ކުޑަކުދިންނާއި ދެކޮޅަށް އެކިއެކި ޖަރީމާތަށް ހިންގާ ފަރާތްތައް ހާމަކޮށް، އދގެ ސެކްރެޓަރީ ޖެނެރަލްގެ އޮފީހުން ނެރުނު 'ލަދުގެ ލިސްޓު' ގައި ޔަމަނުގައި ހަނގުރާމަ ކުރުމަށް ސައުދީ އަރަބިއާ އިސްވެއޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަން ހިމަނާފައިވަނީ، އދ އަށް "ނުރަސްމީ ފަރާތްތަކުން ފޯރުކޮށްދީފައިވާ ދޮގު މަޢުލޫމާތަށް ބިނާކޮށް" ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އެކޯލިޝަނުން ދޭ ހަމަލާތަކުގައި ގެއްލުންވާ ކުދިންގެ އަދަދު މަދުކުރުމަށް އެ ކޯލިޝަނުން ފިޔަވަޅުތަކެއް އަޅާފައިވާކަން އދ އިން ފާހަގަކޮށްފައި ވާތީ އެކަމަށް މަރުހަބާ ކީނަމަވެސް، ރިޕޯޓްގައިވާ އެހެން ވާހަކަތައް ދޮގުކުރާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
ސައުދީގެ އަސްކަރީ ކޯލިޝަނުން ވަނީ ރިޕޯޓްގައި ހުރި ކަންކަން އިސްލާޙު ކުރުމަށް އދ އަށް ގޮވާލާފައެވެ.
އެ ކޯލިޝަނުން ބުނީ މިއީ ހަމައެކަނި އެ ކޯލިޝަންގެ އަގުވެއްޓޭ ކަމެއް ނޫން ކަމަށާ، މިއީ އދގެ ރިޕޯޓްގެ ސައްޚަކަމާއިމެދުވެސް ސުވާލު އުފެދެން މެދުވެރިވާ ސަބަބެއް ކަމަށެވެ.
އދ ގެ ރިޕޯޓަށް ދޮގު މަޢުލޫމާތު ފޯރުކޮށްދީފައިވަނީ، ހޫޡީންނާއި، ޔަމަނުގެ ރައީސް އަލީ ޢަބްދުﷲ ސަލާޙްގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ޖަމާޢަތްތަކުން ހިންގަމުންދާ ޖަރީމާތައް ފޮރުވުމަށް ކަމަށް ސައުދީ ކޯލިޝަނުން ބުނެއެވެ.
ޔަމަނުގެ ދާޚީލީ ހަނގުރާމައިގައި އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިން ބަލި ކުރުމުގައި ޔަމަނުގެ ސަރުކާރުގެ ފައުޖުތަކަށް އެހީތެރިވުމަށް ކަމަށް ބުނެ 2015 ވަނަ އަހަރު އެކުލަވާލި ސައުދީ-ކޯލީޝަނުން 2016 ވަނަ އަހަރު ޔަމަނުގެ ދިން ހަމަލާތަކުގެ ތެރެއިން 38 ހަމަލާއެއް އެޤައުމުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް އަމާޒުވެފައިވާ ކަމަށް އދ. އިން ބުނެއެވެ. އަދި މިހަމަލާތަކުގައި 683 ކުއްޖަކު މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށް އދ.ގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އދ. އިން އެކުލަވާލި ބްލެކްލިސްޓްގައި ޔަމަނުގެ ދާޚިލީ ހަނގުރާމާގައި ބައިވެރިވާ އެޤައުމުގެ އިދިކޮޅު ހޫޘީ ހަނގުރާމަވެރިންގެ ގްރޫޕާއި، ޔަމަނުގެ ސަރުކާރަށް ތާޢީދު ކުރާ ހަނގުރާމަވެރިންގެ ފައުޖާއި، ޔަމަނުގެ އަސްކަރިއްޔާ އަދި އަލްޤައިދާގެ އަރަބިއަން ޕެނިންސޫލާގެ ގޮފި ވަނީ ހިމަނާފައެވެ. މި ހުރިހާ ފަރާތެއްވެސް ބްލެކްލިސްޓް ކޮށްފައިވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި 2016 ވަނަ އަހަރު ދިން ހަމަލާތަކާއި ގުޅިގެންނެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ބުރާސްފަތި ދުވަހު ވަނީ، މިރިޕޯޓް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ.
ރިޕޯޓާއެކު އާއްމު ކުރި ބަޔާނެއްގައި ގުޓަރޭސް ވިދާޅުވީ، މިފަދަ ލިސްޓެއް އާއްމު ކުރުމުގެ ހަމައެކަނި ބޭނުމަކީ ހޭލުންތެރިކަން އިތުރުކުރުން ނޫން ކަމަށާއި، އޭގެ ތެރޭގައި ހަނގުރާމައިގެ ތެރޭގައި ކުޑަކުދިންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރުން ހިމެނޭ ކަމަށެވެ.
މިއީ ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހިމެނޭ ބްލެކްލިސްޓްގައި ސައުދީ-ކޯލީޝަން ހިމެނުނު ފުރަތަމަ ފަހަރެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމާގައި އެޤައުމުގެ އިދިކޮޅު ހޫޘީ ހަނގުރާމަވެރިންނާއި ދެކޮޅަށް ސަރުކާރުގެ ފައުޖުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަވާލާފައިވާ އިއްތިޙާދުގައި ހިމެނެނީ އެމެރިކާ އަދި ޔޫރަޕްގެ ބައެއް ޤައުމުތަކުގެ އިތުރުން ގަލްފްގެ އަރަބި ޤައުމުތަކާއި އެފްރިކާ އަދި އޭޝިއާގައި މުސްލިމުންގެ އާބާދީ ބޮޑު ބައެއް ޤައުމުތަކެވެ. މީގެ ތެރެއިން އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ތުރުކީ އަދި ބެލްޖިއަމް އިން އެހެނިހެން އެހީ ފޯރުކޮށްދޭއިރު، އަސްކަރީ އެހީދޭ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ކުވެއިތާއި ބަހްރެއިން އަދި ޔޫއޭއީ އާއި މިޞްރުގެ އިތުރުން އުރުދުން، މޮރޮކޯ، ސޫދާން، މެލޭޝިއާ އަދި ސެނެގޯލް އެވެ. މިއިއްތިޙާދުގައި ޤަތަރު ހިމެނުނު ނަމަވެސް، ސައުދީ އަރަބިއްޔާ އާއެކު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މިއަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ޤަތަރުން ވަނީ އިއްތިޙާދުން ވަކިވެފައެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އަސްކަރީ ފިޔަވަޅު އެޅުމަށް ދެކޮޅު ހަދާ ޤައުމުތަކުގެ ތެރޭގައި އީރާން، ޗައިނާ އަދި ރަޝިއާ ހިމެނެއެވެ.