ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 13:44
ސީއެންއާރުޕީގެ ލީޑަރު ކެމް ސޯޚާގެ ކަފާލާތުގެ އަޑުއެހުން ބޭއްވި އެޤައުމުގެ އެޕީލް ކޯޓުގެ ކައިރިއަށް އެއްވެ އެޕާޓީގެ ސަޕޯޓަރުން އަޑު އުފުލަނީ
ސީއެންއާރުޕީގެ ލީޑަރު ކެމް ސޯޚާގެ ކަފާލާތުގެ އަޑުއެހުން ބޭއްވި އެޤައުމުގެ އެޕީލް ކޯޓުގެ ކައިރިއަށް އެއްވެ އެޕާޓީގެ ސަޕޯޓަރުން އަޑު އުފުލަނީ
ރޮއިޓަރސް
ކެމްބޯޑިއާ
އިދިކޮޅު މައި ޕާޓީ އުވާލުމަށް ކެމްބޯޑިއާ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އެޕާޓީގެ ލީޑަރު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ހައްޔަރުކޮށްފަ
ސީއެންއާރުޕީ އާއި އެޕާޓީގެ ލީޑަރުގެ މައްޗަށް ސަރުކާރުން ވަނީ ޤައުމަށް ޣައްދާރުވުމުގެ ތުހުމަތު ކޮށްފަ

ކެމްބޯޑިއާގެ އިދިކޮޅު މައި ޕާޓީ އުވާލުމަށް އެޤައުމުގެ ސަރުކާރުން އެޤައުމުގެ ސުޕްރީމް ހުށަހަޅައިފި އެވެ.

ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ) އުވާލުމަށް އެޤައުމުގެ ސަރުކާރުން އެޤައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، އެޕާޓީން އެޤައުމުގައި ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން ރޭވި ކަމުގެ ތުހުމަތާއެކުގައެވެ.

ސީއެންއާރުޕީ އުވާލުމަށް އެޤައުމުގެ ސުޕްރީމް ކޯޓަށް ހުކުރު ދުވަހު ހުށަހެޅިކަން ޚާރިޖިއްޔާގެ ތަރުޖަމާނު ވަނީ ކަށަވަރު ކޮށްދީފަ އެވެ. ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ސީއެންއާރުޕީ އުވާލުމަށް ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅީ ސަރުކާރު ވައްޓާލުމަށް ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ސީއެންއާރުޕީއަކީ ކެމްބޯޑިއާގައި ވެރިކަން ކުރާ ޕީޕަލްސް ޕާޓީ ފިޔަވައި އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަމްސީލް ކުރާ ހަމައެކަނި ޕާޓީ އެވެ. ކެމްބޯޑިއާގެ މައި ދެޕާޓީ އާއި ގާތްކުރާ އަދަދަކަށް، އެހެން އެއްވެސް ޕާޓީއަކަށް ރައްޔިތުންގެ ތާޢީދާއި މަޤްބޫލުކަން ހޯދިފައެއް ނުވެ އެވެ.

ކެމްބޯޑިއާގައި 2013 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގައި ސީއެންއާރުޕީން ބޮޑެތި ކުރިއެރުންތަކެއް ހޯދުމާއެކު، ވެރިކަން ކުރާ ޕާޓީ އަދި ސަރުކާރުން ދަނީ އިދިކޮޅު ފަރާތްތަކަށް ފިއްތުންތައް ކުރިމަތިކުރުވައި ވެރިކަމުގެ ބާރުތައް ވަރުގަދަ ކުރަމުންނެވެ.

ކެމްބޯޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ޚިއޭއު ސޯފިއަކް ވިދާޅުވީ، އިދިކޮޅު ސީއެންއާރުޕީ އިން 'ކުލައިގެ އިންގިލާބު" ގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ސާފު ހެކި ސަރުކާރަށް ލިބިފައިވާ ކަމަށާއި، އެކަން ސާބިތު ކުރުމަށް 21 ހެއްކެއް ހުށަހަޅާނެ ކަމަށެވެ.

ސީއެންއާރުޕީ އުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، އެޕާޓީގެ ލީޑަރު ކެމް ސޯޚާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ހައްޔަރުކޮށްފަ އެވެ. ސޯޚާ މައްޗަށް ބޭރުގެ ފަރާތްތަކާއި ގުޅިގެން ޤައުމަށް ޣައްދާރުވުމުގެ ތުޙުމަތު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 30 އަހަރުގެ ޖަލު ޙުކުމެއް އަންނާނެ އެވެ.

