެކަމުގެ ތުހުމަތު ކުރައްވާފައެވެ. ނަންގަގްވާ ވަނީ، އާލާސްކަންފުޅާއި ގުޅިގެން ދެކުނު އެފްރިކާ އިން އަވަސް ފަރުވާ ހޯއްދަވާފައެވެ. މިމައްސަލާގައި މުގާބޭގެ އަނބިކަނބަލުން ގްރޭސް އަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ.
މުގާބޭ އަށް ފަހު ޒިމްބާބްވޭގައި ވެރިކަމަށް ގެންނާނެ ބޭފުޅެއްގެ މައްސަލާގައި ވެރިކަން ކުރާ ޕާޓީ ވަނީ ދެފަޅި ވެފައެވެ. އެ ޕާޓީގެ އެއް ބަޔަކު ނަންގަގްވާ އަށް ތާއީދުކުރާއިރު، ބައެއް ފަރާތްތަކުން ތާއީދު ކުރަނީ ގްރޭސް އެޤައުމުގެ ވެރިކަމަށް ގެނައުމަށެވެ.
މިމައްސަލާގައި ވެރިކަން ކުރާ ޕާޓީގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް އާއްމު ކުރުމާއި ގުޅިގެން މުގާބޭ ވަނީ އެޕާޓީގެ އިސް އޮފިޝަލުންނަށް ހަރުކަށި ގޮތެއްގައި ފާޑު ވިދާޅުވެފަ އެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ވެރިކަން ކުރާ ޕާޓީ ބަލިކަށިވެ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ކުރިން އިދިކޮޅު ފަރާތްތަކުގެ ތާޢީދު އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުގާބޭ އެންމެ ފަހުން ކެބިނެޓަށް ބަދަލު ގެންނަވާފައިވަނީ 2015 ވަނަ އަހަރަގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެބަދަލަކީ، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަކިކުރި މުގާބޭގެ ކުރީގެ ނައިބު ޖޮއިސް މުޖޫރޫ އަށް ވަފާތެރި ވަޒީރުން ކެބިނެޓުން ބޭރު ކުރުމަށް ގެނައި ބަދަލެކެވެ. މުގާބޭގެ ކުރީގެ ނައިބު ޖޮއިސް ވަކިކޮށްފައިވަނީ މުގާބޭގެ ވެރިކަން ވައްޓާލަން ރޭވި ކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް އެތުހުމަތަށް އެކަމަނާ އިންކާރު ކުރައްވައެވެ.