ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 12:34
މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އަދި އެމެރިކާ ކުޅުނު މެޗުގެ ތެރެއިން
މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އަދި އެމެރިކާ ކުޅުނު މެޗުގެ ތެރެއިން
ގޫގުލް
17 އަހަރުން ދަށުގެ ވޯލްޑްކަޕް
17 އަހަރުން ދަށުގެ ވޯލްޑްކަޕް އިންޑިއާގައި ފަށައިފި
އިންޑިއާ ކުޅުނު ފުރަތަމަ މެޗުން އެމެރިކާ އަތުން ބަލިވެފައިވަނީ ތިން ލަނޑު ސުން ލަނޑުން
މި މުބާރާތް ހުޅުއްވައި ދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީ
މި މުބާރާތުގައި 24 ގައުމީ ޓީމަކުން ވާދަކުރާއިރު ޓީމުތަށް ވަނީ 6 ގްރޫޕަކަށް ބަހާލެވިފަ

ފީފާއިން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑްކަޕް އަވަށްޓެރި އިންޑިއާގައި ފަށައިފިއެވެ.

މި މުބާރާތަކީ އިންޑިއާގައި ފިފާގެ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އިންޑިއާގެ 6 ސިޓީއެއްގައި ކުރިޔަށްދާ މި މުބާރާތް ހުޅުއްވައި ދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީއެވެ. އިންޑިއާގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާރ ކުރިއެރުވުމަށް އިސްކަން ދިނުމުގެ ގޮތުން މި މުބާރާތް ފެށުމަށް ވަކި ޙައްސަ ރަސްމިއްޔާތެއް ފީފާއިން ބާއްވާފައެއް ނުވެއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ގާނާ އާއި ކޮލޮމްބިއާއެވެ. މި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ ގާނާއެވެ. މި މެޗުގެ ހަމައެކަނި ލަނޑު ގާނާއަށް ޖަހައިދިނީ އިބްރާހިމް ސާދިގްއެވެ. ނިއުޒިލޭންޑާއި ތުރުކީ ވާދަކުރި މެޗު އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެން ނިމުނު އިރު ނިއުޒިލޭންޑަށް ލަނޑު ޖަހައިދިނީ މެކްސް މާޓާއެވެ. އަދި ތުރުކީގެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދް ކުޓޫކޫއެވެ.

ފުރަތަމަ ދުވަހު ހަތަރު މެޗު ކުޅުނުއިރު ތިންވަނަ މެޗުގައި ވާދަކުރީ ޕެރަގުއޭ އާއި 2015 ވަނަ އަހަރު މި މުބާރާތުގެ ފައިނަލްގައި ވާދަކުރި މާލީއެވެ. މި މެޗު ފޯރިގަދަ ކުޅުމަކަށްފަހު ތިން ލަނޑު ދެ ލަނޑުން ކާމިޔާބުކުރީ ޕެރަގުއޭއެވެ. ޕެރަގުއޭގޭ ލަނޑުތަށް އެ ޓީމަށް ޖަހައިދިނީ އެންޓޯނިއޯ ގަލެއާނޯ، ސަންޗޭޒް ކޮހޭނާ އަދި ފްރޭންސިސްކޯ ރޮޑްރީގޭޒްއެވެ. މާލީގެ ލަނޑުތަށް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހާޖީ ޑްރާމޭ އާއި ލަސާނާ އެންޑިއާޔޭއެވެ.

މުޅިން އަލަށް ފީފާގެ މުބާރަތެއްގައި ވާދަކުރާ އިންޑިއާ، އެ ޓީމު ކުޅުނު ފުރަތަމަ މެޗުން އެމެރިކާ އަތުން ބަލިވެފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. ނިއުދެއްލީގެ ޖަވާހަރްލާލް ނެހެރޫ ސްޓޭޑިއަމްގައި 47000 ސަޕޯޓަރުންގެ ފަހަތުގައި ކުޅުނު އިންޑިއާގެ ޓީމުގެ ކޮޅަށް އެމެރިކާއިން ލަނޑު ޖެހީ ޖޯޝް ސާޖަންޓް، ކްރިސް ޑާކިން އަދި އެންޑްރޫ ކާލެޓަންއެވެ.

މި މުބާރާތުގައި 24 ގައުމީ ޓީމަކުން ވާދަކުރާއިރު ޓީމުތަށް ވަނީ 6 ގްރޫޕަކަށް ބަހާލެވިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމު ނޮކްއައުޓް ރައުންޑަށް ކޮލިފައިވާ އިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ނައިޖީރިއާ އަކީ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ކަމުގައި ވިޔަސް އެ ޓީމު މިފަހަރުގެ މުބާރާތަށް ކޮލިފައި ވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް