ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 03:56
ހަމަލާ ދިން މީހާވަނީ ގާޑުންގެ ބަޑީގެ ހަމަލާތަކުގައި މަރުވެފައި
ހަމަލާ ދިން މީހާވަނީ ގާޑުންގެ ބަޑީގެ ހަމަލާތަކުގައި މަރުވެފައި
އެރަބް ނިއުސް
ސައުދީގައި ޓެރަރިޒަމް
ޖިއްދާގެ ގަނޑުވަރަށް ދިން ހަމަލާގައި ދެ ގާޑުން މަރުވެ، ތިން މީހުން ޒަޚަމްވި: ސައުދީ
މި ހަމަލާ ދީފައިވަނީ ސައުދީއަށް އުފަން އުމުރުން 28 އަހަރުގެ ފިރެހެނެއް
ހަމަލާ ދިން މީހާވަނީ ގާޑުންގެ ބަޑީގެ ހަމަލާތަކުގައި މަރުވެފައި
ހަމަލާދިން މީހާގެ މަގުސަދެއް އަދި ގުޅިފައިވަނީ ކޮންބައެއްކަމެއް ނޭނގޭ

ޖިއްދާގައި ހުންނަ ޝާހީއާއިލާގެ ގަނޑުވަރާ ދިމާލަށް ވެހިކަލެއްގައި ދުއްވާފައި ގޮސް ދިން ބަޑީގެ ހަމަލާގައި ގަނޑުވަރުގެ ދެ ގާޑުންމަރުވެ، އިތުރު ތިން މީހުން ޒަޚަމްވިކަމަށް އެ ގައުމުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އިންޓީރިއަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އިންޓީރިއަރ މިނިސްޓްރީގެ ސަލާމަތީ ކަންކަމާ ބެހޭ ތަރުޖަމާނު ވިދާޅުވީ، މިހަމަލާ ދެވުނީ އެ ގައުމުގެ ގަޑިން ހަވީރު 3:15 ގައި ކަމަށެވެ. ގަނޑުވަރުގެ ހުޅަނގު ގޭޓާހަމައަށް ދުއްވާފައި ދިއުމަށްފަހު ބަޑިޖަހަން ފަށާފައިވަނީ ކާރުތެރޭ އިނދެ ކަމަށް އޭނަ ވިދާޅުވިއެވެ.

ހަމަލާދިން މީހާއާއި ސިފައިންގެ ގާޑުން ވަގުތުން ކުރިމަތިލައި އޭގެ ނަތީޖާއެއްގެ ގޮތުން ހަމަލާ ދިން މީހާ މަރުވިކަމަށް ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު ދެވުނު މި ހަމަލާގައި އިތުރު ތިން މީހަކު ޒަޚަމްވިކަމަށްވެސް އިންޓީރިއާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މަރުވި ސިފައިންގެ ދެ ގާޑުންނަކީ އޭޖެންޓް ސާޖަންޓް ހައްމާދު ބިން ޝައްލާހް އަލް މުތައިރީ އަދި ފަސްޓް ސޯލްޖަރ އަބްދުﷲ ބިން ފައިސަލް އަލް ސުބައީ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެފައިވެއެވެ.

ޒަޚަމްވި ތިން މީހުންނަކީ ކޯޕްރަލް ވާލިދް ބިން އަލީ ޝާމީ އަދި ފަސްޓް ސޯލްޖަރ އަހްމަދު ސާލިހް އަލް ޤަރްނީ އަދި އަބްދުﷲ ހިންދީ އަލް ސުބައީ ކަމަށާއި އެމީހުންނަށް ލިބެންޖެހޭ ފަރުވާ ދެމުންދާކަމަށް ވަނީ ބުނެފައެވެ.

އިންޓީރިއަރ މިނިސްޓްރީން ބުނިގޮތުގައި ހަމަލާދިން މީހާއަކީ ސައުދީގެ ރައްޔިތެއްކަމަށްވާ އުމުރުން 28 އަހަރުގެ މަންސޫރު ބިން ހަސަން ބިން އަލީ އަލް ފާހިދް އަލް އަމީރީއެވެ.

ކަލަޝްނިކޮވް ބަޑި އަދި މޮލޮޓޯވް ބޮމް އޭނާގެ އަތުން ފެނިފައިވެއެވެ.

އަލް އަރަބިއްޔާ ނިއުސް ޗެނަލްގައި ވާހަކަދައްކަވަމުން އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު މަންސޫރު އަލް ތުރުކީ ވަނީ ބޭރުގައި ތިބޭ ގާޑުންގެ ޕޯސްޓްތައް ގާއިމްވެފައި ހުންނާނީ އާއްމު މަގުމަތީގައި ކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ހަމަލާ ދިން މީހާގެ މަގްސަދާ އޭނާ ގުޅިފައިވާ ބަޔަކާ ބެހޭ މައުލޫމާތު މިހާރު ދަނީ ހޯދަމުން ކަމަށް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް