ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 04:11
ޖަރުމަނުގެ ކުރީގެ ގޯލްކީޕަރު އޮލިވާ ކާން
ޖަރުމަނުގެ ކުރީގެ ގޯލްކީޕަރު އޮލިވާ ކާން
ގޯލް.ކޮމް
އޮލިވާ ޚާން
ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް
ޚާންގެ ޒިންމާ އަކީ ސައުދީގައި ގޯލްކީޕަރުން ތަމްރީން ކުރުން
އެކަޑަމީގެ ނަމަކީ އޮލިވާ ޚާން އިންޓަރނޭޝަލް އެކަޑަމީ

ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ޓީމްތަކަށް ގޯލްކީޕަރުން ތަމްރީން ކުރުން ޖަރުމަނުގެ ކުރީގެ އެއްވަނަ ކީޕަރު އޮލިވާ ޚާން އާއި ހަވާލުކޮށްފިއެވެ.

ސައުދީ ސްޕޯޓްސް އޮޓޯރިޓީއާއެކު ޖަރުމަނުގެ ލެޖެންޑް އޮލިވާ ޚާން ސޮއިކުރި އެއްބަސްވުމުގެ ދަށުން ސައުދީގެ ޓީމްތަކުގެ ގޯލްކީޕަރުން ތަމްރީން ކުރުމާއި، ގޯލްކީޕަރުން އުފެއްދުމަށް އެކުލަވާލި އެކަޑަމީ ބެލެހެއްޓުމަކީ ޚާންގެ ޒިންމާއެވެ.

ސައުދީ ސްޕޯޓްސް ކައުންސިލްގެ ރަސްމީ ވެބްސައިޓްގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ވަނީ، ޖަރުމަނުގެ ޤައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އޮލިވާ ޚާން އާއެކު ސައުދީ ސްޕޯޓްސް ކައުންސިލްގެ ބޯޑުގެ ޗެއަރމަން ތޯރިގް ބިން އަބްދުލްމުހްސިން އަލް-ޝެއިޚް ސޮއި ކުރެއްވި އެއްބަސްވުމުގެ ދަށުން ސްޕޯޓްސް ކައުންސިލްގެ އެކަޑަމީ ބެލެހެއްޓުމާއި އޮލިވާ ޚާން ހަވާލުވެފައިވާ ކަމަށެވެ. އެބަޔާނުގައި ވަނީ ޚާންގެ ބެލުމުގެ ދަށުން ހިންގާ އެކަޑަމީގެ ނަމަކީ އޮލިވާ ޚާން އިންޓަރނޭޝަނަލް އެކަޑަމީ ކަމަށާއި، ޚާންގެ އެކަޑަމީއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސައުދީ ސްޕޯޓްސް ކައުންސިލްގެ މަޤްޞަދަކީ ފުޓްބޯޅައިގެ އެންމެ ފަހުގެ އުކުޅުތަކާއި، ތަރައްޤީއާއެކު ފެންވަރު ރަނގަޅު ކުޅުންތެރިން އުފެއްދުމާއި، ފުޓްބޯޅައިގައި ތަފާތު ޖީލެއް ބިނާ ކުރުން ކަމަށާއި، އެކަޑަމީ ޚާއްސަ ވެގެންދާނީ ގޯލްކީޕަރުން ތަމްރީން ކުރުމަށް ކަމަށެވެ.

ސައުދީ ސްޕޯޓްސް ކައުންސިލްގެ މިނިންމުން އައިސްފައިވަނީ، އެޤައުމުގެ ޤައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގައި ފާއިތުވި އަހަރުތަކުގައި މައްސަލަތަކެއް ދިމާވެފައި ވަނިކޮށް ކަމަށެވެ. އެޤައުމުގެ ގައުމީ ކީޕަރު މުޙައްމަދު އަލް ދާއީ ރިޓަޔަރ ކުރިފަހުން، ޤައުމީ ޓީމުގެ ގޯލްކީޕަރުގެ މަގާމަށް ތަފާތު ކުޅުންތެރިން ކުޅެފައިވި ނަމަވެސް، އެއްވެސް ކުޅުންތެރިޔަކަށް ޤައުމީ ޓީމުގެ އެއްވަނަ ކީޕަރުގެ ގޮތުގައި ދާއިމީ މަގާމެއް ހޯދިފައެއް ނުވެއެވެ.

އުމުރުން 48 އަހަރުގެ ކުރީގެ ގޯލްކީޕަރު ވަނީ 1995 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް ޖަރުމަނުގެ ގައުމީ ޓީމަށް 68 މެޗު ކުޅެދީފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ޚާން ވަނީ ޖަރުމަނުގެ ޤައުމީ ޓީމާއެކު 1996 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި، 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރިހި މެޑަލް އާއި 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބްރޯންޒް މެޑަލް ހޯދާފައެވެ.

މީގެ އިތުރުން އޭނާ ވަނީ ޖަރުމަނުގެ ބަޔާން މިއުނިކާއެކު ޖަރުމަނުގެ ބުންޑަސްލީގާ 8 ފަހަރު، ޖަރުމަނު ކަޕް 6 ފަހަރު، ޖަރުމަނުގެ ލީގު ކަޕް 5 ފަހަރު އަދި ޔުއޭފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ކަޕް އަދި އިންޓަރކޮންޓިނެންޓަލް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

1994 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް 429 މެޗުގައި ޖަރުމަނުގެ ބަޔާން މިއުނިކްގެ ގޯލް ޚާން ބަލަހައްޓާފައިވެއެވެ.

ޚާންގެ ކެރިއަރުގައި އޭނާ ވަނީ ޖަރުމަނު ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމް ހަފަހަރު، ޔޫރަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ވިދިވިދިގެން ހަތަރު އަހަރު، އަދި ޖަރުމަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ އަހަރު ހޯދައި، ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް އެއް ފަހަރު ހޯދާފައެވެ.

- ކޮމެންޓް