ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 05:32
ރާޖްނާތު ސިންގ ފުލުހުންނާ ސަލާމް ކުރައްވަނީ
ރާޖްނާތު ސިންގ ފުލުހުންނާ ސަލާމް ކުރައްވަނީ
ޓައިމްސް އޮފް އިންޑިއާ
އިންޑިއާ
ފުލުހުން އަނިޔާވެރި ބަޔަކަށް ވެގެން ނުވާނެ. ވާންވީ މަދަނީ ބަޔަކަށް: ރާޖްނާތު ސިންގ
އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްގެން ނުވާނެ
އެއްވުމާއި ހަމަ ނުޖެހުން ރޫޅާލަން ވާނީ ކެތްތެރިކަމާއި މަޑުމަތިރިކަމާއެކު

އެކާވީސް ވަނަ ގަރުނުގެ ފުލުހުންނަކީ އަނިޔާވެރި ބަޔަކަށް ވެގެން ނުވާނެ ކަމަށާއި އެމީހުން ވާންވާނީ މަދަނީ ބަޔަކަށް ކަމަށް އިންޑިއާގެ މައި ސަރުކާރުގެ ހޯމް މިނިސްޓަރ ރާޖްނާތު ސިންގ ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ އެކިއެކި އޮޕަރޭޝަންތައް ހިންގުމުގައާއި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ބޭނުން ކުރަން ވާނީ އެންމެ ބާރުދަށް ހަތިޔާރު ކަމަށެވެ.

"އެއްވުންތަކާއި ހަމަ ނުޖެހުންތައް ހިންގާ މީހުން މައިތިރިކުރަން ޖެހޭ ހާލަތްތަކުގައި ފުލުހުންނަށް ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހޭ. އެކަމަކު އަހަރެމެން 21 ވަނަ ގަރުނުގައި އުޅޭއިރު ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ބަޔަކަށް ވެގެން ނުވާނެ. އޭގެ ބަދަލުގައި ފުލުހުން ވާންވާނީ މަދަނީ ބަޔަކަށް. މަދު ބަޔަކު ލައްވާ ބޮޑު ކާމިޔާބީއެއް ފުލުހުން ހޯދަން ޖެހޭނެ"، އިންޑިއާގެ މީރުތުގައި ޤާއިމްކޮށްފައި އޮންނަ ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފައުޖުގެ ސިލްވަރ ޖުބްލީ ފާހަގަ ކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ސިންގ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވުމާއި ހަމަ ނުޖެހުންތައް މައިތިރިކުރުމުގައި ފުލުހުން އެތަނެއްގައި ހަރަކާތްތެރިވާންވާނީ ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކުގައި ކަމަށެވެ. އަދި ބޭނުންކުރަން ޖެހޭނީ އައު ޓެކްނޮލޮޖީ އާއި މީހުންނަށް ވިސްނައިދީގެން މައްސަލަ ހައްލު ކުރުމުގެ އުކުޅުތައް ކަމަށްވެސް ސިންގ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް