ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ވަރަށް ބިރުވެރި ތަޖުރިބާއެއްކަމަށާއި އަލުން އެކަން ދިމާވެދާނެތީ ވަރަށް ބިރުގަންނަ ކަމަށް ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ބުނެފިއެވެ.
އިންޑިއާ އިކޮނޮމިކް ސަމިޓްގައި ވާހަކަ ދައްކަމުން ދީޕިކާ ބުނީ އޭނާއަށް ޑިޕްރެޝަންގެ ސަބަބުން ވަރަށްގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭނާއަށް ޑިޕްރެޝަންގެ ކަންތައްތަކާ އަރައިގަނެވުނު ކަމަށް ހީކުރެވުނު ނަމަވެސް އަދިވެސް އޭނާއަށް އެކަންތައްތަކުން އެއްކޮށް އަރައި ނުގަނެވޭ ކަމަށް އޭނާ ބުންޏެވެ.
ދީޕިކާ ބުނީ ޑިޕްރެޝަންގެ ސަބަބުން އޭނާގެ ފިލްމީ ކެރިއަރަށް އެތަކެއް އަސަރު ކުރިކަމަށެވެ. އެގޮތުން އޭނާ އަށް ބައެއް ފިލްމުތައް ގެއްލުނު ކަމަށާއި އޭނާގެ ޑިޕްރެޝަންގެ މައްސަލަތަކާއި ހެދި ފިލްމު ޕްރޮޑިއުސަރުން އޭނާ އަށް ފިލްމު ނުދޭން ނިންމި ކަމަށް ވެސް ބުންޏެވެ.
އޭނާ ބުނީ ވަރަށް ގިނަ ޕްރޮޑިއުސަރުން މިހާރު ވެސް އޭނާ ލައްވާ ފިލްމު ކުޅުވަން ބޭނުން ނުވެގެން އެބަތިބި ކަމަށެވެ.
ދީޕިކާ މިހެން ބުނެފައިވާއިރު އޭނާގެ އެންމެ ފަހުގެ ފިލްމު "ޕާދްމަވަތީ" ގެ ޝޫޓިންއަށް ފަހު އޭނާ އަށް އެކި އަސަރު ކުރިކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެފިލްމުގައި އުޅޭ އޭނާގެ ލޯބިވެރިޔާ ރަންވީރު ސިންހް ވެސް ވަނީ އޭނާ އަށް "ޕާދްމަވަތީ" ގެ ޝޫޓިންއަށް ފަހު އެ ފިލްމުގައި އޭނާ އެކްޓް ކޮށްފައިވާ ރޯލުގެ ސަބަބުން އަސަރު ކޮށްފައިވާ ކަމަށް ބުނެފައެވެ.
ދީޕިކާ ވަނީ އޭނާގެ ޑިޕްރެޝަން މައްސަލަތައް ދިމާވެ އޭނާއަށް ކުރެވުނު ބިރުވެރި ތަޖުރިބާގެ ސަބަބުން ޑިޕްރެޝަންގެ މައްސަލަތައް ދިމާވާ މީހުންނަށް އެހީވުމަށް ފައުންޑޭޝަންއެއްވެސް އުފައްދާފައެވެ. އޭނާ އުފެއްދި ފައުންޑޭޝަންގެ ނަމަކީ "ލިވް، ލަވް، ލައިފް ފައުންޑޭޝަން" އެވެ.