ސީރިއާގެ އިރުމަތީގައި ރަޝިއާ އިން ދިން ވައިގެ ހަމަލާތަކުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންގެ 120 މީހަކު މަރާލާފައިވާ ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެފި އެވެ.
ރަޝިއާގެ ދިފާޢީ ވުޒާރާއިން ބުނީ، އައިއެސްގެ ބާރުގެ ދަށުގައިވާ ޑެއިރް އަޒޫރުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދިން ވައިގެ ހަމަލާތަކުގައި އައިއެސްގެ 120 ހަނގުރާމަވެރިންގެ އިތުރުން ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާ ބޭރުގެ 60 ހަނގުރާމަވެރިއަކު މަރާލާފައިވާ ކަމަށެވެ.
ރަޝިއާގެ ދިފާއީ ވުޒާރާ އިން ބުނީ، ސީރިއާގެ ޑެއިރް އަޒޫރު ޕްރޮވިންސްގެ އަލް މަޔާދީން ސަރަޙައްދުގައި ހުންނަ ހަނގުރާމަވެރިންގެ ކޮމާންޑް ޕޯސްޓަކަށް ދިން ހަމަލާގައި އިސްލާމިކް ސްޓޭޓްގެ 80 ހަނގުރާމަވެރިޔަކު މަރާލާފައިވާ ކަމަށެވެ. މީގެ އިތުރުން ޑެއިރް އަޒޫރުގެ ބޯޑަރު ކައިރި އަވަށެއް ކަމަށްވާ އަލް ބުކާމަލްގައި ދިން ހަމަލާތަކުގައި އިތުރު 40 ހަނގުރާމަވެރިޔަކު މަރާލާފައިވާ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާ އާ ހަވާލާދީ އަލް ޖަޒީރާ އިން ބުނެ އެވެ.
މީގެ އިތުރުން އަވަށްޓެރި އީރާޤުން އަލް ބުކާމަލް އަވަށަށް ވަދެފައިވާ ގިނަ އަދަދެއްގެ ބޭރުގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ރަޝިއާ އިން ބުނެ އެވެ. ބޭރުގެ ހަނގުރާމަވެރިން ނިސްބަތްވަނީ ކުރީގެ ސޯވިއެޓް ޔޫނިއަން އަދި، ޓިއުނީޝިއާގެ އިތުރުން މިސްރަށް ކަމަށް ދިފާއީ ވުޒާރާ އިން ބުނެ އެވެ.
އަލް މަޔާދީން އަކީ ސީރިއާގައި ހުރި އައިއެސްގެ ހަމައެކަނި ދިފާއީ މަރުކަޒެވެ.
ޑެއިރް އަޒޫރުގައި އައިއެސްގެ ހަނގުރާމަވެރިން ބަލި ކުރުމަށް ރަޝިއާ އާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކުރާ ހަނގުރާމަވެރިންގެ އިއްތިހާދުން ދޭ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާއްމުން މަރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ގާއިމްވެފައިވާ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ، ބުރާސްފަތި ދުވަހުގެރޭ ދިން ބޮމުގެ ހަމަލާތަކުގައި އަލް މަޔާދީންގެ ކައިރީގައި ރާފްޓެއްގައި ފުރާތު ކޯރު ހުރަސް ކުރަން މަސައްކަތް ކުރި އާއްމުންގެ 14 މީހަކު މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ތިން ކުޑަކުއްޖަކު ހިމެނޭ ކަމަށެވެ.
ރަޝިއާ އިން ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް 2015 ވަނަ އަހަރު ވަން ފަހުން، އެޤައުމުގެ ފައުޖުތަކުން ދޭ ހަމަލާތަކުގައި އާއްމުން މަރުވަމުންދާ ކަމަށް ކުރާ ތުހުމަތުތަކަށް ރަޝިއާ އިން ދެކޮޅު ހަދައެވެ. މީގެ އިތުރުން ސީރިއާގެ އިންސާނީ ޙައްޤުތަކުގެ ހާލަތަށް ފާރަވެރިވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ ރިޕޯޓްތަކަކީ ވަކި އަތަކަށް ޖެހިފައިވާ ރިޕޯޓްތަކެއް ކަމަށް ރަޝިއާ އިން ތުހުމަތު ކުރެ އެވެ.
ރަޝިއާގެ އަސްކަރިއްޔާ އިން ސީރިއާގައި ވައިގެ ހަމަލާތައް ދެނީ، އެޤައުމުގެ ޑެއިރް އަޒޫރް ޕްރޮވިންސްގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާއި، އެޤައުމުގެ ހުޅަނގުއުތުރުގެ ޕްރޮވިންސެއް ކަމަށްވާ އިދްލީބްގައި ހަރަކާތްތެރިވާ އިދިކޮޅު ހަނގުރާމަވެރިންގެ ގްރޫޕްތަކުގެ އަމާޒު ތަކަށެވެ.