ސީއެންއާރުޕީ އިން ވަނީ އެޕާޓީގެ މައްޗަށް ކުރާ ޤައުމަށް ޣައްދާރުވުމުގެ ތުހުމަތުތަކަށް ދެކޮޅު ހަދާފައެވެ. އަދި އެއީ ސިޔާސީ ތުހުމަތުތަކެއް ކަމަށް އެޕާޓީން ބުނެ އެވެ. ސީއެންއާރުޕީގެ ލީޑަރު ހައްޔަރު ކުރުމާއެކު، އެޕާޓީގެ އިސް ފަރާތްތައް ވަނީ ހައްޔަރު ކޮށްފާނެ ކަމުގެ ބިރަށް ޤައުމު ދޫކޮށް ފިއްލަވާފައެވެ.

ކެމްބޯޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރެއް ކަމަށްވާ މާއޯ މޮނިވާން ވަނީ، އެމެރިކާ އާ ގުޅިގެން ސީއެންއާރުޕީން ކެމްބޯޑިއާގައި ބަޣާވާތް ކުރަން އުޅުނު ކަމުގެ ތުޙުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި އެއީ ކެމްބޯޑިއާގެ ޑިމޮކްރެސީ ހަލާކޮށްލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ހައްޔަރު ކުރުމާއި ގުޅިގެން ހުޅަނގުގެ ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުން އަދި ނޫސްވެރިން ހައްޔަރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާއެކު، އަންނަ އަހަރު އެޤައުމުގައި ބާއްވާ އިންތިޚާބުގެ މިނިވަންކަމާއިމެދު އެޤައުމުތަކުން ސުވާލު އުފައްދަ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެންގެ ސަރުކާރުގެ އެންމެ ބޮޑު ބައިވެރިޔަކީ ޗައިނާ އެވެ. ޗައިނާ ސަރުކާރުން ވަނީ ކެމްބޯޑިއާ ސަރުކާރުން އެޤައުމުގައި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމް ކުރުމަށް ކުރާ މަސައްކަތަށް ތާޢީދު އޮތް ކަން ހާމަކޮށްފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ބޭއްވި ކެމްބޯޑިއާގެ އިންތިޚާބު ޕީޕަލްސް ޕާޓީ އަށް ކާމިޔާބުވީ ހަނި ތަފާތަކުންނެވެ. އެ އިންތިޚާބުގައި ޤާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތަކެއް އިދިކޮޅު ޕާޓީން ކާމިޔާބު ކުރިއިރު، އެއީ 1998 ވަނަ އަހަރު ކެމްބޯޑިއާ އަށް ޑިމޮކްރަސީ ގެނައި ފަހުން އިންތިޚާބެއްގައި ހުން ސެން އަށް ލިބުނު އެންމެ ދަށް ނަތީޖާ އެވެ.

މިދިޔަ ޖޫން މަހު ބޭއްވި ކެމްބޯޑިއާގެ ކޮމިއުނަލް ކައުންސިލްގެ އިންތިޚާބުގައި ވެރިކަން ކުރާ ޕީޕަލްސް ޕާޓީ އަށް ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހުނުއިރު، ބޮޑުވަޒީރު ހުން ސެންގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާއި އިދިކޮޅު ލީޑަރުންނާއި ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވަނީ އެކަމާއި ގުޅިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

މީގެ އިތުރުން ޓެކްސް ނުދައްކާ ކަމަށް ބުނެ ކެމްބޯޑިއާގައި އިނގިރޭސި ބަހުން ނެރޭ ނޫހެއް ކަމަށްވާ ކެމްބޯޑިއާ ޑެއިލީ ވަނީ އެޤައުމުގެ ސަރުކާރުން ބަންދުކޮށްފައެވެ. ކެމްބޯޑިއާ ސަރުކާރުގެ އެ ތުހުމަތަށް އެ ނޫހުން ދެކޮޅު ހަދައެވެ. މީގެ އިތުރުން ކެމްބޯޑިއާ ސަރުކާރުން ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދާ ޚިލާފުވި ކަމަށް ބުނެ، ރޭޑިއޯ ސްޓޭޝަންތަކެއް ބަންދު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް